24 ޖެނުއަރީ 2024 - 12:15

ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ލަޝާ އެއާލައިން "ބިއޯންޑް"ގައި ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރީގޯ ރާއްޖެއަށް އަންނަން ފުރައިފި އެވެ.

ޖޯޖީނާ ވަނީ "ބިއޯންޑް"ގައި ނަގާފައިވާ ފޮޓޯތަކެއް އޭނާގެ ސްޓޯރީއަށް ހިއްސާކޮށްފަ އެވެ. ޖޯޖީނާ ހިއްސާކޮށްފައިވާ ޕޯސްޓުތަކުގައި ފެންނަނީ ޖޯޖީނާ އެކަންޏެވެ. ޖޯޖީނާގެ ސްޓޯރީއަށް ޕޯސްޓުކޮށްފައިވާ ފޮޓޯތައް ބިއޯންޑުން ވަނީ ކެޕްޝަންގައި "އެންޖޯއި މޯލްޑިވްސް" ލިޔެ ޝެއާކޮށްފަ އެވެ.
"ބިއޯންޑް" އަކީ ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ މި ފަދަ ޓޫރިސްޓުންނަށް ލަގްޒަރީ ތަޖުރިބާއެއް ދިނުމުގެ ގޮތުން ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރި އެއާލައިނެކެވެ. މި އެއާލައިނުގެ އަމާޒަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމެވެ. މި އެއާލައިނުގެ ބޯޓުތައް ފަރުމާކޮށްފައި ވަނީ ބިޒްނަސް ކްލާސް ފެންވަރުގަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ލޯންޗުކުރި މި އެއާލައިނުން މި ދިޔަ ނޮވެމްބަރު މަހު ވަނީ ސައުދީ އަރަބިއްޔާގެ ރިޔާޒް، ޖަރުމަނުގެ މިއުނިކް އަދި ސްވިޓްޒަލެންޑްގެ ޒިއުރިކް އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފަ އެވެ.
މި އެއާލައިނުން މި އަހަރު ތެރޭގައި އިތުރު ގައުމުތަކަށް ދަތުރުތައް ފަށާނެ އެވެ.