އިންޑިއާގެ އިގްތިސާދުގެ ކުރިއެރުން: ހިއްސާގެ ބާޒާރުގެ ސުޕަޕަވާތަކުގެ ސަފުގައި ހިމެނިގެންދިޔުން
އިންޑިއާގެ އިގްތިސާދުގެ ކުރިއެރުން: ހިއްސާގެ ބާޒާރުގެ ސުޕަޕަވާތަކުގެ ސަފުގައި ހިމެނިގެންދިޔުން

ދެހާސް ބާވީސް ވަނަ އަހަރު ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ގޮތުގައި އޮތް އިނގިރޭސިވިލާތުގެ މަގާމަށް އިންޑިއާގެ އިޤްތިޞާދު ވަނީ އަރާފައެވެ. އަދި އެއާއެކު 2023 ވަނަ އަހަރު، އެ ގައުމުގެ ހިއްސާގެ ބާޒާރުގެ ވެލިއުއޭޝަން، ހިއްސާގެ ބާޒާރުގެ ސުޕަޕަވަތަކުގެ ސަފުގައި ހިމެނުމުން، އިންޑިއާއަށް ވެގެންދިޔައައީ ކާމިޔާބު އަހަރެކެވެ.

‎ހިއްސާގެ ބާޒާރުގެ ވެލުއޭޝަންގައި އެމެރިކާ، ޗައިނާ، ޖަޕާން އަދި ހޮންގްކޮންގްގެ ފަހަތުގައި އޮތީ އެ ގައުމެވެ. މިއީ އިންޑިއާގެ ދެ ހިއްސާގެ ބާޒާރުގެ އެކްސްޗޭންޖް ކަމަށްވާ ނިފްޓީ އާއި ސެންސެކްސް އަށް ގިރާކުރެވުނު ބޮޑު ހަރުފަތެކެވެ. 2023 ވަނަ އަހަރު ނިފްޓީ 18.5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު، މިއަހަރު ސެންސެކްސް ވަނީ 17.3 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

‎އެގޮތުން އިންޑިއާގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ޖުމްލަ މާކެޓް ވެލިއު ވަނީ ހަތަރު ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ. މިއިން ދުނިޔޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދުނިޔޭގެ އިޤްތިޞާދުގެ އެކި ކަންކޮޅުތަކުގައި ފެންނަ އިންފްލޭޝަން ޓްރެންޑާ އެކު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ޤައުމުގެ އިޤްތިޞާދީ ޙާލަތު ދައްކުވައިދެއެވެ.

‎ނަމަވެސް އިންޑިއާގެ ސްޓޮކް އެކްސްޗޭންޖުގެ ކާމިޔާބީ އާއި އިންޑިއާގެ އިގްތިސާދުގެ ހާލަތު ދެނެގަތުމަށް ދުނިޔޭގެ އިގްތިސާދީ މާހައުލު އަލުން ބައްޓަން ކުރުމަކީ މުހިންމު ކަމެކެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަޕްޑޭޓްކުރި ދުނިޔޭގެ އިގްތިސާދީ އައުޓްލުކްގައި، ބައިނަލްއަގުވާމީ މަސްރަހުގައި އިންޑިއާ އިން އެހެން ހުރިހާ ގައުމަކަށް ވުރެ ބޮޑަށް ކުރިއަށް ޖައްސާލާފައިވާކަން ދައްކައެވެ. ދުނިޔޭގެ އިޤްތިޞާދީ ދުވެލި 2022 ވަނަ އަހަރު ހުރި 3.5 އިންސައްތައިން 2023 ވަނަ އަހަރު 3 އިންސައްތައަށް ދަށަށްދާނެކަމަށް ލަފާކޮށްފައިވެއެވެ. އިންޑިޔާއަށް އައިއެމްއެފުން އަންދާޒާކޮށްފައިވަނީ އަހަރަކު 6.3 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށާއި މިއީ 2022 ވަނަ އަހަރު އިޤްތިޞާދީ ކުރިއެރުމުގެ ނިސްބަތުން 7.2 އިންސައްތައަށްވުރެ ދަށް މިންވަރެކެވެ.

‎ހަމައެފަދައިން 2023 ވަނަ އަހަރު ދުނިޔޭގެ އިންފްލޭޝަން ރޭޓް 6.9 އިންސައްތައަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އެހެންނަމަވެސް، 2025 ވަނަ އަހަރާ ހަމަޔަށް، ޓާގެޓް ރޭޓުން ބޭރުގައި ދެމިއޮންނާނެ ކަމަށް ބެލެވޭތީ، ފެޑެރަލް ރިޒާވް އާއި ބޭންކް އޮފް އިންގްލެންޑް ފަދަ ބޮޑެތި މަރުކަޒީ ބޭންކުތަކުން ވަނީ މާކެޓް ލިކުއިޑިޓީ ދަށްކުރުމަށާއި، އޭގެ ފަހުން އިގްތިސާދީ ޑިމާންޑް ދަށްކުރުމުގެ ގޮތުން ބޭސް ރޭޓް މަތިކޮށްފަ އެވެ.

‎ނަމަވެސް 2023 ވަނަ އަހަރު އިންޑިއާއިން ވަނީ ކުއާޓާލީ ގްރޯތްރޭޓް އަންދާޒާކުރި މިންވަރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެފައެވެ. އިންޑިއާގެ އިޤްތިޞާދު ދެވަނަ ކުއާޓަރުގައި 7.8 އިންސައްތަ އަދި ތިންވަނަ ކުއާޓަރުގައި 7.6 އިންސައްތައިގެ ކުރިއެރުން ލިބިފައިވެއެވެ. މިއީ ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި 7.5 އިންސައްތަ އަދި 6.8 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް ލަފާކޮށްފައިވާ މިންވަރަށްވުރެ ބޮޑު ކުރިއެރުމެކެވެ. އަދި އިންޑިއާއިން ވަނީ އެގައުމުގެ އަހަރީ އެވްރެޖް ރީޓެއިލް އިންފްލޭޝަން 6 އިންސައްތައިގެ ތެރޭގައި މެނޭޖްކޮށް، ސިނާއީ އުފެއްދުންތެރިކަން (ދެވަނަ ކުއާޓަރުން ތިންވަނަ ކުއާޓަރު) 6.9 އިންސައްތަ އިތުރުކޮށްފައެވެ.

‎ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތަކުގެ ތެރޭގައި އިންޑިޔާގެ އިޤްތިޞާދުގެ ހަރުދަނާ ކާމިޔާބީއަކީ އިންވެސްޓަރުން އިންޑިއާއަށް އިތުބާރެވެ. އިންޑިއާގެ ހިއްސާގެ ބާޒާރުންވެސް އެކަން ފެނެއެވެ. ޑިސެމްބަރު މަހުގެ ފަހު ހަފުތާގައި އިންޑިއާގެ ހިއްސާގެ ބާޒާރުތަކަށް ތާރީޚީ ކުރިއެރުމެއް ލިބުނީ ބީއެސްއީގެ 30 ހިއްސާ ހިމެނޭ އިންޑެކްސް 72،000 މާކްސް ފަހަނައަޅައި ގޮސް، 50 ހިއްސާ ހިމެނޭ އެންއެސްއީ އިންޑެކްސް ފުރަތަމަ ފަހަރަށް 21،000 އިން މައްޗަށް ދިއުމުންނެވެ.

‎އެގޮތުން 2023 ވަނަ އަހަރު އިންޑިއާއަށް 20.2 ބިލިއަން ޑޮލަރުގެ ނެޓް ފޮރިން ޕޯޓްފޯލިއޯ އިންވެސްޓްމަންޓް (އެފްޕީއައި) ލިބިފައިވާއިރު، މިއީ ކުރިއަރަމުން އަންނަ މާކެޓްތަކުގައި އެންމެ މަތީ އަދަދެވެ. މީގެ ޖުމްލަ އެފްޕީއައިގެ އަގަކީ 723 ބިލިއަން ޑޮލަރެވެ. އިންޑިއާގެ ހިއްސާގެ ބާޒާރުގެ ކާމިޔާބީ އިތުރަށް އިތުރުވެފައިވަނީ 2023 ވަނަ އަހަރު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) 16 އިންސައްތަ ދަށަށް ގޮސް، 2022 ވަނަ އަހަރު 84.84 ބިލިއަން ޑޮލަރުން 2023 ވަނަ އަހަރު 70.97 ބިލިއަން ޑޮލަރަށް ދަށަށް ދިއުމުންނެވެ.

‎ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހީނަރުވެ، ދުނިޔޭގެ އިގްތިސާދު ދަށައް ގޮސް -3.1 ޕަސެންޓަށް ވެއްޓިފައެވެ. ނަމަވެސް އިންޑިއާއިން ދައްކާ ފައިވާ ކުރިއެރުމުގެ ރޭޓް މަތިވުމުގެ ސަބަބުން ދުނިޔޭގެ އިންވެސްޓަރުން އިންޑިއާގެ ކުންފުނިތަކަށް އެނބުރުނީ އެ މީހުންގެ އިންވެސްޓްމަންޓަށް ރަނގަޅު ފައިދާއެއް ހޯދުމަށެވެ. ދުނިޔޭގެ އިންވެސްޓަރުން އިންވެސްޓް ކުރުމަށް މިހާރަށް ވުރެ ފްލެކްސިބަލް އޮޕްޝަނެއް ހޯދަމުން އަންނައިރު، އިންޑިއާގެ އިގްތިސާދު ވަރުގަދަ ޕާފޯމަންސެއް ދެއްކުމުން އިންޑިއާގައި އެފްޕީއައި އިތުރުވެގެންދިޔައެވެ.

‎އިޤްތިޞާދީ ދުވެލި މިހާ ދެމެހެއްޓެނިވި ގޮތެއްގައި މައްޗަށް ދިއުމުގެ މައިގަނޑު ސަބަބުތައް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ އެކު އިންޑިއާގެ ސިޔާސީ ހަމަޖެހުމާއި، ޓެކްސް ނެގުން ކުޑަކުރުމަށް މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) ތަންފީޒުކުރުން، ޖޭއޭއެމް (ޖަންދާން - ބޭންކް އެކައުންޓްސް ވިތް ޒީރޯ ބެލެންސް ފޯ އޯލް، އަދާރް - ޔުނިކް އައިޑެންޓިފިކޭޝަން ނަމްބަރެއް، އަދި މޮބައިލް) ޓްރިނިޓީ ފަދަ މާކެޓް ރިފޯމްތައް ފެށުމުގައި ހަރަކާތްތެރިވަމުން އައުން ހިމެނެއެވެ. ފަޤީރުންނަށް ހިލޭ ކާޑު ބެހުމާއި، ނުރަސްމީ ދާއިރާ ރަސްމީކުރުމަށް ޑިޖިޓަލް ޕޭމަންޓްސް (ޔޫޕީއައި) އިންފްރާސްޓްރަކްޗަރ، އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަށް މޭކް އިން އިންޑިއާ، ސީއޭޑީ (ކަރަންޓް އެކައުންޓް ޑެފިސިޓް) ކުޑަކުރުމަށާއި، ޖީޑީޕީ، ސޯޝަލް ވެލްފެއަރ ސްކީމްތަކާއި، އިންޑިއާގެ އިންސާނީ ވަސީލަތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި އެކްސްޕޯޓް ކެޕޭސިޓީ އިތުރުކުރުމަށް ޕްރޮޑަކްޝަން ލިންކް އިންސެންޓިވްސް (ޕީ.އެލް.އައި) ސްކީމްތައް، ސްކިލް އިންޑިއާއިން ފާއިތުވި ނުވަ އަހަރުގެ ތެރޭގައި މިހާރު ހުރި ހުނަރުތަކާއި ސަރުކާރުން ސްޕޮންސާކޮށްފައިވާ އެހެނިހެން ގިނަ ސްކީމްތައް އަޕްގްރޭޑް ކުރުންވެސް ހިމެނެއެވެ. މި ހުރިހާ ފިޔަވަޅެއްގެ ސަބަބުން އިންޑިޔާއަށް ކުރިއެރުމުގެ ފުރުޞަތު މަގުފަހިވެފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެއްގަމާއި މަސައްކަތްތެރިންގެ ދާއިރާއިން ސިޔާސަތުތައް އިޞްލާޙުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބެލެވެއެވެ. ދެވަނަ ކަމަކީ، 2013-14 ވަނަ އަހަރުގެ މާލީ އަހަރާ އަޅާބަލާއިރު، ބޮޑުވަޒީރު މޯދީއިސްވެ ހުންނަވާ ޔޫނިއަން ސަރުކާރުގެ ކެޕިޓަލް ޚަރަދު 433 އިންސައްތަ (2023-24 ވަނަ އަހަރު 250 ބިލިއަން ޑޮލަރު) އިތުރުކޮށްފައިވާއިރު، ބަޖެޓުގައި އެންމެ ބޮޑު ބައެއް ހިމަނާފައިވަނީ ރޭލާއި، މަގުތަކާއި، ވައިގެ ބަނދަރުތަކާއި، އެއްގަމު ބަނދަރުތަކާއި، ހޮސްޕިޓަލްތަކާއި، ރިސަރޗް އިންސްޓިޓިއުޓްތަކާއި، ކެޕޭސިޓީ އުފެއްދުމުގެ އުމްރާނީ ތަރައްޤީއަށެވެ.

‎ކޮވިޑް-19 އަށް ފަހު ޖީޑީޕީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިގްތިސާދުގައި ޕްރައިވެޓް އިންވެސްޓްމަންޓް ތައް ހަރުދަނާވާނެ އެވެ. ކެޕިޓަލް ޚަރަދު ބޮޑުވުމުގެ ސަބަބުން އެތެރޭގެ ޑިމާންޑް އިތުރުވެފައިވާއިރު، ޕްރައިވެޓް ފައިނަލް ކޮންޒަމްޕްޝަން އެކްސްޕެންޑިޗަރ އަދި ގަވަރމަންޓް ފައިނަލް ކޮންޒަމްޕްޝަން އެކްސްޕެންޑިޗަރ ހިއްސާ ހުރީ 56.8 އިންސައްތަ އާއި 8.9 އިންސައްތައިގައެވެ. އެތެރޭގެ ޑިމާންޑް ވަރުގަދަވުމުގެ ސަބަބުން އިންޑިއާގެ އިގްތިސާދު ބޭރުގެ ޝޮކްތަކާއި ދުނިޔޭގެ އިގްތިސާދީ ގޮންޖެހުންތަކުން ސަލާމަތްވެއެވެ.

‎ތިންވަނަ ކަމަކީ، މަރުކަޒީ ސަރުކާރުން ކެޕިޓަލް ޚަރަދުކުރި މިންވަރު އިތުރުވެފައިވީ ނަމަވެސް، ފިސްކަލް ޑެފިސިޓް ދަށަށް ގޮސް، ބަޖެޓް އަންދާޒާތަކުގައި ފިސްކަލް ކޮންސޮލިޑޭޝަން މަގުގައި ސަރުކާރުން ދެމިތިބުމަކީ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިންޑިޔާގެ އިޤްތިޞާދަށް އިތުރުވަމުންދާ ކަމެކެވެ. ސަރުކާރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2023-24 ވަނަ އަހަރުގެ ފިސްކަލް ޑެފިސިޓްގެ 5.9 އިންސައްތަގެ އަމާޒަށް ވާސިލްވުމުގެ ފުރުސަތު އެންމެ ބޮޑީ ނެޓް ޑައިރެކްޓް ޓެކްސް ނެގުމުގައި 23.4 އިންސައްތަ (ޑިސެމްބަރު 23 އާ ހަމައަށް) އަދި ޖީއެސްޓީ ނެގުމުގައި 11.9 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމުގައި ބަލައިގެންނެވެ. މި ތަފާސް ހިސާބުތަކުން އިންޑިއާއަށް އަގުހެޔޮ އިންވެސްޓްމަންޓް ފަންޑުތައް ލިބުމަށް މަގުފަހިވެގެންދާއިރު، އިންވެސްޓްމަންޓް ޚަރަދާއި ޖީޑީޕީއަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ. އެކްސްޕޯޓް ލެސް އިމްޕޯޓްގެ އެކައުންޓެއް ކަމަށްވާ އިންޑިއާގެ ކަރަންޓް އެކައުންޓް ނެގެޓިވް (3-2023 ގެ ނިޔަލަށް 8.3 ބިލިއަން ޑޮލަރު) ރެކޯޑް ކޮށްފައިވީ ނަމަވެސް، ޑިސެމްބަރު 15، 2023 ގެ ނިޔަލަށް އިންޑިއާގެ ފޮރިން އެކްސްޗޭންޖް ރިޒާވް ހުރީ 616 ބިލިއަން ޑޮލަރެވެ.

‎ހަތަރުވަނަ ކަމަކީ، އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިޔާއިން އެޅި ޕްރޮއެކްޓިވް ފިޔަވަޅުތަކުގެ ސަބަބުން، އިންޑިއާގެ ބޭންކިންގ ސިސްޓަމް މިހާރު އޮތީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ދުޅަހެޔޮ ޙާލަތުގައެވެ. ރަނގަޅު ޕްރޮވިޝަންތަކާއި، ގެއްލުންހުރި ލޯނުތައް ވަގުތުން ރައިޓް އޮފް ކުރުމާއި، ނޮން ޕާފޯމިން އެސެޓްސް (އެންޕީއޭ) އަނބުރާ ހޯދުމަށް އިންސޮލްވެންސީ ކޯޑް ގާއިމުކުރުމާއި، ރީޓެއިލް އަދި ވިޔަފާރީގެ ކަސްޓަމަރުންނަށް މަރުކަޒީ ސަރުކާރުގެ ބޮޑު އެއްބާރުލުމާ އެކު، ހާއްސަކޮށް ކޮވިޑް-19 ގައި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ބޭންކުގެ ގެއްލުންވާ ލޯނުތައް ކުޑަކުރުމަށް މަގުފަހިވި ކަމަށާއި، މިހާރު 2023-24 ވަނަ އަހަރު ކްރެޑިޓް ގްރޯތް 15 އިންސައްތައަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާކުރެވިފައިވެއެވެ. ދުނިޔޭގެ މިފަދަ ހީނަރުކަމުގެ ތެރޭގައި ކްރެޑިޓް ގްރޯތް އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި މަނިޓަރީ ޕޮލިސީގެ ސަބަބުން އިންޑިޔާގެ އިޤްތިޞާދީ ހަރުދަނާ ޙަރަކާތްތަކާއި، ކޮންޒަމްޕްޝަން އަދި އިންވެސްޓްމަންޓް ޚަރަދުތަކަށް ބޭނުންވާ ފައިސާ ލިބެން ހުރިކަން އަންގައިދެއެވެ، އިންޓަގްރޭޓެޑް ޑިމާންޑް ސަޕްލައި މެނޭޖްމަންޓްގެ ޒަރިއްޔާއިން ދުނިޔޭގެ އިޤްތިޞާދަށް ރަނގަޅު އެކްސްޓަރނަލިޓީތަކެއް ލިބިގެންދާނެކަމަށްވެސް ބެލެވެއެވެ.

‎އެންމެ ފަހުގެ ވާހަކައަކީ 2023-24 ވަނަ އަހަރުގެ ބާކީ އޮތް ދެ ކުއާޓަރުގައި އިންޑިއާގެ އިގްތިސާދަށް މިއަށްވުރެ ރަނގަޅު ނަތީޖާއެއް އަންނާނެ ކަމަށް ބެލެވެ އެވެ. ކުއާޓަރ 4-23 އަކީ އިންޑިޔާގެ އުފަލާއި އުފާފާޅުކުރުމުގެ ކުއާޓަރެވެ. މީގެ އިތުރުން ޑިސެމްބަރު މަހުގެ ފަހު 15 ދުވަހު ވެސް އިންޑިއާގެ އެކި ސަރަހައްދުތަކަށް އެތެރޭގެ އަދި ބޭރުގެ ޓޫރިސްޓުން ގިނަ އެވެ. މިކަމުގެ ސަބަބުން ކޮންޒަމްޕްޝަން ޚަރަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

‎ޖުމްލަ ގޮތެއްގައި 2023 ވަނަ އަހަރަކީ އިންޑިއާގެ ކެޕިޓަލް މާކެޓަށް ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ އަހަރެކެވެ. އިންޑިއާ އިން ހުރިހާ އަންދާޒާތަކަކަށް ވުރެ ކުރި ހޯދާފައިވާއިރު، އިގްތިސާދީ ގިނަ އިންޑިކޭޓަރުތައް އޮތީ ދުޅަހެޔޮ ހާލަތެއްގައެވެ. ކައިރި މުސްތަގުބަލުގައިވެސް އިންޑިއާއިން އިތުރު ކުރިއެރުން ހޯދާ ހަރުދަނާވެ، އިގްތިސާދީ ހަރަކާތްތައް ފުޅާވެގެންދާނެކަމުގައި އިޝާރާތްކުރެއެވެ. މީގެން އެނގެނީ އިންޑިޔާގެ އިޤްތިޞާދަށް ދުނިޔޭގެ އިތުބާރު އޮތްކަމާއި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް އިޤްތިޞާދީގޮތުން ކުރީގައި އިންޑިއާ ދެމިއޮންނާނެކަން ބެލޭކަމެވެ.

އެޑިޓަރުގެ ނޯޓް: މިއީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ޝާއިއުކުރާ ލިޔުމެކެވެ. މި އާޓިކަލް ލިޔުއްވި ‎ޝިޝޫ ރަންޖަން އަކީ ބާކްލޭސް ބޭންކުގެ ވައިސް ޕްރެޒިޑެންޓްއެވެ. އަދި؛ އަޖިތު ޖާ އަކީ ނިއު ދިއްލީގެ އިންސްޓިޓިއުޓް އޮފް ސްޓަޑީޒް އިން އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް (އައިއެސްއައިޑީ)ގެ އެސިސްޓެންޓް ޕްރޮފެސަރެކެވެ.