30 ޖެނުއަރީ 2024 - 06:27

ސޯމާލިއާގެ ފޭރޭ މީހުން އަތުލައިގަތް ސްރީ ލަންކާގެ މަސްބޯޓާއި ސީޝެލްސްގެ މަސްބޯޓެއް އިއްޔެ ސަލާމަތްކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ފޭރިގަތް ލަންކާގެ މަސްބޯޓު "ލޮރެންޒޯ ޕުތާ - 4" އާއި އޭގެ ހަ ފަޅުވެރިން ސަލާމަތްކުރީ ސީޝެލްސްގެ ކަނޑުގެ ސިފައިންނެވެ. އީރާންގެ މަސްބޯޓެއް ކަމަށްވާ "އީމާން" އާއި އޭގެ 17 ފަޅުވެރިން ސަލާމަތްކުރީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ.
ޔަމަންގެ ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭން ފަށާފައި ވަނިކޮށް ސޯމާލިއާގެ ފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވެފައި މި ވަނީ ރަތްކަނޑުގެ ސަރަހައްދަށް ކަނޑުގެ ސިފައިންގެ މިސްރާބު ބަދަލުކޮށް ސޯމާލިއާގެ ފޭރޭ މީހުންނަށް ދޭ ސަމާލުކަން ކުޑަވެފައި ވަނިކޮށެވެ.
ހޫތީން ބޯޓުތަކަށް ހަމަލާ ދެމުން ދަނީ ފަލަސްތީނަށް އިޒްރޭލުން ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް ކަމަށް ބުނެ އެވެ.
އިންޑިއާގެ ކަނޑުގެ ސިފައިން ބުނީ އައިއެންއެސް ސުމިތުރާ މަނަވަރަށް އީރާންގެ މަސްބޯޓުން އެހީއަށް އެދި ސިގްނަލް ލިބުމާ އެކު ވަގުތުން ހަރަކާތެރިވާން ފެށި ކަމަށެވެ.
"މަސްބޯޓަށް އޭރު ތިބީ ފޭރޭ މީހުން އަރައި ފަޅުވެރިން ރަހީނުކޮށްގެން،" އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު، ކޮމާންޑަރު ވިވެކް މަދުވަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓުގައި ތިބި ފޭރޭ މީހުން ބޯޓު ދޫކޮށް ދާން މަޖުބޫރުކޮށް، ބޯޓާއި މީހުން ސަލާމަތްކުރީ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ސީޝެލްސްގެ ކަނޑުގެ ސިފައިން ވަނީ ލަންކާގެ މަސްބޯޓަށް އަރައި ތިބި ފޭރޭ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
"ސީޝެލްސްގެ ސްޕެޝަލް ފޯސްގެ ހިތްވަރުގަދަ ސިފައިން ބޯޓަށް އަރައި ފުރިހަމަ ކޮންޓްރޯލް ހޯދުމަށް ފަހު ސްރީ ލަންކާ މީހުން ވަނީ ސަލާމަތްކޮށްފައި،" ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އެންމެ ބޮޑަށް އިތުރުވީ 2011 ވަނަ އަހަރު އެވެ. ސޯމާލިއާގެ އައްސޭރިއާ 2،270 މޭލު ދުރުން އިންޑިއާ ކަނޑުގެ ތެރޭގައި ވެސް ފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމަށް ފަހު މިދިޔަ އަހަރުތަކުގައި ވަނީ މިކަން ވަރަށް ބޮޑަށް މަދުވެފަ އެވެ. މިދިޔަ މަހު ސޯމާލިއާ މީހުން ވަނީ މޯލްޓާގެ ދިދާގައި ދަތުރުކުރި ބަލްގޭރިއާގެ ބަލްކް ކެރިއަރު އެމްވީ ރުއެން ފޭރިގެންފަ އެވެ. މި ބޯޓުން ޒަހަމްވި ފަޅުވެރިއަކު އިންޑިއާ ސިފައިންނާ ހަވާލުކުރުމަށް ފަހު ދެން ތިބި 17 މީހުން ވަނީ ސޯމާލިއާއަށް ގެންގޮސްފަ އެވެ. --އޭއެފްޕީ