14 ފެބުރުއަރީ 2017 - 13:25

މެދު ރާއްޖެތެރޭގެ ކަނޑުތައް މިދުވަަސް ވަރު ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މެދު ރާއްޖެތެރެއަށް މި ދުވަސްވަރު، 20-25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އެހެންވެ، ކަނޑު ވެސް ވަރަށް ގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެދު ރާއްޖެތެރޭގެ އަތޮޅުތަކަކީ ޅ. އިން ފެށިގެން ލ. އާ ދެމެދުގެ އަތޮޅުތަކެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށް ވައި ޖެހެނީ 17-23 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ.
މެޓުން ވަނީ ވައި ގަދަ ވުމުގެ ސަަބަބުން ށ އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ހިސާބުތަކަށް އިއްޔެ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
ކަނޑުގެ ބާނިތަައް ބިޔަވުމުން އުތުރުގެ ރަށްރަށަށް ކޮންމެވެސް ވަރަކަށް އުދަ ވެސް ވަނީ އަރާފަ އެވެ.
"އާއްމުކޮށް އުދަ އަރާ ރަށްރަށަށް މިހާ ކަނޑު ގަދަވުމުން އުދަ އަރާނެ. އެކަމަކު އާދަޔާ ހިލާފަށް ބޮޑަށް އަރާނެ ކަމަކަށް ނުފެނޭ،" މެޓްގެ އޮފިޝަލް ވިދާޅުވި އެވެ.
ކަނޑު ގަދަވުމުގެ ސަބަބުން ރާއްޖެ އެކި ހިސާބުތަކުން އިއްޔެ އާއި މިއަދު ވަނީ ދެ އުޅަނދެއް ފެތިފަ އެވެ.
އެގޮތުން ރ. މަޑުއްވަރީން ފެން ބަރުކޮށްގެން، ރިސޯޓަކަށް ދަތުރުކުރި ދޯންޏެއް ތިން މީހުންނާ އެކު އިއްޔެ ބަންޑުން ޖަހާލައި އަޑިއަށް ދިޔަ އިރު، ޅ. ކުރެންދޫން ފުރައިގެން ކ. ހިންމަފުއްޓަށް މިއަދު ދަތުރުކުރިި ދޯންޏެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި އެވެ. މި ދެ ހާދިސާގައި ވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މެޓުން ބުނީ ކަނޑު ގަދަ ދުވަސްވަރަކަށް ވާތީ މާ ބަރުކޮށްގެން ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށެވެ.