01 ފެބުރުއަރީ 2024 - 19:36

އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ 93 ދާއިރާގެ ކެންޑިޑޭޓުންގެ ބަހުސެއް ބާއްވަން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ނިންމައިފި އެވެ.
އެ ކުންފުނީގެ އިސްވެރިއަކު މިރޭ ވިދާޅުވީ، އެ ބަހުސް ފަށާނީ މި މަހުގެ 20 ގައި ކަމަށެވެ. ކޮންމެ ދުވަހަކު ފަސް ދާއިރާއެއްގެ ކެންޑިޑޭޓުންގެ ބަހުސް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބަހުސް ދައްކާނީ ޕީއެސްއެމްގެ ޗެނަލް "ޔޭސް ޓީވީ" އިންނެވެ.
"ސިޓީ ކައުންސިލްތަކުގެ ދާއިރާތަކުގެ ބަހުސް ބާއްވާނީ އެ ސިޓީއެއްގައި. އެހެންވެ، މާލެ އާއި ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑޫގެ ދާއިރާތަކުގެ ބަހުސް އޮންނާނީ އެ ސިޓީތަކުގައި،" އޮފިޝަލް ވިދާޅުވި އެވެ.
ޕީއެސްއެމުން ނިންމާފައި ވަނީ މާލޭގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ބަހުސް އިން އެ ޕްރޮގްރާމް ފަށާ ގޮތަށެވެ. އޭގެ ފަހުން ހއ. އިން ފެށިގެން އައްޑުއާ ހަމައަށް ތަރުތީބުން ބަހުސް ބާއްވާނެ އެވެ.
"މި ގޮތަށް ކުރިއަށް ދިޔައީމާ ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން އަޅުގަނޑުމެންނަށް ބަހުސްތައް ނިންމައިލެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ޕީއެސްއެމުން މަސައްކަތް ކުރަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބަހުސް ބާއްވާށެވެ.
ޕީއެސްއެމުން މި ފަހަރު ނިންމާފައި ވަނީ ކެންޑިޑޭޓުންނާ ސުވާލު ކުރުމުގެ ފުރުސަތު އާންމުނަނށް ހުޅުވައިލާށެވެ. އެހެންވެ، އާންމުން ފޮނުވާ ސުވާލުތަކުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ކަނޑައަޅާ ސުވާލުތަކަށް ކެންޑިޑޭޓުން މެދުވެރިކޮށް ޖަވާބު ދޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ 93 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލީ މިދިޔަ އަންގާރަ ދުވަހު އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 14 އެވެ. ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 2:00-4:00 އަށެވެ.