ކޮންމެ މީހަކު ވެސް އެހެން މީހުންނާ މެދު ވިސްނަން ޖެހޭ
ކޮންމެ މީހަކު ވެސް އެހެން މީހުންނާ މެދު ވިސްނަން ޖެހޭ

އިންސާނީ ތަބީއަތަށް ބަލާއިރު އެކަކު އަނެކަކާ ގުޅިގެން ނޫނީ ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. މާތްﷲ އިންސާނުން ހައްދަވާފައި ވަނީ އިންސާނީ ނަސްލުގެ އެހެން މީހުންނާ ގުޅިގެން އުޅޭ ގޮތަށެވެ. މިކަން މިހެން އޮތް ނަމަވެސް އިންސާނާގެ ކިބައިގައިވާ އެހެން ތަބީއަތްތަކަށް ބަލާއިރު ކޮންމެ އިންސާނެއްގެ ވެސް ބޭނުންތަކަކާއި އެދުންތަކެއް އަބަދުވެސް އޮވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެހެން މީހުންނާ އެކި ކަހަލަ މުއާމަލާތުތައް ކުރަން ޖެހޭއިރު އިންސާނީ ޣަރީޒާތަކުގެ ނުބައި އަސަރު އެހެން މީހުންނަށް ބައެއް ފަހަރު ފޯރައެވެ.

އެހެން މީހުންގެ ހައްގުތައް ނިގުޅައި ގަނެވޭ ގޮތް ވެ އެވެ. ނަމަވެސް އިސްލާމް ދީނަކީ ކޮންމެ އިންސާނަކަށް ވެސް އެ އިންސާނަކަށް ލިބެން ޖެހޭ އަސާސީ ހައްގުތައް ކަނޑައަޅުއްވާފައިވާ ދީނެކެވެ. އެހެންކަމުން ކޮންމެ އިންސާނަކު ވެސް އެހެން އިންސާނުންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކެއް ވެ އެވެ.

އެހެން މީހުންނަށް އަދާކުރަން ޖެހޭ ހައްގުތަކުގެ އެންމެ ކުރިއަށް އަންނަނީ ގާތްތިމާގެ މީހުންނެވެ. ގާތްތިމާގެ މީހުންނަކީ ތިމާގެ ދިރިއުޅުމުގައި އާންމުކޮށް އެކިއެކި މުއާމަލާތުތަކުގައި އެންމެ ބޮޑަށް ގުޅެން ޖެހިފައިވާ މީހުންނެވެ. މިގޮތަށް ގުޅިގެން އުޅުމުގައި މި މީހުންނަށްޓަކައި ހައްގުތަކެއް އަދާކުރުމަށް އިސްލާމް ދީން އަމުރު ކުރެ އެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރިވެތި ޚުލްގު އެ މީހުންނާ މެދު އަބަދުވެސް ބޭނުންކުރަން ގޮވާލަ އެވެ. އެ މީހުންނަށް ގޯނާއެއްކޮށް، ހަޑިހުތުރު ބަސްތައް ރައްދު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަބަދުވެސް އެ މީހުންނަށް ވާގިވެރިވުމަކީ އިސްލާމް ދީން އެދޭ ގޮތެވެ. އެ އިން މީހަކު ބަލިވެއްޖެ ނަމަ ގޮވާލަން ދިއުމާއި ނިޔާވެއްޖެ ނަމަ ޖަނާޒާގައި ބައިވެރިވުމާއި މުސީބާތެއް ކުރިމަތިވެއްޖެ ނަމަ ހިތްވަރުދީ އެހީތެރިވުމާއި އެ މީހުންގެ ތެރެއިން ފަގީރުންނާއި މިސްކީނުންނާއި ނުކުޅެދޭ މީހުންނަށް ވާގިވެރިވުމާއި ޔަތީމުންނަށް އޯގާތެރިވުމާއި މަސައްކަތެއް ލިބިފައިނުވާ މީހާ އަށް މަސައްކަތެއް ހޯދައިދިނުމުގައި އެހީތެރިވުމާއި މިފަދަ ކަންތައްތަކަކީ ވެސް ހަމަ އެ މީހުންނަށްޓަކައި އަދާކުރަން ޖެހޭ ހައްގުތަކެވެ.

އިސްލާމް ދީނުގައި އެހެން މީހުންނަށް އަދާކުރަން ޖެހޭ ހައްގުތައް ތިމާގެ މީހުންނާއި އަވަށްޓެރިންނާއި ރައްޓެހިންނާއި އެއް މުޖުތަމައުގެ މީހުންނާ ހަމައިން ނިމިގެންނެއް ނުދެ އެވެ. އެ އަށް ވުރެ ބޭރަށް އެ ހައްގުތައް ފޯރުވާން ޖެހެ އެވެ. މުޅި ދުނިޔޭގައިވާ ހުރިހާ އެންމެންނަކީ ވެސް އެހެން މުސްލިމުންގެ ފަރާތުން ހައްގުތަކެއް ލިބެން ޖެހޭ ބައެކެވެ. އެހެންކަމުން ހުރިހާ މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ގާއިމުކޮށް ހެޔޮކަންތަކާއި ތަގުވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރުއަޅައިދޭ ގަވައިދުތަކެއް އިސްލާމީ ޝަރީއަތުގައި ވަނީ އެކުލެވިފަ އެވެ.

އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ފުރަތަމަ ކަމަކަށް އިޖުތިމާއީ އަޚްލާގު ހިފެހެއްޓުމުގެ ގޮތުން މަހްރަމުން ފިޔަވައި އެހެން އަންހެނުންނާއި ފިރިހެނުން، މުޅިން ދޫކޮށްލެވިފައިވާ މިނިވަންކަމަކާ އެކު އުޅުން އިސްލާމް ދީން ހުއްދައެއް ނުކުރެ އެވެ. ދިރިއުޅުމުގެ އެކިއެކި ކަންތައްތަކުގައި ހިލޭ އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތް ކުރަން ޖެހެ އެވެ. މިއީ އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް މި ކަމުގައި ގަވައިދުތަކަކާއި އުސޫލުތަކެއް ވެ އެވެ. އެންމެ ފުރަތަމަ ކަމަކީ ކުރެވޭ މުއާމަލާތުތައް ދީނީ ހަމަތަކުގެ މަތިން ސައްހަވުމެވެ. ދެ ވަނަ ކަމަކީ އަންހެނުންނާއި ފިރިހެނުން ވެސް އެ މީހުންގެ އިއްފަތްތެރިކަން ދެމެހެއްޓުމެވެ. އިސްލާމްދީން އެދޭ ފަދަ ނިވާކަން ބޮޑު ހެދުން އެޅުމެވެ.

އެންމެހާ މީސްތަކުންގެ އަޚްލާޤު ރަނގަޅު ގޮތުގައި ހިފެހެއްޓުމަށްޓަކައި، އަޚްލާޤު ފަސާދަވާ ފަދަ މުނިފޫހިފިލުވުމާއި ކުޅިވަރުތަކަކީ އިސްލާމް ދީން ލޯބިކުރާ ކަންތައްތަކެއް ނޫނެވެ. މުނިފޫހިފިލުވުމަކީ އިސްލާމީ ނަޒަރުން ބަލާ އިރު އޭގެ ޒާތުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެނީ ދިރިއުޅުމުގެ ބުރަ ވަޒީފާ އަދާކުރަމުންދާ އިރު ހިތްތަކަށް ރާހަތެއް ލިބުން ކޮންމެހެން ބޭނުންވާނެ އެވެ. ނަމަވެސް މިގޮތުން ކުރާ ކަންތައްތައް ދީން މަނާކުރާ ކަމަކަށް ވެގެންނެއް ނުވާނެ އެވެ. އަދި ތިމާގެ ސިއްހަތާއި މުދާ ގެއްލިގެންދާ ފަދަ ގޮތެއްގައި ކުރެވޭ ކަމަކަށް ވެސް ވެގެން ނުވާނެ އެވެ.

ތިން ވަނަ ކަމަކަށް މުސްލިމް ޖަމާއަތުގެ ވަޙުދަތާއި ބާއްޖަވެރިކަން ދެމެހެއްޓުމަށްޓަކައި، މުސްލިމުންގެ މެދުގައި ދެބަސްވުން އިސްލާމް ދީން ވަނީ މަނާކޮށްފަ އެވެ. ދެބަސްވާ ފަދަ ކޮންމެ ކަމެއް ދިމާވިއަސް އެކަމުގެ ހައްލު ހޯދުމަށް އިސްލާމް ދީނުގެ އަސްލަށް ރުޖޫއަވާން ޖެހެ އެވެ. ކީރިތި ޤުރުއާނަށާއި މާތްރަސޫލާގެ ސުންނަތަށް ރުޖޫއަވާން ޖެހެ އެވެ.

އަނެއް މުހިންމު ކަމަކީ ދީނީ ގޮތުން ކޮންމެހެން ދެނެގަންނަން ޖެހޭ ކަންތައްތަކުގެ އިތުރަށް ދުނިޔަވީ އެކިއެކި އިލްމުތަކާއި ފަންނުތައް ދަސްކުރުމަކީ ވެސް އިސްލާމީ ނަޒަރުން ބަލާ އިރު ދީނީ ކަމެކެވެ. އެހެނީ ދީނާއި ދުނިޔެ އަކީ އިސްލާމީ ނަޒަރުގައި ވަކި ނުކުރެވޭނެ ދެ އެއްޗެވެ. އިލްމު ހޯދުމުގައި މުސްލިމް ނޫން މީހުންގެ ފަރާތުން ވެސް އެކަންކަން ދެނެގަންނަން ޖެހެ އެވެ. ނަމަވެސް ހުރިހާ ކަމެއްގައި އެ މީހުން ކޮޕީ ކުރުމަކީ އޮތް ކަމެއް ނޫނެވެ. އެ މީހުންގެ ކިބައިން އެނގި ދަސްވާ ކަންތައްތަކުގެ ތެރެއިން މުސްލިމުން ތަބާވާން ޖެހޭނީ ހަމައެކަނި އިސްލާމް ދީނާ ޚިލާފު ނުވާ ކަންކަމަށެވެ.

ދެން ސަމާލުކަން ދޭން ޖެހޭ ކަމަކީ މުސްލިމުން ޣައިރު މުސްލިމުންނާ މުއާމަލާތު ކުރަންވާނީ އެމީހުންނަށް އަދުލުވެރި ވެވޭ ފަދަ ގޮތެއްގަ އެވެ. އެމީހުން ގަބޫލު ކުރާ ކަލާނގެތަކަށް (އެއީ ހައްގު ނޫން ކަމުގައިވާ އިރު ވެސް) ހުތުރު ބަސްތައް ރައްދުކޮށް މަލާމާތް ކުރުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫނެވެ. އެ މީހުންނާ ދެކޮޅުވެރިކަމެއް އަދާވަތްތެރިކަމެއް އިސްވެ ބާއްވައިގެން ނުވާނެ އެވެ. އެ މީހުން ސުލްހަވެރިކަމާ އެކު މުސްލިމުންނާ ގުޅުން ބާއްވަން ބޭނުންވާ ހިނދަކު އެމީހުންގެ ހައްގުތައް ވެސް ރައްކާތެރިކޮށްދޭން ޖެހެ އެވެ. މުސްލިމުންގެ ހައްގަކަށް އެ މީހުން އަރައިގަތުމުން ނޫނީ ދެކޮޅުވެރިކަމެއް ބާއްވައި އަދި ހަނގުރާމަ ކުރުމެއް ވެސް ނެތެވެ.

މިފަދަ ގަވައިދުތަކުގައި ކޮންމެ މުސްލިމަކު ވެސް ހިފަހައްޓަން ޖެހެ އެވެ. އެއީ ކޮންމެ މުސްލިމަކު ވެސް އެ މީހާ ނޫން އެހެން މީހުންނާ މުއާމަލާތު ކުރުމުގައި ގެންގުޅެން ޖެހޭ ގަވައިދުތަކެކެވެ.