04 ފެބުރުއަރީ 2024 - 06:55

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި އިޒްރޭލު ސިފައިންނަށް ހަމާސް އިން ދޭ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން ގައުމުތަކުން ތައްޔާރުކުރި ހުށަހެޅުން މިހާރު ލިބިފައިވާ ކަމަށާއި އެކަމަކު އަދި އެއްބަސްވުމަކަށް ނާދެވޭ ކަމަށް ހަމާސް އިން އިއްޔެ ބުނެފި އެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން ލުބްނާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ހަތަރު މަސް ކުރިން ފެށި ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އިޒްރޭލު، ގަތަރު، މިސްރު އަދި އެމެރިކާއިން އެކުލަވާލި ހުށަހެޅުން މިހާރު ވަނީ ހަމާސް އަށް ލިބިފައި ކަމަށެވެ.
އެކަމަކު ހަމްދާން ވިދާޅުވީ އެ ހުށަހަޅުމާ މެދު ހަމާސް އިން ދެކޭ ގޮތް ހާމަކުރުމަށް އަދި ވަގުތު ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ވީ އެންމެ އަވަހަކަށް ނިމުމަކަށް ގެނެވޭނެ ކޮންމެ ހުށަހެޅުމަކާ މެދު މަޝްވަރާކުރުމަށް އަބަދުވެސް ތައްޔާރު ކަމަށް ހަމާސް އިން އަބަދުވެސް ބުނަމުން އަންނަ ކަމަށެވެ.
ހަމާސްގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގައި އޮތީ ވަގުތީ ގޮތުން ހަ ހަފްތާއަށް ހަމަލާތައް މެދުކަނޑާލައި އެ މުއްދަތުގައި ރަހީނުންގެ ތެރެއިން ބައެއް މީހުންނާއި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ބައެއް މީހުން މިނިވަންކުރުމެވެ.
ހަމްދާން ވިދާޅުވީ ހުށަހެޅުމާ މެދު ހަމާސް އިން ދެކޭ ގޮތް ކަމަށް ބުނެ އިޒްރޭލުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ހަމަލާތައް ހުއްޓާލުމުގެ ކޮންމެ އިސްނެގުމަކަށް އިޒްރޭލުން މިހާތަނަށް ދެކޮޅުހަދާފައިވާ ކަމަށާއި އެއީ އިޒްރޭލުން ހަމަލާ ދިނުން ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށެވެ.
ހަމާސްގެ ކޮންޓްރޯލް އޮންނަ ޣައްޒާއަށް އިޒްރޭލުން މިފަހަރު ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކެއްގައި 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. މި ހަމަލާތަކާ ގުޅިގެން ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 27،238 މީހަކު މިހާތަނަށް ވަނީ ޝަހީދުވެފަ އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނެވެ. --އޭއެފްޕީ