15 ފެބުރުއަރީ 2017 - 05:55

ފޮޓޯކެމެރާގެ އަލި ކަނޑައިގެން ނުދެއެވެ. ލޯ ތަރަތަރަޖަހައިގެން ދާހާ ވެއެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިން އައިސް ހޯލު ފުރައިލިއެވެ. ސަލާންކުރާ މީހުންގެ ސަފު ވަރަށް ދިގެވެ. އަހަރެންގެ އެއް އަތުގައި އޮތީ މާބޮނޑިއެކެވެ. އަހަރެންގެ ގާތުގައި ހުރީ ނަޒީހެވެ. އަހަރެންގެ ލޯބިވެރިޔާއެވެ. އަހަރެންގެ އަތުން ދޫނުކުރެއެވެ. ހިތްހެޔޮ މުރާލި މީހެކެވެ. އޯގާތެރި ރީތި މީހެކެވެ.
"ތިހާ ލޯބިވާ އަންބެއް ލިބޭނީ ނަސީބުވެރިއަކަށް." ދަނޑިވަޅެއް ހޯދައިފައި ނަޒީހު ސިއްރުސިއްރުން ބުނެލިއެވެ.
"ޝުކުރިއްޔާ!" އަހަރެން އުފަލާއެކުގައި ބަލައިގަތީމެވެ.
އަހަރެންގެ ޢާއިލާގެ އެއްވެސް މީހަކަށް އެ ފަދަ ފިރިއެއް ނުލިބެއެވެ. ކައިވެނީގެ ޙަފުލާއަށް ޓަކައި ވަރަށް ގިނަ ފައިސާ އޭނަ އެއްކުރިއެވެ. އަހަރެންގެ ހެދުން ވަރަށް ރީއްޗެވެ. އަހަރެންގެ އިނގިލީގައި އެޅުވި އަނގޮޓީގައިވާ އެސް ކިތަންމެ ކުޑަޔަސް އެއީ އަލިމަހެކެވެ. ތަން ޒީނަތްތެރިކޮށްފައިވާ ގޮތް ވަރަށް އެކަށޭނައެވެ. ކުލަބޮކިތައް ވިދާބެބުޅިއެވެ. ސުފުރާމަތި ތަނަވަހެވެ. އެކި ޤައުމުގެ ރަހަތަކެވެ. ވަގުތުން ކުޅޭ މިޔުޒިކުބޭންޑު ކުޅަދާނަވެފައި މަޝްހޫރެވެ. އެދުނު ކޮންމެ ލަވައެއް ވަގުތުން ކުޅެދެއެވެ. ކިހާ ހިތްގައިމު ހެއްޔެވެ؟ ކިހާ ފުރިހަމަ ހެއްޔެވެ؟ އަހަރުމެންގެ ކައިވެންޏަކީ އެގާރަ އަހަރުއްސުރެ ކުރި އުންމީދެއްގެ އުފާވެރި ނިމުމެވެ. ނޫނެކެވެ. އެއީ ފެށުމެވެ.
ޙަފުލާ ނިންމައިފައި އަހަރުމެން ދިޔައީ ރިސޯޓަކަށެވެ. ދެ ރޭ އެ ތަނުގައި ހޭދަކުރީމެވެ. ފިކުރެއް ޚިޔާލެއް ނެތެވެ. މާލޭގެ ހަލަބޮލި މާޙައުލާ ދުރެވެ. ހަނދުވަރު ރީތި ރޭތަކެވެ. ދުނިޔަވީ ވާހަކަދެއްކުމުގައި އެތައް ވަގުތެއް ހޭދަކުރީމެވެ. އެނދުމަތީގައެވެ. ގޮނޑުދޮށުގައެވެ. ކޮފީޝޮޕުގައެވެ. ހިނދުކޮޅަކަށް ވިޔަސް އަހަރެން ލޯމަތިން ގެއްލޭކަށް ނަޒީހު ބޭނުމެއް ނޫނެވެ. އޭނަގެ ފޯނު އޮތީ ނިއްވައިލައިފައެވެ. އޮފީހާއި ރައްޓެހިންގެ ކޯލަކަށް ވެސް ފުރުޞަތެއް ނެތެވެ. ހަމަ އެކަނި އަހަންނަށްޓަކައެވެ. އަހަންނާ ހެދި އޭނަ ހުންނަނީ މޮޔަވެފައެވެ. ރައްޓެހިވީއްސުރެ އެ ކަން އޮތީ އެ ގޮތަށެވެ.
"ޝުކުރިއްޔާ!" އަހަރެން ހިތުގެއަޑިން އެ ކަން ބަލައިގަތީމެވެ.
"އޭނ؟ ކޮންކަމަކާ؟" ނަޒީހު ސުވާލުކުރިއެވެ.
"ނުބުނާނަން!" އަހަރެން ބުނެލީމެވެ.
ނިމުމެއް ނާންނާނެހެން ހީވި އުފާވެރި ހުވަފެނެއްގައި އުޅުމަށް ފަހު މާލެއައީމެވެ. ހަޔާތާ ކުރިމަތިލީމެވެ. އަހަރުމެން ދިރިއުޅުނީ ނަޒީހުގެ ގޭގައި ނަޒީހުގެ އެޕާޓުމަންޓުގައެވެ. އަހަރުމެން ދެމަފިރިން އެކަންޏެވެ. ފުރަތަމަ ދެތިން މަހު އަހަރުމެން ވަރަށް ގިނަ ވަގުތު އެކުގައި ހޭދަކުރީމެވެ. އަހަރުމެންގެ ސަމާސާކުރުމަކަށް ބަދަލެއް ނާދެއެވެ. އެކަކުއަނެކަކަށް މެސެޖުތައް ވެސް ބަދަލުކުރީމެވެ. އެކަކު މެސެޖެއް ފޮނުވައިފިއްޔާ އަނެކަކު ވަގުތުން ޖަވާބު ދޭނެއެވެ. ރައްޓެހިވެގެން އުޅުނުއިރު ދެއްކި ކަހަލަ މަޖާ ވާހަކަތައް ދެއްކީމެވެ. ރޭގަނޑު ސައިކަލުދުއްވައިލަން ވެސް ދަމެވެ. ކޮޕީބޯން ތަންތަނަށް ވެސް ވަންނަމެވެ. އެކުގައި ޓީވީބަލަން ތިބެމެވެ. ނިދެންދެން ވާހަކަދައްކަން ތިބެމެވެ.
ފުރަތަމަ ބަދަލުވީ މެސެޖަށް ޖަވާބުދިނުމުގައި އަހަރުމެން ގެންގުޅުނު އުސޫލެވެ. ޖަވާބުދޭން ހަނދާންނެތެން ފެށީއެވެ. ވަރަށް ކުޑަކުޑަ ކަމެކެވެ. ކޮންމެ ރެއަކު ސައިކަލުދުއްވަން ނުދެވެން ފެށިއެވެ. ކުޑަކުޑަ ކަމެކެވެ. ކޮންމެ ރެއަކު ދިޔުން ލާޒިމެއް ނޫނެވެ. އޮފީހުގައި އުޅެންޖެހޭލެއް ބުރަކަމުން އެނދުގައި އޮށޯންނައިރަށް ދެ މީހުންނަށް ވެސް ނިދެއެވެ. ބޮޑު ކަމެއް ނޫނެވެ. އެނދުގައި އޮށޯންނަނީ ނިދާށެވެ. ވާހަކަދައްކަން އެހެން ވަގުތު ލިބެންޏާ އެ ނިމުނީއެވެ. އެކުގައި ޓީވީ ބެލުން ހުއްޓުނެވެ. ބަލާ ވައްތަރުތައް ތަފާތުވީމައެވެ. އެއީ އާންމު އުސޫލެކެވެ. އެކަކު ޓީވީ ބަލާއިރު އަނެކަކު އިންނަނީ ފޯނުން އަމިއްލަ ދުނިޔެއެއްގައެވެ. ތިބެނީ ގާތުގައެވެ. މައްސަލައެއް ނޫނެވެ.
ދުވަސްވީ ވަރަކަށް ކުރާނެ ކަންތައް އިތުރުވިއެވެ. ޒިންމާތައް ގިނަވިއެވެ. އެކަމަކު، އަހަރެން އޮފީހަށް ލާށާއި ބަލާއަންނަން ނަޒީހު ހަނދާން ބަހައްޓައެވެ. އޮފީސްދަތުރުތަކުގައި ނަޒީހު ތަންތަނަށް ފުރަންޖެހުނެވެ. އަހަރެން އެކަނި އޮފީހަށް ދާން ފަރިތަވާން ޖެހުނެވެ. އެކަމަކު، ނަޒީހުގެ ކަންތައްތައް އަހަރެން ބަރާބަރަށް ބަލަހައްޓަމެވެ. އެއްވެސް ކަމެއް އުނިވިޔައެއް ނުދެމެވެ. ނުވެސް ދެނެހުއްޓައި އަހަންނަށް ސައިކަލެއް ގަނެދީގެން ނަޒީހު އަހަރެން ސިއްސުވައިލިއެވެ. ސައިކަލު ލިބުމުން، ކުރިން ނަޒީހުގެ ބޭނުންޖެހުނު ކަންކަން ވެސް އަހަންނަށް އެކަނި ކުރެވެއެވެ. ދާންޖެހޭ ތަންތަނަށް ދެވެއެވެ.
އަހަރެން ބަނޑުބޮޑުވިއިރު ގެއަކީ އޮފީހަކަށްވެ ނިމިއްޖެއެވެ. އަހަރުމެންގެ އޮންނަނީ ދަންފަޅިތަކެކެވެ. އެވެނި ކަމެއް މިވެނި ގަޑިއަކަށް ކުރުމެވެ. އެ ނިމުނީއެވެ. ކޮންމެ މީހަކަށް ވެސް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭން އަނެކަކު ވަރަށް ފަރުވާތެރިވެއެވެ. ކޮށްދެނީ ކާކުކަން އަހަރުމެންނަށް މުހިންމު ނުވާން ފެށިއެވެ. ނަޒީހު ބަނޑުހައިވެގެން އަންނައިރު ކާނެ އެއްޗެހި ހުންނާނެއެވެ. އަހަރެން ކުލިނިކަށް ދައްކަންޖެހޭ ގަޑިތައް ނަޒީހު ހަނދާން ހުރެއެވެ. ޗާބީ ހުސްވަންދެން އަހަރުމެން އުޅެނީ އެހެންނެވެ. ބައްޔެއްވުމުން އަނެކާއަށް އެހީތެރިވެދެއެވެ. ގަދަވުމުން އަނެއްކާ ވެސް ޗާބީ ޖެހުނީއެވެ. ދަރިފުޅު ވިހޭއިރު އަހަރުމެންނަކީ އެއް ފުރާޅު ދަށުގައި އުޅޭ ދެ މީހުންނެވެ. ދެމަފިރިންނަށް ވަނީ ދީނީގޮތުންނާއި ޤާނޫނީގޮތުން އެކަންޏެވެ. އަހަރުމެން ދެ މީހުންގެ ވެސް ސަމާލުކަން އެނބުރުނީ ދަރިފުޅަށެވެ. އަހަރުމެން ދައްކާނެ ވާހަކައެއް ނޯވެއެވެ. އެކަމަކު، ކިޔާ އެއްޗެއް އޮޅުންނުފިލާ ދަރިފުޅާ ދައްކާނެ ވާހަކަ ބައިވަރެވެ. ނަޒީހު ގިނަ ވަގުތު އޮފީހުގައި އުޅެންޖެހުނެވެ. އޮފީސް ނިމުނަސް އޭނައަށް ގެއަށް ވަދެވެނީ ރޭގަނޑު އެގާރަޖަހާއިރުއެވެ. ނޭނގިތިއްބައި އަހަރުމެންގެ ލޯބީގެ ހުޅުކޮޅު މަޑުމަޑުން ކަނިވާން ފެށިއެވެ.
ބިދޭސީއެއް ގެއަށް ގެންނާކަށް ނަޒީހު ބޭނުމެއް ނޫނެވެ. އޭނަގެ މިނިވަންކަމަށް ހުރަސްއެޅޭނެތީއެވެ. އަހަރެން ޖެހުނީ އޮފީހުން ކެނޑޭށެވެ. އަހަރެންގެ މިނިވަންކަމާ މެދު އޭނައެއް ނުވިސްނިއެވެ. އަހަރެން ހީކުރީ، އަހަރުމެންގެ މެދުގައި ކުނިޖެހެން ފެށީ އެ ހިސާބުންކަމަށެވެ. ނަޒީހު ހީކުރީ، ދަރިފުޅު ލިބުމުން އެހެން ކަންކަމަށް އަހަންނަށް ވަގުތު ނުވީ ކަމަށެވެ. ހޯދަން އުޅުނު ނަމަ އަހަންނަށް ވަގުތު ލިބުނީހެވެ. އެހެންނަމަވެސް، އަހަރެންގެ ހިތުގައި ނަޒީހަށް އޮތް ޝައުޤުވެރިކަން ކުޑަވީއެވެ. އަމިއްލަ ނަފުސަށް އަހަރެން ދިން ސަމާލުކަން ވެސް ކުޑަވީއެވެ. ކޮންމެގޮތެއް ވަރިހަމަ ކޮށްލީއެވެ. އެކަމަކު، އަބަދަކު އެހެނެއް ނޯންނާނެއެވެ.
"މަ ވެއްޖެ ޖޮގިންނަށް ދާން،" އެއްދުވަހަކު އަހަރެން ބުނީމެވެ. "އެހެންނޫނީ ބަނޑެއް ނުހިނދޭނެ. ހެޔޮތަ؟"
އަހަރެންގެ ސުވާލަށް ޖަވާބެއް ނުދީ ނަޒީހު ބަލަހައްޓައިގެން އިނެވެ. މާނައިން ފުރިގެންވާ ބެލުމަކުންނެވެ.
"މަ މި ކިއި އެއްޗެއް އަޑެއްނީވުނު ދޯ؟" ނަޒީހު އެހިއެވެ.
"މަ މި ދައްކަނީ މިއަދު އޮފީހުގަ ޖެހުނު ބޮޑު މައްސަލައެއްގެ ވާހަކަ،" ނަޒީހު އެ ތަނުން ނުކުންނަމުން ބުންޏެވެ. "މާ ރަނގަޅުވީސް ފާރާ ދިމާއަށް އެނބުރި ވާހަކަދެއްކުނު ނަމަވެސް."
ޙަޤީޤަތުގައި ވެސް ނަޒީހު ދެއްކި ވާހަކައެއް އަހަންނަކަށް އަޑެއް ނީވުނެވެ. އަހަރެން އިނީ ދަރިފުޅު ރީތިކުރާށެވެ. ފަހަކަށް އައިސް އެކަކު ދައްކާ ވާހަކަ އަނެކަކަށް އަޑެއް ނޭހެއެވެ. ސަމާލުކަންދެވެނީ އެ މީހަކު ބުނަން ބޭނުންވާ ވާހަކައަށެވެ. އަހަރުމެން އާދަވީއެވެ. ކައިވެންޏަކީ ވަޒީފާއަކަށް ބަދަލުވީއެވެ. މަޤާމުގެ ކުރިއެރުން ނުލިބޭ، މުސާރައެއް ނޯންނަ ވަޒީފާއެކެވެ. އެ ދުވަހު އަހަރެން ފޮޓޯތައް ބަލައިލީމެވެ. އަހަރުމެންގެ ހުރިހާ ފޮޓޯއެއް ހުންނާނީ އައިޕެޑްގައެވެ. އަހަންނަށް ހީވީ އެހެން ދެ މީހަކު ފެނުނުހެންނެވެ. އަހަރުމެންގެ ލޮލުން ކުރިން ފެނުނު ލޯބީގެ ވިދުވަރު ކެނޑިއްޖެއެވެ.
"މަށަށް ވުރެ ތި އައިޕެޑް ވެސް މާ ކްލޯސް،" ނަޒީހު ބުނި އަޑު އިވުނެވެ. "ދަރިއެއް ހުއްޓެކޭ ކިޔާފަ ދެ ބީރައްޓެހިންހެން އުޅޭކަށް މަޖުބޫރެއް ނޫނެއްނު. އަހަރުމެން މިހާރު ދެން ސެޕަރޭޓް ވާންވީ ކަންނޭނގެ."
އެންމެ ހެއްވާކަމަކީ، އިންކާރުކުރަން އަހަރެން ބޭނުން ނުވިކަމެވެ. ނަޒީހުވަރެއް ނެތިގެން އަހަރެން އުޅުނު ދުވަސް މާޒީވެއްޖެއެވެ. އަހަރެން ސަމާލުކަން ނުދީގެން ނަޒީހުގެ ހިތަށް ތަދުވިއިރު، އަހަރެންގެ ހިތަށް ކިތައް ފަހަރު ތަދުކުރެވުނުކަމެއް އޭނަ ހަނދާނެއް ނެތެވެ. ކިތައް ފަހަރު އަހަންނަށް އެހެން ހެދިކަމެއް ނަޒީހަކަށް ނުވިސްނެއެވެ.
"މަ ސަމާސައަކަށް ބުނި އެއްޗެކޭ އެއީ،" ރާގު ބަދަލުކޮށްލަމުން ނަޒީހު ބުންޏެވެ. "އަދި އެބަ އިނދެއެއްނު އެއްޗެއް ވެސް ނުބުނެ."
އަހަންނަކަށް އެ ސަމާސަ ކަމަކުނުދިޔައެވެ.
"ކީކޭ ދެން މަ ބުނަންވީ؟" އަހަރެން ދުށީ އެ ވާހަކަ ބުނަންވީ ވަގުތު ޖެހިއްޖެކަމުގައެވެ. "ނަޒީހަށް އެނގޭތަ އަހަންނަށް ފުރުނީ ކިތައް އަހަރުކަން؟ އިއްޔެއަކީ އަހަރުމެންނަށް ކިހާ މުހިންމު ދުވަހެއް؟ ކުރިން ނަޒީހް އުޅުނު ގޮތް ހަނދާންވޭތަ؟"
އެއްވެސް ސުވާލަކަށް ނަޒީހަކަށް ޖަވާބެއް ނުދެވުނެވެ. އޭނަ ހަނދާނެއް ނެތެވެ.
"ދެން މިހާ ބިޒީކޮށް އުޅޭއިރު ތި ހުރިހާ ކަމެއް ކިހިނެއް ހަނދާންބަހައްޓާނީ؟" ނަޒީހު ދެއްކީ ބަހަނާއެވެ. "މީހަކާ އިނީމަ ކުރިން އުޅުނުހެނެއް ނޫޅެވޭނެއްނު. އައިލަވްޔޫ ކިޔަން އެނދުގަ އޮށޯވެލައިގެން އޮތަކަސް ބަނޑެއް ނުފުރޭނެ. އަނބިދަރިންގެ ޒިންމާ ބޮލުގައެޅުނީމަ ދެގުނައަށް ޖެހޭ މަސައްކަތްކުރަން. މި ޒަމާނުގަ ދަރިއަކަށް ހާދަ ޚަރަދެއްކުރަން ޖެހެޔޭ. އެހެންނޫނީ.."
"ޒިންމާނެގުމަކީ ރަނގަޅުކަމެއް. ބިޒީވުމަކީ ވެސް މައްސަލައެއް ނޫން،" އަހަރެންގެ ޖަވާބު ވީހާ ވެސް ކުރުކުރީމެވެ. "އެކަމަކު ބަހަނާ ނުދައްކާ!"
ގުޅުމެއް ކާމިޔާބުވަނީ ކޮށްދޭ ބޮޑެތި ކަންތައްތަކަކުން ނޫނެވެ. އެކަމަކު، އެއީ ކޮންމެ ދުވަހަކު އެކަކަށް އަނެކަކު ކޮށްދޭ ކުދިކުދި ކަންތައްތަކެއްގެ ނަތީޖާއެވެ. ފާރެއް ބިނާކުރެވެނީ ކުދިކުދި އެތައް ގަލަކުންނެވެ. ފޮތިގަނޑެއް ވިޔެވެނީ ހިމަހިމަ އެތައް ރޮދިފަށަކުންނެވެ. ކައިވެންޏަކީ ވެސް ހިމަ ރޮދިފަށެކެވެ. ކެނޑުނަ ނުދޭން ބޭނުން ނަމަ، އަނެކާއަށް ބޭނުމެއް ޖެހޭ ވަގުތު ގާތުގައި ތިމާ ހުންނަންޖެހެއެވެ. އަނެކާ ދައްކާ ވާހަކަ އަޑުއަހަންޖެހެއެވެ. ސަމާލުކަންދީ އޯގާތެރިވާންޖެހެއެވެ. ލޯތްބަކީ، އަހަރަކު އެއްފަހަރު ގެނެސްދޭ މާބޮނޑިއެއް ނޫނެވެ. ގަނެފަ ދިއްކޮށްލާ ކެވެލިކޮޅެއް ވެސް ނޫނެވެ. އެކުގަ ހޭދަކޮށްލާ ވަގުތުކޮޅެވެ. އަހަރެއްގެ ކޮންމެ ދުވަހަކު ކުރިމަތިވާ ކަންތައްތަކުގައި އެހީތެރިވުމެވެ. ބައިވެރިވުމެވެ. ޝުކުރުއަދާކުރުމެވެ.
އަހަރެންގެ އެކަނިވެރިކަމެއް ނުފިލިއެވެ. ލޯބީގެ ކުރި މަރުވުމުން ކައިވެނި ހީނަރުވެ، އެންމެފަހުން ރޫޅުނީއެވެ. ލޯބީގެ ކާނާއަކީ ބައިވެރިވުމެވެ. އަޑުއެހުމެވެ. އިހުސާސް ދެނެގަތުމެވެ. ކޮށްދޭ ކަންތަކުގެ އަގު ވަޒަންކުރުމެވެ. ހިތާމައިގައި ބައިވެރިވެ، އުފަލުގައި ހީނސަމާސާކޮށް، ކޮނޑުގައި ފިރުމާލުމެވެ. އެހީތެރިވުމެވެ. ގުޅުން ބަދަހިކުރުމެވެ. ލިބޭ އުފާތަކާއި ކާމިޔާބީތައް ފާހަގަކުރުމެވެ. އަހަރެން ވަރިނުވި ނަމަ އިނދެގެން އުޅެވުނީހެވެ. އެކަމަކު އެއީ ޔަގީނުން ވެސް ދިރިއުޅުމަކަށް ނުވީހެވެ.
ނިމުނީ