އެހީއަށް އެދި ފޯނުކުރި ފަލަސްތީނުގެ ހަ އަހަރުގެ ކުއްޖާ ހޯދުނުއިރު އާއިލާގެ އެންމެންނާ އެކު ނިއާވެފައި
އެހީއަށް އެދި ފޯނުކުރި ފަލަސްތީނުގެ ހަ އަހަރުގެ ކުއްޖާ ހޯދުނުއިރު އާއިލާގެ އެންމެންނާ އެކު ނިއާވެފައި

ފަލަސްތީނުގެ ޣައްޒާގައި އާއިލާއާ އެކު ކާރުގައި ދަނިކޮށް އިޒްރޭލުން ހަމަލާ ދިނުމުން އޭގައި ތިބި އެންމެން ޝަހީދުވިއިރު ސަލާމަތްވީ އުމުރުން އެންމެ ހަ އަހަރުގެ ހިންދު ރަޖަބް އެވެ. މަރުވެފައިވާ މީހުންގެ ހަށިތަކުގެ ކައިރީ، ޒަހަމްވެ ބިރުވެރިކަމުގެ ތެރޭގައި ހުރެ އެ އަންހެން ކުއްޖާ އެހީއަށް އެދި ގުޅީ ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީއަށެވެ.

އެހީއަށް އެދި ފޯނުކުރި ފަލަސްތީނުގެ ހަ އަހަރުގެ ކުއްޖާ ހޯދުނުއިރު އާއިލާގެ އެންމެންނާ އެކު ނިއާވެފައި
އެހީއަށް އެދި ފޯނުކުރި ފަލަސްތީނުގެ ހަ އަހަރުގެ ކުއްޖާ ހޯދުނުއިރު އާއިލާގެ އެންމެންނާ އެކު ނިއާވެފައި

"އަހަރެން މި ހުރީ ވަރަށް ބިރުން،" ހިންދު އޭނާގެ ފޯންކޯލްގައި ބުނެ އެވެ. "އަހަރެން މިތަނުން ސަލާމަތްކޮށްގެން ގެންގޮސްދޭން ކޮންމެވެސް މީހަކު ގާތު ބުނެދީބަލަ."

ބޮޑު ސަމާލުކަމެއް ލިބުނު މި ފޯން ކޯލާ އެކު ކުއްޖާ ހުރި ހިސާބަށް ދާން މަސައްކަތް ފެށި އެވެ. އެކަމަކު ފޯން ކުރިތާ ދެ ހަފްތާ ފަހުން އިއްޔެ ފެނުނީ ހިންދުގެ ފުރާނަ ނެތް ހަށިގަނޑެވެ. އާއިލާގެ ބައެއް މެންބަރުންނާއި ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ވެސް ދެ މުވައްޒަފަކާ އެކު އެއްތަނެއްގައި ތިބީ މަރުވެފަ އެވެ.

މި ހިތްދަތި ހާދިސާއަށް ފަހު ރެޑް ކްރެސެންޓާއި ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވެސް ބުނީ މިއީ އިޒްރޭލުގެ އަނިޔާވެރި އަމަލެއް ކަމަށެވެ.

ހިންދުގެ މި ހިތްދަތި މަރުގެ ހާދިސާ ދިމާވީ ހަމާސް އާއި އިޒްރޭލުގެ ކުރިމަތިލުމުގެ ނުރައްކާ ކުޑަކުދިންނާއި އާއިލާތަކަށް ބޮޑުވަމުންދާ ކަމުގެ ކަންބޮޑުވުން އެހީގެ ޖަމިއްޔާތަކުން ފާޅުކޮށްފައި ވަނިކޮށެވެ.

"ޣައްޒާގައި ކުޑަކުދިން މަރުވާ ރޭޓް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެއްޖެ،" އދ.ގެ ކުޑަކުދިންގެ ޖަމިއްޔާ ޔުނިސެފުން ބުންޏެވެ.

ހިންދުގެ އެންމެ ފަހު ފޯން ކޯލް ކުރީ ވެސް އާއިލާގެ އެހެން މެންބަރުން މަރުވެފައި ތިބި އިރު ކާރު ތެރޭ ތާށިވެ އޮވެގެންނެވެ. އޭނާ ވަނީ އާއިލާގެ ބައެއް މީހުންނާ ވާހަކަ ދައްކައިފަ އެވެ. އަދި ރެޑް ކްރެސެންޓަށް ވެސް މި މަހުގެ ތިން ވަނަ ދުވަހު އިމަޖެންސީ ކޯލެއް ވެސް ކުރި އެވެ.

ކުއްޖާ ހޯދަން ރެޑް ކްރެސެންޓުގެ އެމްބިއުލާންސް ވެސް ދިޔަ އެވެ. އެކަމަކު އެ ސަރަހައްދު ވަށައިގެން އިޒްރޭލުގެ ޓޭންކުތަކުން ހަމަލާ ދެމުން ދިޔަ އެވެ. ހިންދު ތިން ގަޑިއިރު ވަންދެން އެހީއަށް އެދި އާދޭސްކުރި އިރު ވެސް އެއްވެސް މީހަކަށް އެ ހިސާބަށް ދެވޭނެ ފުރުސަތެއް އިޒްރޭލުގެ އަސްކަރިއްޔާއަކުން ނުދިނެވެ.

"ހިންދު އާއި ކާރުގައި ތިބި އެންމެންނަކީ ވެސް ޝަހީދުން،" ހިންދުގެ ކާފަ ބާހާ ހަމަދާ އޭއެފްޕީ އަށް ބުންޏެވެ.

އޭނާ ބުނީ ހިންދު އަކީ ފުރަތަމަ ކާފަ ދަރިފުޅު ކަމަށާއި އޭނާގެ ހިތުގެ އެއް ބައި ކަމަށެވެ.

ހިންދު އާއި އާއިލާގެ އެހެން ބައެއް މެންބަރުންގެ ހަށިތައް ފެނުނީ ކާރު އެންމެ ފަހުން ފެނުނު ތެލް އަލް-ހަވާ ސަރަހައްދަށް އާއިލާގެ އެހެން ބަޔަކު ގޮސް ހޯދުމުގެ ތެރޭގަ އެވެ. --އޭއެފްޕީ