11 ފެބުރުއަރީ 2024 - 20:56

ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކުރީގެ މެންބަރު އިލްހާމް އަހުމަދު އަށް ދޭން އެ ޕާޓީން ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއް ގޮތުގައި ހުންނެވުމަށް ފަހު މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވި އިލްހާމް ފުރަތަމަ ނިންމެވީ އެމްޑީޕީގެ ޕްރައިމަރީގައި މަތިވެރި ދާއިރާ އަށް ވާދަ ކުރުމަށެވެ.
ނަމަވެސް އޭނާ ފަހުން ވަނީ އިންތިހާބަކަށް ނުގޮސް ނަން އަނބުރާ ގެންދަވައިފަ އެވެ.
އޭގެ ބަދަލުގައި މިހާރު އޭނާ އެމްޑީޕީގެ ޓިކެޓުގައި ފުނަދޫ ދާއިރާ އަށް ވާދަ ކުރަން ނިންމާފައިވާ ކަން އިލްހާމް ވަނީ އެކްސް އެކައުންޓުން އިއުލާން ކުރައްވައިފަ އެވެ.
މީގެ ކުރިން ފުނަދޫ ދާއިރާގެ ޓިކެޓު ލިބިފައި އޮތީ މިހާރު ވެސް އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު މުހައްމަދު ޝާހިދަށެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ޝާހިދު ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރަން ނިންމަވައި ނަން އަނބުރާ ގެންދަވައިފަ އެވެ. އެއާ އެކު އެ ދާއިރާ ހުސްކޮށް އޮތުމުން ޝައުގުވެރިކަން ހުރި ފަރާތްތައް ބަލައި އިލްހާމް އަށް ޓިކެޓު ދޭން އެމްޑީޕީން ނިންމީ އެވެ.
އިލްހާމް އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދަނގެތި ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އޭރު ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގައި އުޅުއްވި އެވެ.