15 ފެބުރުއަރީ 2017 - 11:09

ދިވެހި ޚަބަރު ގަޑިތަކުގައި، ޓީވީއެމްގެ ޚަބަރަށް އިސްކަންދޭން ފެލިވަރު ފެކްޓަރީ މުވައްޒަފުންނަށް އަންގައި މިފްކޯ އިން މެމޯއެއް ނެރެފި އެވެ.
މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އިން ނެރުނު މެމޯގައި ބުނެފައި ވަނީ ޚަބަރު ގަޑިތަކުގައި ޓީވީއެމަށް ފުރުސަތު ދިނުމަކީ މެނޭޖްމަންޓުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މިހެން އެންގީ ފެކްޓަރީގައި ހުންނަ ޓީވީތައް ބޭނުންކުރާ އިރު އަމަލްކުރުމަށެވެ.
އެކަމާ ބެހޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް މިއަދު ވިދާޅުވީ މެނޭޖްމަންޓުން އެގޮތަށް އެދުނީ، މުވައްޒަފުންގެ މެދުގައި މަސްލަހަތު ނުގެއްލޭ ގޮތަށް، އަމަލުކުރަން ކަމަށެވެ. ވަރަށް މަދު ޗެނަލްތަކެއް ގުޅާފައި ހުންނައިރު، ޚަބަރު ގަޑިތަކުގައި ޓީވީއެމް އެޅުވުމަކީ މެނޭޖްމަންޓަށް ފެނުނު އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ލިމިޓެޑް ޗެނަލްތަކެއް ގުޅާފައި ހުންނައިރު، އެކި މީހުން އެކި ޗެނަލްތަކަށް ބަދަލުކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް. އެހެންވީމަ މެމޯއެއް ނެރުނީ، ހަބަރު ގަޑިތަކުގައި ދައުލަތުގެ މީޑިއާ އަށް އިސްކަންދޭށޭ. އެއީ، ވަކިކޮޅެއް ނުނަގާ، ދެ ފުށް ފެންނަ ގޮތަށް ޚަބަރު ގެނެސްދެނީީ އެތަނުން ކަމަށް ގަބޫލުކުރެވޭތީ،" އަދުލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ސިޔާސީ އެއްވެސް މަގްސަދެއް އޮވެގެން އެންގި އެންގުމެއް ނޫނެވެ. އަދި އެއީ، މުވައްޒަފުންގެ މިނިވަންކަމަށް އަރައިގަތުމެއް ވެސް ނޫން ކަމަށާއި މަގްސަދަކީ މަސްލަހަތު ހިފެހެއްޓުން ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ޗެނަލް 13 ނުވަތަ ރާއްޖެ ޓީވީ ނުވަތަ ސަންގު ޓީވީއާ ގުޅޭ މެމޯއެއް ނަމަ ބުނެވިދާނެ ސިޔާސީވީއޭ. އެކަމަކު އެހެނެއް ނޫން އެދުނީ،" އަދުލީ ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އޮތް މިފްކޯގައި ދައުލަތުގެ މީޑިއާ ބަލަން މި އެންގީ، ވެރިކަން ކުރާ ޕީޕީއެމަށް ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުކޮށްގެން ވައްދަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އަދި ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ގެނެސްދޭން ޕަބްލިކް ސާވިސް މީޑިއާ އަށް ގާނޫނުގައި ލާޒިމްކޮށްފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ ހަމައެކަނި ސަރުކާރު ޕްރޮމޯޓްކުރާތީ އެތަނަށް ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.