ޣައްޒާގެ ހޮސްޕިޓަލްތަކަށް ތަކެތި ނުގެންދެވި ހުއްޓޭ ހިސާބަށް ހިނގައްޖެ: ޑަބްލިޔުއެޗްއޯ
ޣައްޒާގެ ހޮސްޕިޓަލްތަކަށް ތަކެތި ނުގެންދެވި ހުއްޓޭ ހިސާބަށް ހިނގައްޖެ: ޑަބްލިޔުއެޗްއޯ

އިޒްރޭލުން ކެނޑިނޭޅި ހަމަލާދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނުގެ ތެރެއިން ދެބައިކުޅަ އެއްބައި ވެސް އިޒްރޭލުގެ ހުއްދަ ނުލިބިގެން ސަޕްލައި ނުކުރެވޭ ކަމަށާއި އެހެންވެ ހޮސްޕިޓަލްތައް ވަނީ ހިދުމަތް ހުއްޓޭ ހިސާބުގައި ކަމަށް ޑަބްލިޔުއެޗްއޯ އިން އިއްޔެ ބުނެފި އެވެ.

"ހޮސްޕިޓަލްތައް ވަނީ ހިދުމަތް ނުދެވޭ ވަރަށް ބާރު ބޮޑުވެފައި. މީހުން ވަނީ ތޮއްޖެހިފައި. ހިދުމަތް ދޭން ބޭނުންވާ ސާމާނެއް ނެތް،" ޑަބްލިޔުއެޗްއޯ އިން ފަލަސްތީނަށް ކަނޑައަޅާފައިވާ މަންދޫބު ރިކް ޕީޕަކޯން ވިދާޅުވި އެވެ.

ފަލަސްތީނުގެ ރަފަހްގައި ހުންނަވައި، ވީޑިއޯ މެދުވެރިކުރައްވައި ޖެނީވާގައި ތިބި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަލާމަތްކުރެވެން އޮންނަ ހާލަތުގައި ވެސް، ބައެއް މީހުންގެ އަތްފައި ބުރިކޮށްލަން ޖެހޭ ކަމަށާއި އެއީ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ސާމާނު ލިބެން ނެތުމުން ކަމަށެވެ.

މުޅި ފަލަސްތީނަށް ވެސް އިޒްރޭލުން ވަނީ ބޭނުންވާ އަސާސީ ސާމާނު ފޯރުކޮށްދިނުމަށް ހުރަސް އަޅާފައި ކަމަށް ވިދާޅުވެ އޭނާ އިޒްރޭލަށް ފާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ނޮވެމްބަރުން ފެށިގެން އިޒްރޭލުން ހުއްދަ ދިނީ ބޭނުންވާ ސާމާނުގެ އެންމެ 40 ޕަސެންޓަށް ވުރެ ވެސް މަދު މިންވަރެއް ސަޕްލައިކުރުމަށެވެ.

"ޖެނުއަރީން ފެށިގެން މި ނިސްބަތް ވަނީ މިއަށްވުރެ ވެސް މަދުވެފައި."

މަންދޫބު ވިދާޅުވި ގޮތުގައި ސަޕްލައިކޮށްދެވޭނެ ކަމުގެ ޔަގީންކަމެއް އޮތީ ސާމާނުގެ 45 ޕަސެންޓެވެ.

އިޒްރޭލުން ވަނީ ތަކެތި ސަޕްލައިކުރުން ހުއްޓުވައި، ދަތިކޮށް ނުވަތަ ލަސްކުރުވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 28،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. ހަމާސް ނައްތާލުމުގެ ނަމުގައި ހަމަލާ ދޭން ފެށި ނަމަވެސް ހަމަލާތަކުގައި ގިނައިން މަރުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ހުރިހާ ގެއްލުމެއް ވަމުން ދަނީ ވެސް އާންމުންނަށެވެ. -- އޭއެފްޕީ