ބޭނުންވި ކަހަލަ ބައިވެރިޔަކު ލިބިއްޖެ، ކައިވެނި ލަހެއް ނުވާނެ: ކަންގަނާ
ބޭނުންވި ކަހަލަ ބައިވެރިޔަކު ލިބިއްޖެ، ކައިވެނި ލަހެއް ނުވާނެ: ކަންގަނާ

ކަންގަނާ ރަނާވަތާއި ރިތިކް ރޯޝަންގެ ލޯބީގެ ކުޅިގަނޑަށް ފަހު ކަންގަނާ ބައިވެރިޔަކު ހޯދައި ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ބޮމްބޭ ޓައިމްސް އަށް ދީފައވާ އިންޓަވިއުއެއްގައި ކަންގަނާ ބުނީ އޭނާ ބޭނުންވި ކަހަލަ "ހަގީގީ ލޯބިވެރިއެއް" ލިބިއްޖެކަމަށާއި މިއަހަރު ތެރޭ ކައިވެނިކުރަން ގަސްތުކުރާ ކަމަށެވެ.

ކަންގަނާ ބުނީ އޭނާ މިވަގުތު އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށާއި ކައިވެންޏަކަށް ދެކެމުން އަންނަ ހުވަފެންތައް ވަރަށް އަވަހަކަށް ހަގީގަތަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ކަންގަނާ ބުނި ގޮތުގައި ފާއިތުވީ ދުވަސްތަކުގައި އޭނާއަށް ލޯބީގައި ވަރަށް ބޮޑެތި އަނިޔާތައް ވަނީ ލިބިފަ އެވެ. ނަމަވެސް އޭނާއަކީ އެ އަނިޔާތަކުގައި ބޭސް އަޅައަޅާ ހުންނަން ބޭނުންވާ މީހެއް ނޫން ކަމަށާއި އެކަންތައްތައް ހަނދާން ނައްތާލާފައި މުޅިން އާ ގުޅުމަކުން ގުޅިފައިވާ ކަމަށް ބުންޏެވެ.

ކަންގަނާ ބުނީ އޭނާ އަކީ ދުވަހަކުވެސް ފަހަތަށް އެނބުރި ބަލާނެ މީހެއް ނޫންކަމަށާއި އެގޮތުން ކުރީގެ ލޯބިވެރިޔަކާ އަލުން ނުގުޅުމުގެ ރެކޯޑެއް އޭނާގެ އަތުގައި އޮތް ކަމަށެވެ. އަދި ދުވަހަކުވެސް އެފަދަ މީހަކާ ބައްދަލުކުރަން ވެސް ބޭނުން ނުވާ ކަމަށް ކަންގަނާ ބުންޏެވެ. އަދި އޭނާގެ އަތުގައި އިތުރު ރެކޯޑެއް ވެސް އޮތް ކަމަށް ކަންގަނާ ބުނެ އެވެ. އެއީ އޭނާ ކުރިން ރައްޓެހިވި އެންމެން އޭނާ އަލުން ބޭނުންވެގެން އާދޭސް ކުރުމުގެ ރެކޯޑެވެ.

"ކުރީގެ ހުރިހާ ލޯބިވެރިން ވެސް މިހާރު އަނެއްކާ އަހަންނާ ގުޅެން ބޭނުންވޭ. އެއީ ވެސް އަހަރެންގެ އަތުގައި އޮތް ރެކޯޑެއް،" ކަންގަނާ ބުންޏެވެ.

ނަމަވެސް އޭނާގެ ކުރީގެ ލޯބިވެރިންނަކީ ކޮން ބައެއް ކަމެއް ކަންގަނާ ނުބުންޏެވެ. އަދި މިހާރުގެ ލޯބިވެރިޔަކީ ކާކުކަމެއް ވެސް ކަންގަނާ ހާމައެއް ނުކުރެ އެވެ.

ކަންގަނާ މިދުވަސްވަރު އުޅޭނީ ފެބްރުއަރީ 24 ގައި ރިލީޒްކުރާ "ރަންގޫން"ގެ ޕްރޮމޯޝަން ގަ އެވެ. ސައިފް އަލީ ޚާނާއި ޝާހިދު ކަޕޫރާ އެކު އޭނާ ކުޅެފައިވާ މި ފިލްމަކީ ވިޝާލް ބަރްދްވާޖް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ރަންގޫން" އަކީ ހަނގުރާމައެއްގެ ތެރޭގައި ހިނގާ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.