19 ފެބުރުއަރީ 2024 - 06:17

އީރާންގެ ދެކުނުގެ ސަރަހައްދެއްގައި މީހަކު އޭނާގެ އާއިލާގެ 12 މީހަކަށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.
އީރާންގެ ދައުލަތުގެ މީޑިއާއިން އިއްޔެ ބުނި ގޮތުގައި އެ ގައުމުގައި އާންމުކޮށް ނުހިނގާ ޒާތުގެ މި ހާދިސާ ހިނގީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
"އުމުރުން 30 އަހަރުގެ މި މީހާ އޭނާގެ ބައްޕަ އާއި ބޭބެ ވެސް ހިމެނޭ ގޮތަށް އާއިލާގެ 12 މީހެއްގެ ގަޔަށް ކަލަޝްނިކޯވް ބަޑިއަކުން ހަމަލާދީ މަރާލީ އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައި،" އޮފިޝަލުންނާ ހަވާލާދީ ރަސްމީ ނިއުސް އެޖެންސީން ބުންޏެވެ.
މިކަން ކުރި މީހާ ވެސް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ގަޔަށް ބަޑި ޖެހުމުގެ ސަބަބުން ވަނީ މަރުވެފަ އެވެ.
ބަޑީގެ މިފަދަ ހާދިސާތައް އީރާނުގައި ވަރަށް މަދެވެ. އީރާންގައި އާންމުން ގެންގުޅުމަށް ހުއްދަ އޮންނަނީ ޝިކާރަ ކުރުމަށް ބޭނުންކުރާ ބާވަތުގެ ބަޑި އެކަންޏެވެ.
މި ހާދިސާ ހިނގި ކެރްމަން ޕްރޮވިންސްގައި މި އަހަރުގެ ޖެނުއަރީ މަހު ސިފައިންގެ މީހަކު އަސްކަރީ ބޭސްއެއްގެ ތެރޭގައި ބަޑިން ހަމަލާދީ ސިފައިންގެ ފަސް މީހަކު މަރާލި އެވެ. -- އޭއެފްޕީ