19 ފެބުރުއަރީ 2024 - 09:30

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވާ ގޮތަށް އާއްމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވަގުތުން ތަސްދީގުކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ގޮވާލައްވައިފި އެވެ.
ފައްޔާޒް "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންތިހާބުތައް ބާއްވަން ވާނީ އާއްމުންގެ ބައިވެރިވުން ބޮޑުވާނެ ގޮތް ބަލައިގެން ކަމަށެވެ. ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިހާބު ރޯދަ މަހު ބޭއްވުމުން އެ ދަތިކުރެވެނީ، ފައްޔާޒު ވިދާޅުވި ގޮތުގައި ވޯޓު ދިނުމުގެ އަސާސީ ހައްގުގެ ބޭނުން ކުރުމަށެވެ.
"އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގުކުރަންޖެހޭ." ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފައިވާ ގޮތުން، މަޖިލީހުގެ އާ ދައުރުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ، އެ ދުވަސްވަރު އިންތިހާބު ބޭއްވުމާ މެދު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންވެ، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ.
ޝިފާއު ހުށަހެޅުއްވީ ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް އިތުރުކޮށްފަ އެވެ. އިސްލާހުގައިވާ ގޮތުން ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަމަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައި ވެ އެވެ.
އެ އިސްލާހު މި މަހުގެ 11 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، ހަފުތާއަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް އެ އިސްލާހު ތަސްދީގެއް ނުކުރެ އެވެ. އެ އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ވެސް ސަރުކާރުގެ ގިނަ މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން މަޖިލީހުން ފާސްކުރާ ބިލެއް ރައީސަށް ފޮނުވާތާ ގިނަވެގެން 15 ދުވަސް ތެރޭ ގޮތެއް ނިންމަވަން ޖެހެ އެވެ. ތަސްދީގު ނުކޮށް އެ މުއްދަތުގައި ފޮނުވާލައިފި ނަމަ މަޖިލީހުގެ އަޣުލަބިއްޔަތުން، އިތުރު އިސްލާހަކާ ނުލައި ފާސްކޮށްފި ނަމަ ބިލް ތަސްދީގުވީ ކަމަށް ބެލޭނެ އެވެ. އަދި ތަސްދީގު ނުކުރައްވައި 15 ދުވަސް ވެއްޖެ ނަމަ ވެސް އެ ބިލެއް ތަސްދީގުވީ ކަމުގައި ބެލޭނެ އެވެ.