19 ފެބުރުއަރީ 2024 - 23:24

މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ފުވައްމުލަކަށް ކޮށްދެއްވަން އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް މި ސަރުކާރުގައި ފުރިހަމަ ކުރައްވާނެ ކަމުގެ ކަށަވަރުކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

އެ މަނިކުފާނު އެ ވައުދުތައް ތަކުރާރު ކުރައްވައި ފުވައްމުލަކުގެ މީހުންނަށް އެ ޔަގީންކަން ދެއްވީ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުން ފުރަތަމަ ފަހަރަށް ފުވައްމުލަކަށް ވަޑައިގެން ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ ސިޔާސީ ގޮތުން ކިތަންމެ ބޮޑު ތަފާތުވުންތަކެއް އޮތް ނަމަވެސް ކައުންސިލްތަކާ ގުޅިގެން އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު، އޭރުގެ ސަރުކާރުން އެ ކައުންސިލަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކުރައްވަން ބޭނުންފުޅުވި އެތައް ކަމެއް ނުކުރެއްވުނު ކަމަށެވެ. އެހެންވެ، ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ދިނުމުގެ މުހިއްމުކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މޭޔަރުގެ މަގާމު ފުރުއްވި ދުވަސްވަރު ކުރެއްވި ތަޖުރިބާގެ އަލީގައި ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް މި ސަރުކާރުގައި އުފެއްދީ ވެސް ކައުންސިލްތަކަށް ހާއްސަ އިސްކަމެއް ދެއްވަން ކަމަށެވެ. އެ ހިތްހަމަޖެހުން ކައުންސިލްތަކަށް މިއަދު ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފުވައްމުލަކު ކައުންސިލާ އެކު ރައީސް މުއިއްޒު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު، ރައީސް ވިދާޅުވީ އެ ކައުންސިލުން ބޭނުންވާ ކަންތައްތައް އެ މަނިކުފާނާ ހިއްސާ ކޮށްފައިވާ ކަމަށާއި އެ މައްސަލަތައް ސީރިއަސް ގޮތެއްގައި ބައްލަވާނެ ކަމަށެވެ.
އޭގެ ތެރެއިން އެއް މަސައްކަތް ކަމުގައިވާ މަގުތައް ހެދުމުގެ މަސައްކަތުގެ ދެ ވަނަ ފިޔަވަހި މިއަދު ރައީސް މުއިއްޒު ފައްޓަވައި ދެއްވާފައިވާއިރު، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މަގު ހެދުމުގެ މަސައްކަތް ވަކި ސަރުކާރަކުން ކުރިން ކޮށްފައި އޮތީތީ އެކަން ހުއްޓާ ނުލައްވާނެ ކަމަށެވެ.
"އަޅުގަނޑު ކެމްޕެއިނުގައި ވައުދުވިން އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެންނެއް ކުރިން ފަށާފައި ހުރި ކަމެއް ހުއްޓާނުލާނަމޭ. ފެށެން އޮތް ކަމެއް ނުފަށައި ދޫކޮށް ނުލާނަމޭ،" ރިޔާސީ ކެމްޕެއިންގެ ވައުދުތައް އާ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފުވައްމުލަކުގައި މިއަދު ހަދަން އަމަލީ ގޮތުން ފެށި މަގުތަކާ އެކު މި ރަށުގެ ހުރިހާ މަގެއްގެ މަސައްކަތް މި ސަރުކާރުން ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފުވައްމުލަކުގެ ބަނދަރުގައި ރިވެޓްމަންޓް ޖެހުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ވެސް ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮވެފައި އަލުން އެ މަސައްކަތް ފެށިގެން މިހާރު ކުރިއަށް ގެންދާއިރު ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކުރަނީ ތިން ސަރަހައްދެއްގައި މޫދަށް އެރެވޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތަކެއް ވެސް ގެނެސްގެން ކަމަށެވެ.
ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ ދިރާސާތަކަށް ފަހު، ރަށުގެ ބަނދަރު ވެސް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެއީ ހަރަދު ބޮޑު ކަމަކަށް ވިޔަސް އެއީ ފުވައްމުލަކަށް އަސާސީ ހިދުމަތަކަށް ވާތީ އެ ކަމަށް ވެސް އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފުވައްމުލަކަކީ ސިޓީއަކަށް ވިޔަސް މިހާރު ރަށުގެ ސިއްހީ ނިޒާމަކީ ފެންވަރު ރަނގަޅު ނިޒާމެއް ނޫން ކަމަށާއި މި ރަށުގައި ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ހަދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ރަށަށް މި ވަގުތު އެންމެ ބޮޑަށް ދިމާވެފައި އޮތް ކަރަންޓުގެ މައްސަލައާ ގުޅިގެން ސަރުކާރުން ފެނަކައާ މަޝްވަރާކޮށް ކުރިއަށް އޮތް ރޯދަމަހަށް އެ ކަމަށް ވެސް ހައްލެއް ހޯދައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ފުވައްމުލަކަކީ ވަރަށް ބޮޑު ސަރަހައްދެއް ހިމާޔަތް ކޮށްފައިވާ ރަށަކަށް ވާތީ މި ރަށުގައި އިކޯ ޓޫރިޒަމް ފެށުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"ކައުންސިލުން ގެންގުޅުއްވާ ތަސައްވަރެއް ވެސް އެބައޮތް. އަޅުގަނޑުމެން މި ތިބީ އިކޯ ޓޫރިޒަމަށް މަގުފަހިކޮށްދީ، އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ނަފާ ހޯދައިދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންވެ، ކައުންސިލުން އެކަމުގެ މަޝްވަރާކޮށް، ޓޫރިޒަމް މިނިސްޓްރީ އާއި ކަމާ ގުޅޭ އިދާރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.