ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ މުސާރައާ އެކު ރޯދަ އިނާޔަތް ދީފި
ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ މުސާރައާ އެކު ރޯދަ އިނާޔަތް ދީފި

މި މަހުގެ މުސާރައާ އެކު، ސަރުކާރުގެ މުވައްޒަފުންނަށް ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތް ފިނޭންސް މިނިސްޓްރީން އިއްޔެ ޖަމާކޮށްދީފި އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ރޯދަ މަސް ފެށޭ އިރު މި ފަހަރުގެ ރޯދަ އިނާޔަތް ސަރުކާރުގެ މުވައްޒަފުންނަށް ދިނީ، މި ފެބްރުއަރީ މަހުގެ މުސާރައާ އެކު އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000ރ. ދޭން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައިވެ އެވެ. އެ އިނާޔާތް ނުލިބިއްޖެ ނަމަ، ޝަކުވާ ހުށަހަޅަން ޖެހޭނީ ލޭބާ ރިލޭޝަންސް އޮތޯރިޓީން (އެލްއާރްއޭ) އަށެވެ.

ސަރުކާރުން މިހާރު ވަނީ ސިވިލް ސާވަންޓުންނާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ރޯދަ އެލަވަންސް ދީފަ އެވެ.

ސަރުކާރުގެ އިތުރުން އަމިއްލަ އިދާރާތަކުން ވެސް ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ރޯދަ އެލަވަންސް ދިނުމަށް ގާނޫނުން ލާޒިމުކޮށްފައި އޮތަސް އެ އަށް ބައެއް އޮފީސްތަކުން އަމަލު ނުކުރާ މައްސަލަ ވެސް ވަރަށް ބޮޑެވެ.