މިސްރުގެ މީޑިއާގައި ރާއްޖެ އާއި އީގަލްސް އަށް ތައުރީފް ކޮށްފި
މިސްރުގެ މީޑިއާގައި ރާއްޖެ އާއި އީގަލްސް އަށް ތައުރީފް ކޮށްފި

މިސްރުގެ މީޑިއާއެއްގައި ކްލަބް އީގަލްސް އާއި ރާއްޖޭގެ ފުޓްބޯޅަ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފި އެވެ.

މިސްރުގެ މީޑިއާގައި ރާއްޖެ އާއި އީގަލްސް އަށް ތައުރީފް ކޮށްފި
މިސްރުގެ މީޑިއާގައި ރާއްޖެ އާއި އީގަލްސް އަށް ތައުރީފް ކޮށްފި

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ކްލަބްތަކުގައި މިސްރު ކުޅުންތެރިން ކުޅެމުން އަންނަ ނިސްބަތް އިތުރުވަމުން އަންނައިރު، ރާއްޖޭގެ ކްލަބްތަކުގެ ޓްރަޔަލްތަކުގައި ބައިވެރިވާ މިސްރު ކުޅުންތެރިން ވެސް އަންނަނީ ގިނަވަމުންނެވެ.

މިސްރުގެ މީޑިއާއެއް ކަމަށްވާ އަލްނަހާރް ރިޔާދާ ޓީވީގެ ކުޅިވަރު ޕްރޮގްރާމްގައި މި މަހު 13 ވަނަ ދުވަހު ދެކެވުނީ ގައުމުން ބޭރު ލީގުތަކުގައި ކުޅޭ މިސްރު ކުޅުންތެރިންގެ ވާހަކަ އެވެ.

މިސްރުގެ ކުޅިވަރު ރިޕޯޓަރެއް ކަމަށްވާ ފަޔާޒް ތަރްވާތު ފާހަގަކުރި ގޮތުގައި ރާއްޖޭގެ ކްލަބްތަކަށް ކުޅެން ބޭނުންވާ މިސްރު ކުޅުންތެރިން އަންނަނީ އިތުރުވަމުންނެވެ.

"ދިވެހި ރާއްޖޭގޭގައި އޮންނަނީ ވަރަށް ވަރުގަދަ ލީގެއް. އެ ގައުމުގައި އުޅެނީ ވަރަށް ފުޓްބޯޅަ އަށް ލޯބިކުރާ ބައެއް. އަހަރެން ދިވެހި ރާއްޖޭގެ މައުލޫމާތު ހޯދަމުން ދަނީ އޭޖެންޓް އަހްމަދު ރަޝްވާންގެ ފަރާތުން. އެއީ ހުރިހާ ގޮތަކުން ވެސް މިސްރާ މުޅިން ތަފާތު ގައުމެއް. ފުޓްބޯޅަ ފޯރި ބޮޑުވުމުން ރާއްޖެ އަށް ދާހިތްވާ މިސްރު ކުޅުންތެރިން ވެސް ގިނަ،" ތަރްވާތު ބުންޏެވެ.

އޭނާ ބުނީ މިސްރު ކުޅުންތެރިން ހޯދުމަށް އެންމެ މަސައްކަތްކުރާ ކްލަބަކީ ރާއްޖޭގެ އީގަލްސް ކަމަށާއި އެ ޓީމަކީ މޮޅު ޓީމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އީގަލްސް އަކީ ވެސް ވަރުގަދަ ޓީމެއް. އީގަލްސް އަކީ ވެސް މިސްރުގައި އޮންނަ ޒަމާލިކް އެފްސީ ފަދަ ދުވަސްވީ ޓީމެއް. އާ ޓީމެއް ނޫން. މިސްރުގެ ކުޅުންތެރިޔާ މުހައްމަދު މަގްދީ ކުޅެނީ އީގަލްސް އަށް. އޭނާގެ ފަރާތުން މިދިޔަ އަހަރު ވެސް އީގަލްސްގައި ކުޅެފައި އައި ފަހުން ވަރަށް ބޮޑު ކުރިއެރުމެއް ފެނުނު،" ތަރްވާތު ބުންޏެވެ.

އެ ޕްރޮގްރާމްގައި މިސްރު ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުނީ ރާއްޖެ އަކީ މިސްރު ފުޓްބޯޅަ ކުޅުންތެރިންނަށް ރަނގަޅު ފިޔަވަޅަކަށް ވެދާނެ ކަމަށާއި މާލީ ގޮތުން ބެލިޔަސް މިސްރުގެ ކުޅުންތެރިންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ފުރުސަތެއް ކަމަށެވެ.

އީގަލްސް އިން ވަނީ މި ސީޒަނުގައި ވެސް މަގްދީ ގެނެސްފަ އެވެ. އަދި މިސްރުން އިތުރު ޑިފެންޑަރަކު ގެނައުމަށް ވެސް އެ ޓީމުން ވަނީ ނިންމައިފަ އެވެ. އީގަލްސްގެ އިތުރުން ޓީސީގައި ވެސް މި ފަހަރު މިސްރުގެ ޑިފެންޑަރަކު ހިމެނެ އެވެ. އެއީ މި ފަހަރު އެ ޓީމަށް ގެނައި އީސާ އެލް މަގްރަބީ އެވެ.