06 މާޗް 2024 - 23:19

އެޗްޑީސީގެ ކުރީގެ މެނޭޖްމެންޓުން ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ނާޖާއިޒު ގިނަ ކަންތައްތަކެއް އެ ކުންފުނީގެ ތެރޭގައި ހިންގާފައި ކަމަށާއި އެކަންކަމާ ގުޅޭ އެތެރޭގެ އޮޑިޓެއް ހެދުމަށް ފަހު، މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވ. ފެލިދޫ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެޗްޑީސީ އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ. ކުންފުނީގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ދަރަނި ހިންގި ބަޔަކު ނޫނީ މި ދަރަނި މިހާ ހިސާބަށް ގެނައި ބަޔަކު އެބަވޭ. މިކަންކަމަށްޓަކައި ޒިންމާވާން ޖެހޭ ފަރާތްތަކެއް އެބަވޭ. އަޅުގަނޑުމެންގެ އޮޑިޓް ރިޕޯޓްތައް ހެދެމުން ދަނީ. ބައެއް އޮޑިޓް ރިޕޯޓްތައް އަޅުގަނޑުމެން ހިއްސާ ކުރަން ޖެހޭ ފަރާތްތަކާ ހިއްސާކުރަމުން އެބަ ގެންދަން. މި ހިއްސާ ކުރުމުގައި އަޅުގަނޑުމެންގެ އަބުރު ކަތިލިޔަސް ރައްޔިތުންގެ ހައްގުގައި މިކަންކަން ހާމަކޮށްދޭނަން،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ތިލަފުށީގައި ބައެއް ބިންތައް ކުރީގެ މެނޭޖްމެންޓުން ނުހައްގުން ބަޔަކަށް ދޫކޮށްފައިވެ އެވެ. ހުޅުމާލޭގެ ފަންސާހަކަށް ބިން ނުހައްގުން ދޫކޮށްފައިވާ ކަން ފަޒުލް މީގެކުރިން ހާމަކޮށްފައިވާއިރު، ތިލަފުށީގެ 35 ބިމެއް ވެސް ނުހައްގުން، ވަގުތީ ގޮތުން ކަމަށް ބުނެ ބަޔަކަށް ދޫކޮށްފައިވާ ކަމަށް އޭނާ މިރޭ ވިދާޅުވި އެވެ.
އެޗްޑީސީގެ އެމްޑީ ވިދާޅުވީ ތިލަފުށީގެ 35 ބިން ދީފައިވަނީ އެއްގޮތަކަށް ވެސް އެ ބިން ހައްގުވާ ބަޔަކަށް ނޫން ކަމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ތަންތަން ދީފައި އޮތްއިރު އެއީ އެޗްޑީސީން އާންމުކޮށް ކުރާ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
އަނގަ ބަހުން އެ ހުއްދަ ދީފައި އޮތުމުން މިހާރު އޭގައި އެ ވިޔަފާރިތަކުގެ ވެސް ހައްގެއް ހިމެނޭތީ، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
"...އެކަމަކު އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، 35 ބިން ހުރިހާ ވިޔަފާރިތަކަކަށް ފުރުސަތު ނުލިބި ނޫނީ އާންމު ރައްޔިތުންނަށް ފުރުސަތު ނުލިބި ގެއްލިގެން ދިޔައީ. ހަގީގަތުގައި މިއީ އެޗްޑީސީއަށް ލިބެންޖެހޭ ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެން ދިޔައީ،" ފަޒުލް ވިދާޅުވި އެވެ.
"މީގެ ތެރޭގައި އޮޑިޓް ރިޕޯޓްތަކެއް ހެދިގެން މީގެ ކުރީގެ މެނޭޖްމަންޓުން މީގެ ޒިންމާ އުފުލަން ޖެހޭނެ ކަން އަޅުގަނޑު އިއުލާން ކުރަން. އަދި މިއާ ބެހޭ މައްސަލަތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އޭސީސީއަށާއި އެހެން ތަންތަނަށް ހުށަހަޅާނަން."
ހުޅުމާލޭގެ އަގު ބޮޑު 50 ބިމެއް ނުއަގުގައި ބަޔަކަށް ދީފައި އޮތުމުގެ ސަބަބުން ކުންފުންޏަށް ލިބެންޖެހޭ އާމްދަނީ ނުލިބި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ބިންތައް ނެގުމުގެ މަސައްކަތް މިހާރު އެޗްޑީސީން ކުރަމުންދާ ކަމަށާއި ރައްޔިތުންގެ މުދާ ރައްޔިތުންނަށް އަނބުރާ ހޯދައިދޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭ 800 މިލިއަންގެ އާމްދަނީ އެޗްޑީސީއަށް ލިބެން ކަމަށާއި އެ އާމްދަނީ ހޯދުމަށް މެނޭޖްމެންޓުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ވެސް އެ ހައްގު އެންމެ ވެލި ފުކުއް ވެސް އުނި ނުކޮށް ހަވާލުކުރާނެ އެވެ. އެކަމަކު ބިން ދިނުމުގައި ވެސް އެޗްޑީސީން ނާޖައިޒު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.
"މީގެ ތެރެއިން އެއްވެސް ބޭފުޅަކު ގަބޫލު ކުރައްވާނަންތޯ ގުރުއަތު ނަގައިގެން އަޅުގަނޑާއި އަޅުގަނޑު އަނބިމީހާއަށް ނޫނީ ތިޔަ ބޭފުޅުންނާއި ތިޔަބޭފުޅުންގެ އާއިލާ ބޭފުޅުންނަށް ޖެހިޖެހިގެން ގޯތި ލިބިދާނެ ކަމަށް. އަޅުގަނޑުގެ ބުއްދި ގަބޫލެއް ނުކުރޭ. އެެހެންވީމަ މިއީ މީގެ ތެރޭގައި ހިންގާފައިވާ ވަރަށް ބޮޑު ކަންތައްތަކެއް އެކުލެވިގެންވާ ކަމެއް. އެހެންވީމަ މި ކަންކަން ވެސް ދިރާސާކޮށް އޮޑިޓް ކުރެވިގެންދާ ކަން ފާހަގަކުރަން،" ފަޒުލް ވިދާޅުވި އެވެ.
މީގެއިތުރުން ފަޒުލް ވިދާޅުވި ގޮތުގައި ކުރީގެ މެނޭޖްމެންޓުން 50 ހަކަށް މަޝްރޫއު އިއުލާންކޮށް ބައެއް ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. ނަމަވެސް، އަވަސް އަރުވާލައިގެން ހަވާލުކޮށްފައި ހުރި އެ މަޝްރޫއުތަކާ ގުޅިގެން އެޗްޑީސީއަށް އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިވެލޮޕްމެންޓް މުއްދަތަކީ ދެ އަހަރު ކަމަށް ވަނީ ނަމަ، ގާތްގަނޑަކަށް 36 މަސް ދީފައި އެބަ ހުރި އެކަމަށް. މާނައަކީ 36 މަހު އެއްވެސް ކުއްޔަކަށް ނުލައި ހަމަ ޖަހާނެ ސަކަރާތެއް ޖަހަން ދޫކޮށްލެވޭ ގޮތަށް ހުރި ބިންތަކެއް އެބަ ހުރި،" ފަޒުލް ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ތިލަފުށިން ގެއްލުނު ހިލަ ފަރުބަދައިގެ ވާހަކަ ވެސް ފަޒުލް ދެއްކެވި އެވެ. އޭނާ ވިދާޅުވީ އޭގެ ޒިންމާ ވެސް އުފުލަން ޖެހެނީ ކުރީގެ މެނޭޖްމެންޓުން ކަމަށެވެ.
"އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން އޭގެ ޒިންމާ ވާން ޖެހެނީ އެ ފަރާތް،" އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ހުޅުމާލޭގެ ބައެއް ސަރަަހައްދުތައް އަލި ކުރަން ގެނެސްފައިވާ ލައިޓް ޕޯސްޓްތައް ވެސް ވަނީ ބާ ދަގަނޑަށް ކިރާލައިފަ އެވެ. ރާއްޖޭން ބޭރު ގެނައި އެތަކެތި ބާދަގަނޑަށް ކިރުވި މައްސަލާގައި ކުރީގެ މެނޭޖްމެންޓްގެ ޝާމިލުވުން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޗްޑީސީ އަށް ވެފައި އޮތީ އިހުމާލު. އެޗްޑީސީގެ ތެރޭގައި ހިންގާފައިވަނީ ރައްޔިތުން ނޭދެވޭ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން،" ފަޒުލް ވިދާޅުވި އެވެ.