އެތުލެޓިކްސް މުބާރާތުގެ އެއްވަނަ ފަސޫހާ އާއި ސާއިދު އަދި އައުހާ އާއި ޔޫނުސް
އެތުލެޓިކްސް މުބާރާތުގެ އެއްވަނަ ފަސޫހާ އާއި ސާއިދު އަދި އައުހާ އާއި ޔޫނުސް

މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ 11 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންނަށް ހަސަން ސާއިދާއި ފަސޫހާ އަހުމަދު އަދި މުހައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހިމާއި އާމިނަތު އައުހާ އަބްދުއްރަހްމާން ހޮވިއްޖެ އެވެ.

އެތުލެޓިކްސް މުބާރާތުގެ އެއްވަނަ ފަސޫހާ އާއި ސާއިދު އަދި އައުހާ އާއި ޔޫނުސް
އެތުލެޓިކްސް މުބާރާތުގެ އެއްވަނަ ފަސޫހާ އާއި ސާއިދު އަދި އައުހާ އާއި ޔޫނުސް

ދިވެހި ސިފައިންގެ ކްލަބްގެ ސާއިދާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަސޫހާ އެއްވަނަ އެތުލީޓުންގެ މަގާމް ހޯދީ 15 އަހަރުން މަތީގެ ބައިންނެވެ.

ސާއިދު ވަނީ 200 މީޓަރާއި 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން 4 ގުނަ 100 މީޓަރު ރިލޭގައި އެއްވަނަ ހޯދި ސިފައިންގެ ކްލަބް ޓީމުގައި ވެސް ސާއިދު ހިމެނެ އެވެ.

އެގޮތުން 200 މީޓަރު ރޭހުން އެއްވަނަ ހޯދީ 22.05 ސިކުންތުން ފައިނަލް ހީޓު ނިންމައިގެންނެވެ. އަދި 100 މީޓަރު ފައިނަލް ހީޓު ކާމިޔާބުކުރީ 10.65 ސިކުންތުންނެވެ. މި ދެ އިވެންޓުގައި ވެސް ސާއިދު ސްޕޯޓްސްގެ އަހުމަދު ނަޖުދާން އަބްދުﷲ ދެވަނައިގައި ނިންމިއިރު ތިންވަނައިގައި ނިންމީ ސިފައިންގެ ކްލަބްގެ އިބްރާހިމް ނާހިލް ނިޒާރެވެ.

ރިލޭގެ ފައިނަލް ހީޓު ސިފައިންގެ ކްލަބް ނިންމީ 43.47 ސިކުންތުންނެވެ. ދެވަނައަށް ދިޔައީ 45.30 ސިކުންތުން ރޭސް ނިންމި ސާއިދު ސްޕޯޓްސް އާއި 46.42 ސިކުންތުން ނިންމި ޝަރީފް ސްޕޯޓްސް އެވެ.

ފާއިތުވި 2023 ވަނަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދައި، ގްރޯން ޕްރީގެ އެއްވަނަ އަންހެން އެތުލީޓްގެ މަގާމް ހޯދި ފަސޫހާ ވަނީ ތިން އިވެންޓަކުން ރަން މެޑަލް ހާސިލް ކޮށްފަ އެވެ. އެގޮތުން 800 މީޓަރާއި 1500 މީޓަރުގެ އިތުރުން 5000 މީޓަރު ދުވުމުން ވެސް އެއްވަނަ ހާސިލް ކުރީ އޭނާ އެވެ.

އަންހެނުންގެ 800 މީޓަރު ރޭހުން އެއްވަނަ ހޯދީ ދެ މިނިޓް 22.94 ސިކުންތުން ނިންމައިގެންނެވެ. އަދި 1500 މީޓަރު އިވެންޓު ކާމިޔާބު ކުރީ ފަސް މިނިޓް 22.26 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ދެ އިވެންޓުން ވެސް ދެވަނައަށް ދިޔައީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދެވެ. އަދި ތިންވަނައިގައި ނިންމީ ޒިފިއުސްގެ އައިޝަތު ބިންތި އަހުމަދެވެ.

ފަސްހާސް މީޓަރު އިވެންޓުން ފަސޫހާ އެއްވަނަ ހޯދީ 22 މިނިޓް 23.15 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ދެވަނައިގައި އައިޝަތު ނިންމިއިރު ޒީކް ނިންމީ ތިންވަނައިގަ އެވެ.

ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ޝަރީފް ސްޕޯޓްސްގެ އައުހާ ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕުން ރަން މެޑަލް ހާސިލް ކޮށްފަ އެވެ. އަދި 15 އަހަރުން ދަށުގެ އެއްވަނަ ފިރިހެން އެތުލީޓަކަށް ހޮވުނު އައްޑޫ އެތުލެޓިކްސްގެ މުހައްމަދު ޔޫނުސް ވަނީ 400 މީޓަރު ދުވުމާއި 80 މީޓަރު ހާޑަލްސް އިން ރަން މެޑަލް ހޯދުމުގެ އިތުރުން ޓްރިޕަލް ޖަމްޕުން ރިހި މެޑަލް ހޯދައިފަ އެވެ.