10 މާޗް 2024 - 13:36

ރޯދަ މަހަށް ތައްޔާރުވާން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

މި ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުން ވަނީ މާލޭގެ އެއްގަމާއި ފަޅުތެރެ ހިމެނޭހެން ފަސް ސަރަހައްދެއް ސާފުކޮށްފަ އެވެ. އަދި މާލޭގެ މިސްކިތެއްގެ ބޭރު ފާރުގައި ވަނީ ކުލަ ލައިފަ އެވެ.

ބީއެމްއެލްގެ މި ހަރަކާތުގައި ސާފުކުރި ހުރިހާ ސަރަހައްދަކުން ހަތަރު ޓަނުގެ ކުނި ވަނީ ނަގައިފަ އެވެ.
ބީއެމްއެލްއިން ބުނީ ކުނީގެ ގޮތުގައި ހޮވި ފަސް ޖަންބޯ ބޭގްގެ ޕްލާސްޓިކް ރީސައިކަލް ކުރަން ހަވާލުކޮށްފައިވާ ކަމަށެވެ.
މި ހަރަކާތް މާލޭގައި ހިންގީ މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (މޯޕާ) އަދި ޑައިވް ޑެސްކް އާ ގުޅިގެންނެވެ. މާލޭގައި ހިންގި ސާފުކުރުމުގެ ހަރަކާތުގައި ބީއެމްއެލްގެ 200އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.
ބީއެމްއެލްއިން ސާފުކުރުމުގެ ހަރަކާތެއް ވަނީ އައްޑޫ ސިޓީގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތުގައި އައްޑޫ ސިޓީ ބްރާންޗުތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.
ބީއެމްއެލްއިން މިދިޔަ ހަފުތާގެ ތެރޭގައި ބ. އޭދަފުއްޓާއި ރ. މީދު އާއި ފ. ނިލަންދު އާއި މ. މުލީގައި ވެސް ވަނީ ރަށުތެރެ ސާފުކުރުމުގެ ހަރަކާތްތަކެއް ހިންގައިފަ އެވެ.