11 މާޗް 2024 - 14:20

މިއީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރަށް ވުމާ އެކު، މެދުރާއްޖޭގެ ރަށްތަކަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު 42 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.
މާޗު އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރެވެ. މިގޮތަށް ދިމާވަނީ ވިލާ މަދުވުމާއި ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނު މިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވެގެން ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނި ގޮތުގައި މިއަހަރަކީ އެލްނީނޯ އަހަރެއް ކަމުން، ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާތަކުން ވެސް ލަފާކުރެ އެވެ.
އެންމެ ބޮޑަށް ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދަނީ މެންދުރުފަހު 2 ޖަހާއިރު ކަމަށް ވެސް މެޓުން ބުނެ އެވެ.
މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް ވެސް އެރި އެވެ.