ކެތްކުރީމޭ ލަދުން
ކެތްކުރީމޭ ލަދުން

ޑްރެސިން ޓޭބަލް ކައިރީ އިނދެ އަޒްބާ އޭނާގެ ރީތި މޫނަށް ބަލަމުން ދިޔައެވެ. މޫނުމަތީގައިވާ ހިތާމައިގެ ކުލަވަރުގެ ސަބަބުން ހަގީގަތުގައި އޭނާގެ ރީތިކަން މިހާރުވަނީ ކޮންމެވެސް ވަރަކަށް ގެއްލިފައިކަން ޚުދު އޭނާއަށް ވެސް އިހުސާސް ކުރެވުނެވެ. ލޮލުގައިވާ ހިތްދަތި އަސަރުތައް ފޮރުވާފައިވަނީ އޭނާގެ ދިގު އެސްފިޔަތަކުގައި ޖައްސާފައިވާ މަސްކަރައިގެ ދެލިންނެވެ. ހިނިތުންވާން މަސައްކަތްކުރި ނަމަވެސް ހިނިތުންވެލާނެ ހިތްވަރު އޭނާގެ ކިބައިގައި ނެތް ކަހަލައެވެ. އަތުގައި އޮތް ރަތްކަން ގަދަ ލިޕްސްޓިކް ދެ ތުންފަތުގައި ހާކާލުމަށްފަހު އޭނާ ކުޑަކޮށް ހީލިއެވެ.

"އަދިވެސް ނުނިމޭ؟" ފަރުވާކުޑަ ގޮތަކަށް އަޒްބާގެ ފިރިމީހާ ނާއިމް ބުނެލި އަޑު އިވި އޭނާ ސިހުނެވެ. އެހެންކަމުން އިތުރަށް ލޯގަނޑު ކުރިމަތީ ނީނދެ އޭނާ ތެދުވިއެވެ.

"ނޫން.. މި ނިމުނީ! ހިނގާ ދާން،" ގަދަކަމުން ހިނިތުން ވެލަމުން އަޒްބާ ބުންޏެވެ.

އޭރު ވެސް ނާއިމް އިނީ ފޯނަށް ބަލަހައްޓައިގެން އެނދުމަތީގައެވެ. އަޒްބާގެ ޖުމްލަ ނިމުމާއެކު އޭނާ ތެދުވެ ކޮޓަރި ދޮރާ ދިމާލަށް ހިނގައިގަތީ އަޒްބާއަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތިއެވެ. އަތުގައި އޮތް އެންމެ ރީތި ހެދުން ލައި، ޒީނަތްތެރިވެގެން އޭނާ އެ ހުރީ ފިރިމީހާގެ ފަރާތުން ތައުރީފުގެ އެންމެ ބަހެއްވެސް ލިބޭނެކަމުގެ އުއްމީދުގައެވެ.

"އަންނަން ބޭނުން ނުވަނީތަ؟" ފުން ވިސްނުމެއްގައި ހުރި އަޒްބާ މިފަހަރު ވެސް ސިހުނީ ނާއިމްގެ އަޑަށެވެ.

ދޮރުމަތީގައި ހުއްޓުމަށްފަހު ނާއިމް ހުރީ އަޒްބާއަށް ބަލަހައްޓައިގެންނެވެ. ހިތްހަމަނުޖެހުމުގެ އަސަރުތައް އޭނާގެ މޫނުމަތިން ފެންނަން ފެށުމުން އަޒްބާއަށް އިސްޖަހާލެވުނެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އޭނާ ގޮސް ނާއިމްގެ ފަހަތުގައި ހުއްޓުނެވެ.

"ކާރު އައިއްސިއޭ މިހާރު،" މިފަހަރު ވެސް ނާއިމް ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.

"ކާރު؟ ކީއްވެ ކާރު؟ ސަ... ސައިކަލްގައެއް ނޫންތަ؟" ބޭއިހުތިޔާރުގައި އަޒްބާއަށް އެ ސުވާލުކުރެވުނީ ނާއިމަކީ ސައިކަލެއް ގެންގުޅޭ މީހަކަށް ވާތީއެވެ.

"އަޒްބާ ގޮވައިގެން އަހަރެން ދުވަހަކު ވެސް ސައިކަލަށް އެރިތަ؟" ބޭރަށް ނިކުންނަމުން ނާއިމް ބުނެލި ޖުމްލައިން އަޒްބާގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ.

ތެދެކެވެ. ރައްޓެހިވެގެން ހޭދަކުރެވުނު ދެތިން މަސް ދުވަހުގެ ތެރޭގައި ވެސް ނާއިމް ދުވަހަކު ވެސް އަޒްބާ ގޮވައިގެން ދުއްވާލާކަށް ނުދެއެވެ. އަދި ދެ މީހުން އެކުގައި އެއްވެސް ތަނަކަށް ވެސް ގޮސްފައެއް ނުވެއެވެ. ނަމަވެސް އަޒްބާ ކުރިން އުއްމީދު ކުރީ ކައިވެންޏަށްފަހު އެކަންތައްތައް ބަދަލުވާނެ ކަމަށެވެ.

އެފަދަ ވިސްނުންތަކެއްގައި ހުރެ އޭނާ ގޮސް ކާރަށް އެރިއެވެ. އޭރު ނާއިމް އިނީ ކުރީ ސީޓަށް އަރައެވެ.

ކާރުގައި އިން އިރު ވެސް އަޒްބާއަށް ވިސްނެނީ ނާއިމާ ދޭތެރޭގައެވެ. ނާއިމް އެހާ ދުރުކޮށް އޭނާ ގެންގުޅެނީ ކީއްވެބާއޭ އަބަދުވެސް ހިތަށް އަރައެވެ. ނަމަވެސް ޝަކުވާއެއް ދުލުން ބޭރުކުރާކަށް ނުކެރެއެވެ. ކޮޓަރިއަށް ވަންނައިރު ވެސް ނާއިމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވާތީ އަޒްބާ ހުންނަނީ ގިނަފަހަރަށް އަނގައިން ބުނަންވެ ސް ނުކެރިފައެވެ.

"އަހަރެންގެ ރައްޓެހިންނާ މާ ބޮޑަށް ވާހަކަ ދައްކާނެ ކަމެއް ނެތް. އެ މީހުން މާލެ އައިސް ކާންދޭށޭ ކިޔާވަރުން އަހަރެން މި ގެނައީ ވެސް. އަޒްބާ ނުލައި އައިއްޔާ އަހަންނާ ސުވާލު ކުރާވަރުން ބޯ ފަޅައިގެން ދާނެ. އަދި ބުނަންތަ؟ އަމިއްލައަށް މަތިންބައިންޖެހިގެން މާ މޮޅުމީހަކަށް ވެގެން ވާހަކަ ނުދައްކާތި."

ރެސްޓޯރެންޓަށް ވަނުމުގެ ކުރިން ރުންކުރު ގޮތަކަށް ނާއިމް ދެއްކި ވާހަކަތަކުން އަޒްބާގެ ހިތް ފިހިގެން ދިޔަ ކަހަލައެވެ. އޭނާއަށް އެ ދިން އިންޒާރުތަކުން އެ ރީތި މޫނު މިލާ މޯޅިވެގެން ދިޔަ ކަހަލައެވެ. އިތުރަށް ހިނިތުންވެފައި، މީހަކާ ދިމާލަށް ބަލައިލާނެ ހިތްވަރު ވެސް އަޒްބާގެ ކިބަޔަކު ނެތެވެ.

"ކީއްވެ ތިހުރީ؟ ދެން ވަންނަންވީއޭ. މިހެން ބުނީމަ އަނެއްކާ މިތާނގަ ރޯން ފަށާނީއެއް ނޫން،" ފޫހި ނަޒަރަކުން އަޒްބާއަށް ބަލަން ހުރެ ނާއިމް ބުނެލިއެވެ.

އޭރު އަޒްބާގެ ލޮލުގެތެރެ ފިނިވަމުން ދާން ފަށައިފިއެވެ. ނަމަވެސް ބިރުން އޭނާއަށް ހުރީ ރޮއިލަން ވެސް ނުކެރިފައެވެ. ފުން ނޭވާއެއް ބޭރަށް ދޫކޮށްލުމަށް ފަހު އަޒްބާ ނާއިމްގެ ފަހަތުން ހިނގައިގަތެވެ.

"ކޮންގްރެޓްސް ބްރޯ. ފަހަރި ކޮބާ ކިހިނެއް؟" ފުރަތަމަވެސް ވާހަކަ ދެއްކީ ނާއިމްގެ އެކުވެރި ޝަމްއާނެވެ.

ރައްދުގައި ބިރުން ހުރެ އަޒްބާ ހިނިތުންވެލިއެވެ. ތަނަށް ވެރިވެފައިވާ ފަނޑުއަލިން އެއްވެސް މީހެއްގެ މޫނު މާ ސާފުކޮށް ފެންނަވަރެއް ވެސް ނުވެއެވެ. އެއީ ވެސް ނަސީބެކޭ އަޒްބާ ހިތަށް އެރިއެވެ.

"އަހަރެމެންނަށް އަދި ކިރިޔާއޭ ފަހަރި ދައްކާލީ ވެސް. ގެއްލިދާނެތީވެތަ؟" އަޒްބާގެ ކުރިމަތީގައި އިން ވިލްދާން ޖެއްސުމުގެ ރާގަކަށް ބުނެލީ ނާއިމަށް ބަލައިލަމުންނެވެ. އެއާއެކު ނާއިމް ޖަހާލީ ކުރު ހިނިގަނޑެކެވެ.

"ގެއްލެން ވިއްޔާ ހަމަ ގެއްލެންވީ. ގެއްލެން ހުރި އެއްޗެއް ނުވެއް ހިފެހެއްޓޭނެ. ނޯ ވޮރީސް،"
ދެ ކޮނޑު ހިއްލާލަމުން ނާއިމް ދޫކޮށްލި ޖުމްލައިން އަޒްބާއަށް ދެލޯ މަރާލެވުނެވެ.

ހިތުގައި ޖެހުނުވަރު ބޮޑުކަމުން އޭނާ އިނީ އެތަނުގައި އިންނަން އުނދަގޫ ވެފަ އެވެ. އޭރު ވެސް ނާއިމް އެކުވެރިންނާ އެކު ސަމާސާ ކުރަމުން ދެއެވެ. އެތަނުން ނިކުމެގެން އައި އިރު ވެސް އަޒްބާ އިނީ ނާއިމް އެދުނު ފަދައިން މަޑުމަޑުންނެވެ.

ގެއަށް އައި ގޮތަށް އަޒްބާ ވަނީ ފާހާނާއަށެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުއްޓި، ދެއަތުން އަނގަމަތީގައި އަތް އަޅައިގެން ހުރެ ފުންކޮށް ނޭވާ ލަމުން ދިޔައީ ބޭރަށް އަޑުފަޅައިގެން ދިޔަ ނުދިނުމަށްޓަކައެވެ. ނަމަވެސް ޖަޒްބާތުތަކުގައި އޭނާއަކަށް ނުހިފެހެއްޓުނެވެ. ކެތްތެރިކަން ކޮޅުންލައި ދެ ލޮލުން ކަރުނަ ފޫދެން ފެށިއެވެ. ހިތްދަތިކަމުގައި ފިހެމުންދާ އޭނާގެ ނާޒުކު ހިތަށް މިރޭ އިތުރަށް އަނިޔާ ވެއްޖެއެވެ. އަދި ފިލައިގެން ނުދާނެ ފަދަ ކަޅުކަންގަދަ ލައްގަނޑުތަކެއް ސިކުނޑީގައި ހަރުލައިފިއެވެ.

"އަވަސްކޮށްބަލަ! ކީއްތަ ތި ކުރަނީ؟"

މުށިތައްމަތީ އިށީނދެ ދެ ކަކުލުގައި ބޯ ޖަހައިގެން އޮތް އަޒްބާ ސިހުނީ ތަންކޮޅެއް ބާރަށް ނާއިމް ދޮރުގައި ޖަހާލުމުންނެވެ. އެއާއެކު އޭނާ ތެޅިގަނެފައި އަވަސް އަވަހަށް ތެދުވިއެވެ. އެ ހިނދު އަނެއްކާވެސް ލޯގަނޑުން އޭނާއަށް މޫނު ފެނުނެވެ. ލޮލުގައި ހުރި އަނދުންތައް ވެސް ހުރީ ކަރުނައާއެކު މުޅި މޫނުގައި ހޭކިފައެވެ. އެހެންކަމުން އަވަސް ހަރަކާތްތަކާއެކު އޭނާ މޫނު ދޮވެލިއެވެ.

ދޮރު ހުޅުވި އިރު ވެސް ނާއިމް ހުރީ ފޯނާ ކުޅޭށެވެ. އަޒްބާ ނިކުތުމާއެކު އޭނާއަށް ބަލައިލުމެއް ނެތި ނާއިމް ގޮސް ފާޚާނާއަށް ވަނެވެ. ގައިން ވަރު ދޫވެފައި ހުރެ އަޒްބާ ހިނގައިގަތީ އަލަމާރިއާ ދިމާލަށެވެ. އަދި ނާއިމް ނިކުންނަން ވާއިރަށް ނިދަން ލާން ގެންގުޅޭ ހެދުން އަވަސް އަވަހަށް ގަޔަށް މަހާލުމަށްފަހު އެނދުގައި އިށީނެވެ. އިސާހިތަކު ނާއިމް ފާޚާނާއިން ނިކުތްތަން އޭނާއަށް ފެނުނެވެ. އޭރު ވެސް އޭނާ ހުރީ ފޯނުން ފިލްމެއް ބަލާށެވެ.

ވަރަށް ފުންކޮށް ވިސްނުމަށްފަހު އަޒްބާ ނާއިމަށް ގޮވާލިއެވެ. ނަމަވެސް ނާއިމްގެ ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ. އެންމެ ފަހުން ކެތް ނުވެގެން އަޒްބާ ތެދުވެގެން ގޮސް ނާއިމްގެ އަތުގައި އޮތް ފޯނު ޖަހައިގަތެވެ. ސިހިފައި ނާއިމް އަޒްބާއަށް ބަލައިލި އިރު އޭނާގެ ދެ ލޮލުގައި އިންތިހާ ދަރަޖައަށް ރުޅިވެރިކަން އުތުރި އަރަމުން ދެއެވެ.

"ކިހިނެއް ވެގެންތަ ތި އުޅެނީ؟" މާނޭވާ ލައިލައި ހުރި އަޒްބާއާ ނާއިމް ސުވާލު ކުރިއެވެ.

ދެ ލޯ ބޮޑުކޮށްގެން ހުރެ އޭނާ ނާއިމަށް ބަލަމުން ދިޔައިރު ކޮންމެވެސް ވަރަކަށް ބިރުގަނެފައި ހުރިކަން ވެސް އެ މޫނުމަތިން ފާހަގަ ކުރެވެއެވެ.

"ގެނޭ ފޯނު!" އަޒްބާއާ ދިމާލަށް ފިޔަވަޅެއް ކުރިއަށް ނާއިމް އެޅިއެވެ. ނަމަވެސް އަތް ފުރަގަހަށް ލަމުން އަޒްބާ ދެ ފަރާތަށް ބޯ ހޫރާލީ ފަހަތަށް ޖެހެމުންނެވެ.

"އަޖައިބެއް! ކޮން ފާޑަކަށް ތިއުޅެނީ؟" އަނެއްކާވެސް ނާއިމް ބުނެލީ ހިތްހަމަ ނުޖެހިފައެވެ. އޭރު އަޒްބާގެ ދެ ލޮލުން ފެންތައް ފައިބަން ފަށައިފިއެވެ.

"ކީއްވެ؟ ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ؟ އަހަރެން ނާއިމް ދެކެ ލޯބިވާވަރު ނާއިމްއަށް ނޭނގެނީތަ؟" އަޒްބާ ރޮވިފައި ސުވާލު ކުރުމާއެކު ނާއިމް ކުޑަކޮށް ހަމަޖެހިލިއެވެ. ނަމަވެސް އަޒްބާގެ މޫނަށް އޭރު ވެސް އޭނާ ބަލަމުން ދިޔައީ ނުރުހުންތެރި ކަމާ އެކުގައެވެ.

"އަޒްބާ އަހަރެން ދެކެ ލޯބިވިޔަސް އަހަރެން އެއްފަހަރު ވެސް ބުނިންތަ އަޒްބާ ދެކެ ލޯބިވަމޭ؟"
ނާއިމްގެ ޖުމްލައިން އަޒްބާ އިތުރަށް ދެރަވެއްޖެއެވެ.

"އަހަރެން ހީކުރީ... ކައިވެންޏަށް ފަހު އަހަރެން ދެކެ ނާއިމް ލޯބިވާނެ ކަމަށް،" އަސަރާއެކު އަޒްބާ ބުންޏެވެ. އެއާއެކު ނާއިމް އެއް މިޔަނަކުން ހީލީ މަލާމާތުގެ ގޮތަކަށެވެ.

"ކުރެވޭ ހީއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރަން ނިންމީ ވެސް އަޒްބާ. އަހަރެންގާތު ރައްޓެހިވާން އެހީވެސް އަޒްބާ. އަހަރެން ލޯތްބެއް ނުވެޔޭ ބުނީމަ އަޒްބާގެ މައިންބަފައިން މެދުވެރިކޮށް އަހަރެންގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން އެ މީހުން ލައްވާ އަހަރެން މި ކައިވެންޏަށް އެއްބަސް ކުރުވީ ވެސް ހަމަ އަޒްބާ. ދެން މިހާރު ކީކޭ ކިޔަން ތިއުޅެނީ؟" ނާއިމް ތަންކޮޅެއް ބާރަށް ބުނެލީ އަޒްބާއަށް ފުރަގަސް ދެމުންނެވެ.

ނަމަވެސް އަޒްބާ ދުވެފައި ގޮސް ނާއިމްގެ ކުރިމައްޗަށް އަރައި ބާރުބާރަށް ވާހަކަ ދައްކަން ފެށިއެވެ.

"ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެން އަހަރެން ނާއިމްއަށް އެދިއެދި ހުންނަތާ އެއް އަހަރު މިވީ. ނާއިމްގެ ކިބައިން އުފަލެއް އަދި ލޯތްބެއް ލިބޭތޯ ދުޢާކޮށްލަކޮށްލާ މި ހުންނަނީ. ލޯބިނުވާ މީހުންވެސް ކައިވެނިކުރެޔޭ ބުނާ އަޑު އަހަން. އެކަމަކު ކައިވެންޏަށްފަހު ދެހިތުގައި ލޯބި އުފެދި އެކުގައި އުފަލުގައި އުޅޭ މީހުން މަދެއް ނޫން.. ނާއިމް ބުނެބަލަ. އަހަރެން ނާއިމަށް ގޯސްތަ؟ އަހަރެން ޚިދުމަތް މިކުރާގޮތަށް ނާއިމްއާމެދު ކަންތައް ކުރާނެ އެއްވެސް މީހަކު ނާއިމަކަށް ނުލިބޭނެ،"
ނާއިމްގެ ލޯބި ބޭނުންވެފައި ހުރި ވަރުން އަޒްބާއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގޭ ކަހަލައެވެ.

"އަހަންނާއެކު އުޅެން ބޭނުން ވަންޏާ ޖެހޭނީ ތިގޮތުގައި އިންނަން. އެހެން ނޫނީ ކޮންމެވެސް އެއްގޮތެއް ނިންމާ!" ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ ނާއިމް ބުންޏެވެ. އެއާއެކު އަޒްބާއަށް ހިމޭން ވެވުނެވެ.

"ނާއިމް! އަހަންނާމެދު އެއްވެސް އެއްޗެއް ތި ހިތުގައި ހަމަ ނެތީތަ؟ ހެޔޮނުވާނެ އަހަންނާމެދު ރަހުމު ކުރޭ. އަހަންނަށް ނާއިމްއާ ނުލައި ނޫޅެވޭނެ. ޕްލީޒް ނާއިމް،" އަޒްބާ ވާހަކަ ދެއްކީ ނުހަނު ލަސްލަހުންނެވެ.

"އަހަރެން އަޒްބާއަށް އެއްވެސް ރަޙުމެއް ނުބަހައްޓާއިރު ކީއްވެތަ އަހަންނާ ހެދި ހޭބަލިވެގެން ތިހާވަރު ތިވަނީ؟" ނާއިމް ސުވާލު ކުރިއެވެ.

އެ ސުވާލުން އަނެއްކާވެސް އަޒްބާގެ ހިތް ރޮއްވާލައިފިއެވެ.

"ލޯބިވާތީ! އާދޭސްކޮށްފައި ބުނަން. އަހަރެން ދުރު ނުކުރޭ. އަހަރެންދެކެ ލޯބިވާން މަސައްކަތް ކުރޭ،"
އަޒްބާ އެހެން ބުނުމާއެކު ނާއިމް ދެފަރާތަށް ބޯ ހޫރާލިއެވެ.

އަދި މަޑުމަޑުން ގޮސް އަޒްބާގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު ފުރަތަމަ ފަހަރަށް ދާދި ގާތުން ނާއިމަށް އަޒްބާގެ މޫނު ފެނުނެވެ.

އެ ދެ ލޯ އޭނާއަށް އެދެމުން ދާވަރު ވެސް އަލަށް އޭނާއަށް އިހުސާސް ކުރެވުނެވެ. އަޒްބާގެ ދެ ލޮލަށް ބަލަން ހުރެ އޭނާ އަޒްބާގެ އަތުން ފޯނު ނެގިއެވެ. އަދި ފަހަތަށް ޖެހިލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. ނާއިމް ދިޔުމުން އަޒްބާ ދުވެފައި ގޮސް އެނދުމައްޗަށް ޖެހިގަތެވެ. އޭރު ވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ.

ޖެހިގެން އައި ދުވަހެވެ. ކުރިޔާ ޚިލާފަށް އަޒްބާ މިއަދު ވަރަށް ބަސްމަދެވެ. ނާއިމަށް ވެސް މާބޮޑު ސަމާލުކަމެއް ނުދޭކަން ނާއިމަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެކަމާ ގުޅިގެން ނާއިމް އެއްވެސް ސުވާލެއް ނުކުރެއެވެ. އޭނާ ސިޓިންރޫމަށް ނިކުތް އިރު ސައިތައްޔާރު ކޮށްފައި ހުރި މަންޒަރު ފެނި ނާއިމް އަޒްބާއާ ވާހަކަ ދައްކަން ފެށިއެވެ.

"ބަޔަކު އަންނަނީތަ؟" ނާއިމްގެ ސުވާލުން އަޒްބާއަށް އޭނާގެ މޫނަށް ބަލައިލެވުނެވެ.

"ކޮއްކޮއާ އޭނާގެ ފިރިމީހާ އަދި ދެ ކުދިން މާލެ އައިސް މި ގެއަށް އަންނަ ވާހަކަ ބުނީމަ. ސައި ހެދީ" ލަސްލަހުން އަޒްބާ ބުނެލިއެވެ. އެއާއެކު ނާއިމް ލުއި ގޮތަކަށް ހީލިއެވެ. އަދި އޭނާ ނިކުންނަން ހިނގައިގަތެވެ.

"ދަ... ދަނީތަ؟ ކޮއްކޮމެންނާ ބައްދަލް..."

"އާނ! އަހަރެން މިދަނީ ކުޑަކަމަކު އޮފީހަށް"
އަޒްބާގެ ޖުމްލަ ނުނިމެނީސް ނާއިމް ބުންޏެވެ.

އިސްޖަހާލަމުން އަޒްބާ ހިންދިރުވާލީ ހިތަށް އުނދަގޫވީ ވަރުންނެވެ. އަޒްބާގެ މޫނުމައްޗަށް އެރި ހިތްދަތިކަމުގެ ކުލަވަރުތައް ނާއިމަށް ދެނެގަނެވުނު މިއީ ފުރަތަމަ ފަހަތެވެ. އެހެންކަމުން އޭނާގެ ހިތަށް ކުޑަކޮށް އުނދަގޫ ވީކަން ޚުދު އޭނާއަށް ވެސް އިހުސާސް ކުރެވުނެވެ.

"ކޮއްކޮ އާމިރްއާ މެރީކޮށްގެން ތިއުޅެނީ އުފަލުގައިތަ؟ މަސްވެރިކަމުން އާމިރް ހޯދާ ފައިސާއިން ދިރިއުޅުމުގެ ހުރިހާ ޚަރަދެއް ފުދޭތަ؟" އަޒްބާގެ ކޮއްކޮ އައިޝާ، އޭނާގެ ފަހަތުން ބަދިގެ ބަޔަށް އައުމާއެކު އަޒްބާ ސުވާލު ކުރިއެވެ. އެއާއެކު އައިޝާގެ މޫނުމަތީގައި ކުޅެލި އުފާވެރިކަމުގެ ޖަޒްބާތުތަކުން އަޒްބާއަށް ޖަވާބު ލިބުނު ކަހަލައެވެ.

"އަހަރެމެންނަށްވުރެ އުފަލުގައި އުޅޭނެ ބަޔަކު ހިއެއް ނުވެ ވަކި އުޅޭނެހެންނެއް. އަހަރެން ދޮންތަ ގާތު ހުންނަން ބޭނުމޭ ބުނީމަ ދެކުދިން ގޮވައިގެން އެ ދިޔައީއެއްނު އެކަނި ޕާކަށް ވެސް. ވަރަށް ރަނގަޅުވާނެ. ދެން ދޮންތަ ބުނެބަލަ. ދޮންތަ ލައިފް ކިހިނެއްތަ؟ އަބަދުވެސް ރޯޔަލް ލައިފެއްގައެއްނު އުޅެން ބޭނުންވަނީ؟ މި ގެއަށް އާދެވުނީމަ ވެސް އަހަންނަށް ހީވީ ގަނޑުވަރަކަށް އާދެވުނުހެން. ދޮންތަ ބޭނުންވާ ކަހަލަ ޝާހީ ޝާހީ އެއްޗެހި މުޅިން ވެސް މިހުރީ،" އައިޝާ އުފާވެރި ރާގެއްގައި ބުންޏެވެ. އެއާއެކު ލުއި ގޮތަކަށް އަޒްބާއަށް ހިނިތުންވެލެވުނެވެ.

"ނާއިމްބެއަކީ ރަށުގެ ކަތީބު ދަރިވީމަ ޝާހީ ގޮތްގަނޑު ވެސް ހުންނާނެތާ. އަހަރެން ހަނދާން އެބަހުރި ދޮންތަ އަބަދު ވެސް ބުނާނެ ކައިވެނި ކުރަން ބޭނުންވަނީ ވަރަށް ޝާހީ ބޭފުޅަކާއޭ،"
އަނެއްކާވެސް އައިޝާ ބުނެލިއެވެ. އެއާއެކު އަޒްބާއަށް އިސްޖަހާލެވުނެވެ.

"އެކަމަކު... މި ޝާހީ ދިރިއުޅުމަކީ އެއްވެސް އުފާވެރިކަމެއް އޮތް ދިރިއުޅުމެއް ނޫން!"
އަސަރާއެކު އަޒްބާ ބުނެލި ޖުމްލައިން އައިޝާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.

"އެނގޭ ކޮއްކޮ ހައިރާންވާނެކަން. އެކަމަކުވެސް ނާއިމް އަދިވެސް އަހަރެން ދެކެ ލޯތްބެއް ނުވޭ. ބޭނުންވާ ކޮންމެ އެއްޗެއް އޭނަ ހޯދައިދޭ. އެކަމަކު ވެސް ފިރިއެއްގެ ފަރާތުން ލިބެންވާ އެއްވެސް ލޯތްބެއް އަޅާލުމެއް އަހަންނަކަށް ނުލިބޭ. މިއަދު ހިތަށް އަރާ ކޮއްކޮ ކައިވެނި ކުރި ކަހަލަ ދެރަ ނިކަމެއްޗަކާ އަހަންނަށް ވެސް ކައިވެނި ކުރެވުނު ނަމައޭ. މި ދިރިއުޅުމުން އަހަންނަށް އެއްވެސް އުފަލެއް ނުލިބޭ. ރޮއިރޮއި ދެ ލޮލުން ކަރުނަ ހުސްވެއްޖެ! ފައިސާއަކުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެކަން މިއަދު ވިސްނިއްޖެ،" ފުންނޭވާއެއް ދޫކޮށްލަމުން އަޒްބާ ބުންޏެވެ.

އޭރު އައިޝާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓުން އަރައިފައެވެ.

"ދެން ކީއްވެ ތި ހުންނަނީ؟ އުމުރު ބޭކާރު ކުރަން ހުންނާނެ ކަމެއް ނެތެއްނު!" އައިޝާއަށް ބުނެވުނީ ކަންބޮޑުވާ ހާލުގައެވެ. އެއާއެކު މޭޒު ކައިރީގައި ހުރި ގޮނޑީގައި ލެނގިލަމުން އަޒްބާ ބުންޏެވެ.

"ލަދުން... ކެތް މިކުރަނީ ވަރިވެގެން ދާން ލަދުން. މަންމަ އާއި ބައްޕައާ ކުރިމަތިލާނެ ހިތްވަރެއް ނެތް.."

"އަޒްބާ ބޭނުމިއްޔާ އައިޝާއާ އެކު ރަށަށް ދޭ. މަންމަމެން ގާތު ބުނޭ އަހަރެން ފޮނުވާލިއްޔޭ!"
ކުއްލިއަކަށް ދޮރުމަތިން އިވުނު ނާއިމްގެ އަޑުން އަޒްބާއަށް ތެޅިގަނެވުނެވެ. އެހިނދު ދެ މީހުންގެ ނަޒަރު ސީދާ ވެއްޖެއެވެ.

"ވަރީގެ ކަންތައްތައް އަހަރެން ހަމަޖައްސާފަ ގުޅާނަން،" ނާއިމްގެ ދެވަނަ ޖުމްލައިން އަޒްބާގެ ހިތުގައި ހައިޖާނުގަނޑެއް ހިނގައިގަތެވެ.

އަޒްބާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ނާއިމް ބޭރަށް ހިނގައިގަތެވެ. އެއާއެކު އޭނާގެ ފަހަތުން އަޒްބާ ދުއްވައިގަތް ނަމަވެސް އައިޝާ އޭނާ ހިފެހެއްޓިއެވެ.

"އަދިވެސް އަދިވެސް ދޮންތަ ތިއުޅެނީ އޭނައާ ހެދި؟ ނުވާނެ ދެން އާދޭސް ކުރަން ގޮސްގެން. ހިނގާ އަހަންނާއެކު ދާން،" ރުޅި އައިސް ހުރެ އައިޝާ ބުނެލިއެވެ.

އެއާއެކު އަޒްބާ ހުއްޓިއްޖެއެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުރީ ނާއިމް ނިކުމެގެން ދިޔަ ދޮރާ ދިމާލަށެވެ.

ރަށަށް އައިއްސުރެ ނާއިމްގެ އެއްވެސް ހަބަރެއް އަޒްބާއަކަށް ނުލިބެއެވެ. ކިތަންމެ ފަހަރަކު އަޒްބާ ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް ނާއިމް އޭނާގެ ފޯނަކަށް އެއްވެސް ޖަވާބެއް ނުދެއެވެ. އެންމެ ފަހުން އަޒްބާއަށް ގޮތް ހުސްވިއެވެ. ނާއިމްއާ ވަކިވާން ހިތް ވެސް މަޖުބޫރު ކުރުވި ކަހަލައެވެ.

"އޭނަ އަދިވެސް ވަރީގެ އެއްވެސް ކަމެއްގައެއް ނޫޅެއެއްނު. ދެން ދަރިފުޅު ފޯމް ލާންވީނު،"
ޖޯލިފަތީގައި އޮތް އަޒްބާގެ ކަންފަތުގައި ޖެހުނު މަންމަގެ އަޑު ވެސް އިވުނީ ބިރުވެރި ސިފައެއްގައެވެ. ހިތްހަމަ ނުޖެހުމުގެ ނަޒަރަކުން މަންމައާ ދިމާލަށް އޭނާއަށް ބަލައިލެވުނީ އިހުތިޔާރަކާ ނުލައެވެ.

"ދުވަހަކު ވެސް އަހަރެން ތިކަމެއް ނުކުރާނަން،" އަޒްބާ އެހެން ބުނުމުން އޭނާގެ މަންމައަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

އެއަށްފަހު ހިތްހަމަ ނުޖެހުމެއްގައި ހުރެ މަންމަ ގޮސް ގެއަށް ވަދެއްޖެއެވެ. އޭރު ވަޅުވަދެފައިވާ އަޒްބާގެ ދެ ލޮލުން ކަރުނަ ފައިބައިން ފަށައިފިއެވެ.

"އަޒްބާ!؟" ދުރުން އިވުނު ނާއިމްގެ އަޑުން އަޒްބާއަށް ފުންމައިގެން ތެދުވެވުނެވެ.

ނާއިމް ފެނުމާއެކު އޭނާއާ ދިމާލަށް ދާން ބޭނުންވި ނަމަވެސް އަޒްބާގެ ދެފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އޭނާ އެއައީ ކޮންކަހަލަ ހަބަރަކައިގެން ކަމެއް ނޭނގޭތީ އަޒްބާ ޖެހިލުންވިއެވެ. ހުރި ފިޔަވަޅުމަތީ ހުއްޓާ ނާއިމް މަޑުމަޑުން އޭނާއާ ދިމާލަށް އަންނަން ފެށިއެވެ.

"އަޒްބާ އަހަރެންގެ ކައިރިން ދިޔަތާ ހަފްތާއެއް ނުވަނީސް އަހަންނަށް އިހުސާސް ކުރެވިއްޖެ އަޒްބާއާ ނުލައި އަހަރެންގެ ދިރިއުޅުމެއް ފުރިހަމައެއް ނުވާނެކަން."

ނާއިމްގެ ޖުމްލައިން ފުރަތަމަ ފަހަރަށް ނާއިމްގެ ކުރިމަތީ އަޒްބާއަށް ހިނިތުން ވެލެވުނެވެ. ނަމަވެސް އިސާހިތަކު އަނެއްކާވެސް އޭނާގެ މޫނުމަތި ބަނަވެގެން ދިޔައީ ނާއިމާ މެދު ޔަގީންކަމެއް ނެތީމައެވެ.

"ތިޔަ ކަހަލަ ސަމާސާ އަހަންނާ ނުކުރައްޗޭ. ނާއިމްއާ ނުލައި އަހަރެން ދިރި މިހުންނަނީ ފުރާނަޔާ ހަނގުރާމަ ކުރާ ހާލު! "ތުރުތުރުއަޅާ އަޑަކުން އަޒްބާ ވާހަކަ ދެއްކިއެވެ.

އެއާއެކު ނާއިމް އޭނާގެ ދެ އަތުން އަޒްބާގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެހިނދު އަޒްބާއަށް ދެލޯ މަރާލެވުނެވެ.

"ކީއްވެ އެހާ ލަހުން ތިއައީ؟" ލޯ މަރައިގެން ހުރެ އަޒްބާއަށް އަހާލެވުނެވެ.

"ޖެހިލުންވީ އަންނަން. ލަދުގަތީ. އަޒްބާގެ ކުރިމައްޗަށް އަންނާނެ ހިތްވަރު ނުލިބުނީ. ވަރި ފޯމް ވެސް ނެގިން. އެކަމަކު... އަހަންނަށް އެކަމެއް ނުވި. އަހަންނަށް މާފްކުރޭ އަޒްބާ،" ނާއިމްގެ ފަހު ޖުމްލައާއެކު އޭނާގެ ތަނަވަސް މޭގައި އަޒްބާ ބޯ ޖައްސާލިއެވެ. އަދި މަޑުމަޑުން ގިސްލަމުން ދިޔައެވެ.

"ދެން ތި ދެ ލޮލުން ހިތާމައިގެ ކަރުނަ އޮހޮރުނަކަ ނުދޭނަން. އަޒްބާ އަހަންނާ ދުރަށް ދިޔައީމަ ލޯބިވާކަމުގެ އިހުސާސް ކުރެވެން ފެށި. އަޒްބާ ނެތީމަ އަހަންނަށް ހީވީ އަހަރެންގެ ގައިން ބައެއް އުނިވެގެން ދިޔަހެން. ފޫހިވެ، މާޔޫސްވެ، ގޭގައި އުޅޭހިތެއް ވެސް ނުވި. ނުގުޅާ މި އައީ ވެސް ގުޅައިގެން ވާހަކަ ދައްކަން އުނދަގޫ ވާތީވެ. އަހަންނަށް ކަންތައް ކުރެވުނު ގޮތުން އަޒްބާގެ ކުރިމަތީގައި ހުންނާނެ ހިތްވަރު ލިބޭނެކަމަށް އަހަރެން ހިއެއް ވެސް ނުކުރަން،" ނާއިމް ކިޔައިދިނެވެ.

އެއާއެކު އިސް އުފުލާލުމަށްފަހު އަޒްބާ ނާއިމްގެ މޫނަށް ބަލައިލިއެވެ.

"ދެން އިތުރަށް އަހަރެން ލަދު ނުގަންނަވާ. މިހާރު ވެސް އަހަންނަށް ފުދިއްޖެ،" ހިނިތުންވެލަމުން އަޒްބާ އެހެން ބުނުމާއެކު ނާއިމް އޭނާގެ ދެ އަތުން އަޒްބާގެ ދެ ލޮލުން ފައިބަމުންދާ ކަރުނަތައް ފުހެލަދިނީ ދެ ފަރާތަށް ބޯ ހޫރާލަމުންނެވެ.

އެއަށްފަހު އަޒްބާގެ ނިތްކުރިއަށް އޭނާ ބޮސްދިނެވެ. އެހިނދު ދެ މީހުންގެ މޫނުމަތީގައި ވެސް އުފާވެރިކަމުގެ ޖަޒްބާތުތައް ކެކިއަރައިގަތެވެ.
ނިމުނީ