12 މާޗް 2024 - 10:52

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އިއްޔެ ފަށައިފި އެވެ.
ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ އިން ފެށިގެން އަންނަ މަހު ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
• ދިރާގު އެޕް/ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް
• އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް
• މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް އެޕްލިކޭޝަން އަދި ފައިސާ ނެޓް
• ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް
• ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް
• ބަނޑޭރި ޕޭ
ޒަކާތު ހައުސް އިން ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.
ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައި ވާތީ އެ ދުވަސްތަކުގައި މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހާއްސަ ގަޑިއެއް ވަނީ ކަނޑައަޅައިފަ އެވެ.
• ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް
• ފަހު 10ގެ ދުވަސްތަކުގައި ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 14:00 އަށް
ޒަކާތު ހައުސް އިން ބުނީ ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު އެ ރަށެއްގެ ކައުންސިލްތަކުން ހަމަޖައްސާނެ ކަމަށެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. ފިތުރު ޒަކާތް ނެރެން ޖެހެނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 12ރ، ތައިލެންޑް ހަނޑުލުން ނަމަ 70ރ. އަދި އާދައިގެ ބާސްމަތީ ހަނޑުލުން ނަމަ 70ރ. އެވެ.
ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.
މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.