ފާޑުކިޔުން ބޮޑުވުމުން "އިހުސާސް" ޕްރޮގްރާމްގެ ކޮންޓެންޓް ބަލަނީ
ފާޑުކިޔުން ބޮޑުވުމުން "އިހުސާސް" ޕްރޮގްރާމްގެ ކޮންޓެންޓް ބަލަނީ

ޕީއެސްއެމް އިން ރޯދަ މަހު ގެނެސްދެމުން އަންނަ، "އިހުސާސް" ޕްރޮގްރާމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ނިކަމެތިކޮށް، ސުވާލުކުރި ކަމަށް ބުނެ ފާޑުކިޔަން ފެށުމުން އެ ޕްރޮގްރާމްގެ ކޮންޓެންޓް ބަލަން ފަށައިފި އެވެ.

މިދިޔަ އަހަރު ވެސް ގެނެސްދިން އިހުސާސް ޕްރޮގްރާމަކީ މަޝްހޫރު، ޓީވީ ޕްރެޒެންޓަރު ނަމްޒާ ހުށަހަޅައިދޭ ޝޯއެކެވެ. އެ ޝޯގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހުންނާއި އެކި ކަހަލަ އެހީތައް ބޭނުންވާ މީހުންގެ ވާހަކަތައް ގެނެސްދެ އެވެ.

މިއަހަރުގެ ޝޯ ފެށުމުގެ ގޮތުން މިއަހަރު ގެނެސްދިން އެޕިސޯޑު ހާއްސަކުރީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމައަށެވެ.

އެކަމަކު އެ ޝޯގެ ތެރެއިން ނަމްޒާ ސުވާލުކުރީ ކުއްޖާ އިތުރަށް ނިކަމެތިކޮށް، އާއިލާ ރޮއްވަލާއި، އާންމުންގެ ސަމާލުކަން ހޯދުމަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ބައެއް މީހުން ދަނީ ޝޯގެ ބޭނުމާ ގުޅޭ ގޮތުން ވެސް ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު، ޒީނާ ޒާހިރު "މިހާރު" އަށް ވިދާޅުވީ ޕްރޮގްރާމް ހުއްޓާލުމަށް ނިންމާފައިވާ ނުވާ ކަމަށެވެ. އެކަމަކު މިހާރު ނިންމާފައި ވަނީ ކޮންޓެންޓް ކޮމިޓީން އެ ޕްރޮގްރާމުގެ ކޮންޓެންޓް އިތުރަށް ބެލުމަށް ފަހު، ޕްރޮގްރާމް ދެއްކުމަށް ކަމަށް ޒީނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން ބުނެފައި ވަނީ ނުކުޅެދޭ މީހުންނަކީ ކިހާ ބޮޑަށް ނުކުޅެދޭ ބައެއްކަން އެމީހުންނަށް ބުނެދީ، އެމީހުންގެ ބަދުނަސީބު ކިޔައިދޭން އިތުރު މީހަކު ބޭނުންނުވާ ކަމަށެވެ.

"ހެޔޮނުވާނެ ގައުމީ ޓީވީ އިން މިވަރުކަމެއް ކުރަން. މިވަރު އެއްޗެއް ދައްކަން،" ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕްރޮގްރާމުގެ ބަޔަށް ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.

އަނެއް ބަޔަކު ބުނެފައި ވަނީ ހޯސްޓް މަސައްކަތް ކޮށްފައި ވަނީ ޕްރޮގްރާމުގެ ތެރެއިން އާއިލާ ރޮއްވާލައި، މީހުންގެ ސަމާލުކަން ޕްރޮގްރާމަށް ދަމައިގަތުމަށް ކަމަށެވެ. އަދި ކުއްޖާ ކުރިމަތީގައި ބައިންދައިގެން އެގޮތަށް ސުވާލު ކުރުމުން އެކަން ވަރަށް ބޮޑަށް މީހުން ގޯސްކުރި އެވެ.

ފާޑުކިޔުން ބޮޑުވެ، ނަމްޒާ ވަނީ އޭނާގެ ޓްވިޓާ އެކައުންޓް ވެސް ޑިއެކްޓިވޭޓް ކޮށްލައިފަ އެވެ.