ހަމާސް އާއި ހޫތީންގެ ތާރީހީ ބައްދަލުވުމެއް
ހަމާސް އާއި ހޫތީންގެ ތާރީހީ ބައްދަލުވުމެއް

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ޔަމަންގެ ހޫތީންގެ އިސް ބޭފުޅުންގެ ބައްދަލުވުމެއް ބާއްވައި އިޒްރޭލާ ދެކޮޅަށް މަސައްކަތްކުރުމުގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި ކަމަށް އެ ފަރާތްތަކާ ގުޅުން ހުރި ބައެއް މީހުން ބުނެފި އެވެ.

ހަމާސް އާއި ހޫތީން މިގޮތަށް ބައްދަލުކުރުމަކީ އާންމު ކަމަކަށް ނުވާތީ މިކަން ވެފައި ވަނީ ހާއްސަ ކަމަކަށެވެ.

ހަމާސް އާއި ހޫތީންނަކީ އީރާންގެ މަދަދާ އެކު އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނޭ ޖަމާއަތްތަކެވެ. ދެން މީގެ އިތުރުން ހިމެނޭ ޖަމާއަތްތަކުގެ ތެރޭގައި ލުބްނާންގެ ހިޒްބުﷲ އާއި އިރާގުގެ ހަނގުރާމަވެރި ބައެއް ޖަމާއަތްތައް ހިމެނެ އެވެ.

އޭއެފްޕީން ބުނީ ހަމާސް އާއި އިސްލާމިކް ޖިހާދާއި މާކްސިސްޓް ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ފަލަސްތީންގެ އިސް ބޭފުޅުން ވެސް "މުހިންމު ބައްދަލުވުމަށް" ދިޔަ އެވެ. މިއީ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ދެ ވަނަ ފިޔަވައްސަށް ތައްޔާރުވެ ފަލަސްތީނުގެ ޖަމާއަތްތަކާއި ހޫތީން ގުޅިގެން ކުރިއަށްދާނެ ގޮތްތައް ރާވައި މަޝްވަރާކުރުމުގެ ބައްދަލުވުމެއް ކަމަށް ވަނީ ބުނެފަ އެވެ.

މި ބައްދަލުވުން ބާއްވާފައި މި ވަނީ ޣައްޒާގައި އިޒްރޭލުން މިހާރު އެއްގަމު މަގުން ނާރައި އޮތް ހަމައެކަނި ތަން ކަމަށް ވާ ރަފަހް އަށް އަރަން އިޒްރޭލުން ނިންމާފައި ވަނިކޮށެވެ. މިއީ ޣައްޒާގެ އެހެން ހިސާބުތަކުން އާންމުން މިހާރު ހިމާޔަތް ހޯދަމުން އަންނަ ހަމަ އެކަނި ސަރަހައްދު ކަމަށް ވާތީ އެތަނަށް އެރުމަކީ އިންސާނީ ބޮޑު ކާރިސާއަކަށް ވެދާނެ ކަމަށް އެމެރިކާއި އެހީގެ ޖަމާއަތްތަކުން ވެސް ދަނީ ބުނަމުންނެވެ.

ހޫތީން ގެންދަނީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެ، ރަތްކަނޑުގައި އާގުބޯޓުތަކަށް ހަމަލާ ވެސް ދެމުންނެވެ. އިޒްރޭލާއި އިޒްރޭލަށް އެހީވާ ގައުމުތަކާއި ވިޔަފާރިތަކަށް ނިސްބަތްވާ އުޅަނދުތަކަށް ދޭ ކަމަށް ބުނާ ހަމަލާގެ ސަބަބުން ރަތްކަނޑުގެ އަމާންކަން ގެއްލި މުދާ އުފުލަން ދިގު މަގުތައް އިހްތިޔާރުކުރަން ޖެހިފައި ވާތީ މުދަލުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. މިކަމާ ގުޅިގެން އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ޔަމަންގައި ހޫތީންގެ ބާރު އޮންނަ ހިސާބުތަކަށް ވަރުގަދަ ހަމަލާތައް ވެސް ދީފަ އެވެ. އެކަމަކު އޭގެ ފަހުން ހޫތީން ދިން ހަމަލާތައް ވަނީ މާބޮޑަށް ވަރުގަދަކޮށްފަ އެވެ. -- އޭއެފްޕީ