18 ފެބުރުއަރީ 2017 - 11:49

ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް ބައިނަލްއަގްވާމީ ގޮތުން ކޮންމެ އަހަރަކު ލިބޭ ހަމައެކަނި ފުރުސަތަކީ އޭއެފްސީ ކަޕެވެ. ރާއްޖޭގެ ލީގު ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަނުންނަށް ލިބޭ އެ ފުރުސަތުގައި ދެ ފަހަރަކު ނޫނީ ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ. އެކަމަކު ބޭރުން ގިނަ ފުރުސަތުތައް ލިބުމަކީ ކުރިއަށް ދާން އޮތް މަގެކެވެ.

އޭޝިއާ ބައްރުގެ ގިނަ ގައުމުތަކުން ފަހަކަށް އައިސް އިންވިޓޭޝަނަލް ކްލަބް މުބާރާތްތައް ބާއްވަ އެވެ. އެއީ އެ ގައުމުތަކުގެ ކްލަބްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގަ އެވެ.

މި ގޮތުން މިއަދު ބަންގްލަދޭޝް އިން ވެސް ވަނީ އެހެން ގައުމުތަކުގެ ކްލަބްތަކަށް ދައުވަތު ދީގެން އިންވިޓޭޝަނަލް މުބާރާތެއް ފަށައިފަ އެވެ. ޝެއިހް ކަމާލް އިންޓަނޭޝަނަލް ގޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރު އެވެ. މެދުކެނޑުމަކަށް ފަހު މި އަހަރު އެ މުބާރާތް މިއަދު ފަށާއިރު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަކީ ވާދަކުރާ އެއް ޓީމެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޒަންގައި 2015 ގައި ވާދަކުރަން ފެށި ޓީސީ ބައިނަލްއަގުވާމީ މުބާރާތަކަށް ފުރަތަމަ ފަހަރަށް ނުކުންނަ އިރު އެ ޓީމުގެ އާ ދަތުރު ފަށާނީ ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ ދެކޮޅަށެވެ.
މުބާރާތަށް ފުރުމުގެ ކުރިން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ ކްލަބަށް ވެސް އަދި ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދަން ލިބޭ ފުރުސަތެއް ކަމަށެވެ.
"މީއީ ހަގީގަތުގައި ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. މިގޮތަށް މި ފުރުސަތު ލިބޭކަމުގައި ވަންޏާ. ޓޮޕް ލެވެލްގެ ޓީމުތައް މަދުވެގެން ހަތަރު ޓީމަށް ކޮންމެ އަހަރަކު މިހެން ފުރުސަތު ލިބެންޏާ ކުޅުންތެރިން ކުރިއަރާނެ. ކުޅުންތެރިންނަށް ލިބޭ ކޮންމެ ކުރިއެރުމަކީ ނެޝަނަލް ޓީމަށް ލިބިގެންދާނެ ކުރިއެރުމެއް،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ޕްރީ ސީޒަނާ ދިމާކޮށް މިފަދަ މުބާރާތެއް ރާއްޖޭގައި ވެސް ބޭއްވުން މުހިއްމު ކަމަށާއި އޭގެ ސަބަބުން ދިވެހި ފުޓްބޯޅަ އަށް ބޮޑު ފައިދާއެއް ކުރާނެ ކަމަަށެވެ.
ބޭރުގެ ކްލަބްތަކަށް ދައުވަތު ދީގެން ކުރިން ރާއްޖޭގައި ބޭއްވި ޕޮމިސް ކަޕަކީ ދިވެހި ފުޓްބޯޅަ ސަރަހައްދީ ފެންވަރުގައި ތަރައްގީ ވާން ސަރުކާރުން ހުޅުވައިދިން ފުރުސަތެކެވެ. އެކަމަކު ފަހުން މުބާރާތުގެ ފެންވަރު ދަށްވެ، އޭގެ ފޯރި ކެނޑުނެވެ. އެހެންވެ ފަހުން ފަހުން އައިސް ޕޮމިސް ކަޕް ނުވެސް ބާއްވަ އެވެ. އެކަމަކު އަލުން ރީބްރޭންޑްކޮށް 2015 ގައި ޕީޕަލްސް ކަޕްގެ ނަމުގައި ފެށުމުން ދިވެހި ފުޓްބޯޅައިގެ ފޯރި ކޮންމެވެސް ވަރަކަށް ގަދަވި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "މިހާރަ"ށް ވިދާޅުވީ ކުރިމަގުގައި ގައުމީ ޓީމުގެ އިތުރުން ކްލަބްތަކަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަން އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކުރިޔަށް އޮތް އަހަރުތަކުގައި ގައުމީ ޓީމަށާއި ކްލަބްތަކަށް އިންވިޓޭޝަނަލް މުބާރާތްތަކެއް ބޭއްވުމަށް އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުން. ވިސްނުމަކީ ޕީޕަލްސް ކްލަބް ގޮތަށް އަލުން މުބާރާތެއް އަހަރަކު އެއް ފަަހަރު ބޭއްވުން،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ކުޅުންތެރިންގެ ކުރިއެރުމަށް ބަލާއިރު ވެސް ތަނަވަސްކުރުން މުހިއްމު ފުރުސަތުތަކެއް ކަމަށެވެ.
"މިއީ ވަރަށް މުހިއްމު ކަމެއް. މިފަދަ މުބާރާތްތަކުގެ ސަބަބުން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ތަޖުރިބާ ލިބި ކުޅުންތެރިން ޑިވެލޮޕްވާން ވެސް ލިބޭ ފުރުސަތެއް. އޭގެ ބޭނުން ކުޅުންތެރިންނަށް ގައުމީ ޓީމުގައި ވެސް ހިފޭ. ކުޅުންތެރިންގެ އިތުރުން މިއީ ކްލަބް ކުރިއެރުމަށް ލިބޭ ފުރުސަތެއް،" ބައްސާމް ވިދާޅުވި އެވެ.
ރާއްޖޭގެ ކްލަބްތަކުން ކުރަމުން އަންނަ ހޭދަ އަހަރަކަށް ވުރެން އަހަރެއް ދަނީ އިތުރުވަމުންނެވެ. އަދި ކުޅުންތެރިން ހޯދަން ހޭދަކުރާ މިންވަރު ވެސް މިހާރު މައްޗެވެ.
"ހަގީގަތުގައި ދިވެހި ކްލަބްތަކަށް ކުރެވޭ ހޭދަޔާ އަޅާކިޔާވަރުގެ ކާމިޔާބެއް ބައިނަލްއަގްވާމީ ފެންވަރުގައި ނުލިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް،" ބޮޑު ކްލަބެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
"އެއީ ސަރަހައްދީ ބައެއް ކްލަބްތަކުން އެ އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބު ހޯދަމުން. އޭގެ ފައިދާ އެ ގައުމުތަކުގެ ފުޓްބޯޅަ އަށް ވެސް ކުރޭ. މިކަމަށް އޮތް ހައްލަކީ ބޭރުގެ މުބާރާތްތަކުން ދިވެހި ކްލަބްތަކަށް ފުރުސަތު ހޯދުން ނޫނީ ރާއްޖޭގައި އެ ފަދަ މުބާރާތްތައް ބޭއްވުން."
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ މުބާރާތްތަކުގެ ވާދަވެރިކަން ބޮޑެވެ. މިހާރު މަދުވާ ހަމައެކަނި ކަމަކީ ސަޕޯޓަރުންގެ ފޯރި ކުޑަވެ، ދަނޑަށް މީހުން ނުވަނުމެވެ. ބައެއް މީހުންގެ ނަޒަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ރަނގަޅު މުބާރާތެއް ރާއްޖޭގައި ބާއްވާ ނަމަ އެ ފޯރި އަލުން ގެނެވިދާނެ އެވެ.