23 މާޗް 2024 - 12:14

ރޯދަމަސް ފެށި ދެބައިވާއިރު ވެސް، މާލެތެރެއަށް ކުނި އެޅުމެއް ނުނިމެއެވެ. ފުލުހުންގެ އެހީހޯދައި، ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި 'ލަދު' ގެންނެވުންފަދަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މައްސަަލައަކަށް ހައްލެއް ނުލިބެއެވެ.

ބިހޭވިރިއަލް އިކޮނޮމިކްސްެގެ ބައެއް އަސާސް
އެހާރަށްވުރެ ބޮޑަށް ގަޑިއަށް ފަރުވާ ބެހެއްޓުން އިތުރުކުރުމުގެ ނިޔަތުގައި، ސްކޫލްނިމޭ ގަޑީގެ މާފަހުން ކުދިން ބަލާ އަންނަ މައިންބަފައިން، ކުޑަ އަދަދަކުން ޖޫރުމަނާ ކުރަން ސްކޫލަކުން ފެށިއެވެ. ނަތީޖާއަކަށްވީ، ކުދިން ބަލާ އައުމުގައި ލަސްވާ މިންވަރު ދެ ގުނަ ވުމުވެ. ލަހުން އަންނަ މައިންބަފައިންގެ ވިސްނުމަކަށްވީ، ކުދިންގޮވައިގެން މަޑުކުރަން ޖެހޭ ޓީޗަރަށް އެހެރީ، މަޑު ކުރުމުގެ އަގު ދައްކާފައި ކަމެވެ. މިއީ ބިހޭވިރިއަލް އިކޮނޮމިކްސް އާއި ބެހޭ ފޮތްތަކުގައި ޢާންމު މިސާލެކެވެ.

ކުދިންބަލާ ގަޑިއަށް އައުމަކީ ރީތި، ރަނގަޅު ގޮތެވެ. ނަމަވެސް ރަނގަޅުގޮތް ނުހިފައްޓަނީނަމަ ފައިސާގެ އަގެއް ދައްކަންޖެހުމުން، ވިޔާފާރީގެ މުޢާމަލާތަކަށް ބަދަލުވީއެވެ. ދަރިންނަށް ރީތި، ރިވެތިގޮތް ދަސްކޮށްދެނީ ހެޔޮގޮތުގައި ދިރިތިބޭށެވެ. ކުރާ ކޮންމެ ނަމާދަކަށް، ތެތް ތުވާލި ހިއްކަންއަޅާ ކޮންމެ ފަހަރަކަށް ފައިސާގެ އިނާމެއް ދިނުމުން، ކޮމާޝަލް ކޮންޓްރެކްޓަކަށް ބަދަލު ކުރެވުނީއެވެ.

ފައިސާގެ މުޢާމަލާތަކަށް ބަދަލުކުރުމަށްފަހު، ރީތި، ރިވެތި އާދައަށް، ފުރޮޅާލުމަކީ ނާދިރު ކަމެކެވެ. ރަށުގެ މަގުތައް ކުނިކަހާ ސާފުކޮށް މިއަދު ބޭއްވޭނީ، އެ މަސައްކަތް ކުރާ މީހުންނަށް އުޖޫރައެއް ދީގެންނެވެ. ކުނިކެހުމުގެ އެލަވަންސް ގަވާއިދުން ނުދެވޭނަމަ، އެކަމުގެ ނަތިޖާ މަގުތަކުން ފެންނާނެއެވެ.

'ބިހޭވިރިއަލް އިކޮނޮމިކްސް'ގެ ވިސްނުންތައް އާންމުވާން ފަށައިފައިވަނީ 1980ގެ އަހަރުތަކުން ފެށިފެން ކަމުގައިވިޔަސް، މިއަސާސްތައް ދުނިޔޭގެ ގައުމުތަކުގެ ޕަބްލިކް ޕޮލިސީ ފްރޭމްވާކަށް ވަންނަން ފަށައިފައިވަނީ 2000ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެންނެވެ. އިނގިރޭސިވިލާތުގެ ކެބިނެޓް އޮފީހުގައި ކެމަރޫންގެ 'ނަޖް' ޔުނިޓް އަދި އަދި އޮބާމާގެ ވައިޓްހައުސްގެ ވަކި ޔުނިޓަކުން ބިހޭވިރިއަލް އިކޮނޮމިކްސް އަސާސްތައް، އެ ސަރުކާރުތަކުގެ ޕަބްލިކް ޕޮލިސީތަކުގައި ހިމަނަން ފެށުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވުނެވެ.
މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ގައުމެއްގައި ވެސް، ރައްޔަތުންންގެ މަސްލަޙަަތު އޮންނަ ކަންތައްތަކާއި ބެހޭ ގަވާއިދުތައް ހަދާ ހިންގުމުގައި ބިހޭވިރިއަލް އިކޮނޮމިކްސްގެ އަސާސްތަކުގެ މައްޗަށް ބުރަވެއެވެ.
މާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމުގައި ވެސް ބިހޭވިރިއަލް އިކޮނޮމިކްސް ބައެއް އަސާސްތައް ބޭނުންކުރަން ފެށުމާމެދު ވިސްނިދާނެއެވެ.
ހ. އަގެއް ދައްކަމުންދާ ވިޔާފާރި މުއާމަލާތެއް
ކުނި އުފެދޭނީ ބަޔަކު ދިރިއުޅެންޏާއެވެ. ބަޔަކު ދިރިއުޅޭކަމުގައި ވަނީ ނަމަ ކަރަންޓު މީޓަރެއް ހުންނާނެއެވެ. މާލޭގެ ކޮންމެ ކަރަންޓުމީޓަރަކުން 150 ރުފިޔާގެ އަގެއް ވެމްކޯއަށްދަނީ ނަގަމުންނެވެ.
އެހެންކަމުން މާލޭގައި އުފެދޭ ކުނި ނެގުމަށް، މާލޭގައި ދިރިއުޅޭ އެންމެންމެ އެތިބީ އަގެއް ދައްކައިގެންނެވެ.
ކަރަންޓުމީޓަރު މެދުވެރިކޮށް ނަގާއަގަކީ، ކަމަށް ހިނގާ ޚަރަދު ފޫނުބެއްދޭ ވަރުގެ ކުޑަ އަގެއް ކަމުގައި ވަނީނަމަ، އަގު ޖެހޭނީ ރިވައިޒް ކުރާށެވެ. ރައްޔިތުންގެ އަތުން 'ހަމަ' އަގު ނަގަން 'ނުކުރޭ' ސަރުކާރުތަކުން ޖެހޭނީ، މިފްކޯ ސަބްސިޑީ ފަދައިން 'ވެމްކޯ ސަބްސިޑީ' ތައާރުފް ކުރާށެވެ.
ށ. ހައްޓަށް ލުއިގޮތް ޚިޔާރު ކުރުން
ކަންކަން ކުރުމުގައި، ފަސޭހަ ލުއި ގޮތް، ކޮންމެ ފަރުދެއް، ކޮންމެ ރައްޔަތެއް ޚިޔާރު ކުރެއެވެ. ކާޕެޓް ގްރާސް ހައްދައި ޖުމްހޫރީ މައިދާން ފެހިކޮށް ބޭއްވީމައި އެންމެނަށް ވެސް ރީއްޗެވެ. ނަމަވެސް އިސްލާމީ މަރުކަޒު ކުރިމަތީ ހަނި ޖާގައަކަށް ސައިކަލް ޖެހުމަށްފަހު، ފެރީއަށް އަރަން ހެލިގަންނަ މީހާ، ހިނގާނީ އޭނާގެ ހައްޓަށް ލުއި މަގަކުން، ގިނަފަހަރަށް ވިނަގަނޑު މަތިންނެވެ.
ވެމްކޯގެ އަގުހެޔޮ ލޯރި ލިބެނީ ގުރުސް ފެންމަތިވާ ވަގުތަށް ގުޅައި، އެގަޑިއަށް ކުނި ނެރެވުނިއްޔާ އެކަންޏެވެ. ބޮޑުލޯރިއެއް ބޮޑުއަގުގައި ގެނެސް، 'އެންޓްރީ ފީ' އަދި 'ޑިސްޕޯސަލް ޗާޖް' ދައްކައިގެން، ވެމްކޯ ސައިޓަށް ކުނި އުކާލުމަކީ މާލީ ގޮތުން ވެސް ބުރަ ކަމެކެވެ. ފަސޭހަވެފައި ޖީބަށް ލުއީ، މަގުމަތީ ބެހެއްޓުމެވެ.
ނ. ތިމާގެ އަމިއްލަބާރުގެ ފޯރުން ތެރިކަމުގެ މިންވަރު
ރިވެތި އާދަތަކަށް އަހުލުވެރިވާން ބޭނުންމީހާ، ބޮޑުއަގުގައި، އުނދަގުލުން ލޯރިއެއް ހޯދައިގެން ކުނި ގެންދަން ވިސްނިޔަސް، އޭނާއަށް ޔަގީންކުރެވޭ ގޮތުގައި، ދަރިފުޅު ގޮވައިގެން އައިސް އަނބުރާ ގެއަށް ވަންނަން ޖެހޭނީ އެހެންބަޔަކު ނެރެ ޖަމަޢު ކޮށްފައިހުރި، ނުލާހިކު މީރުވަސް ދުވާ ކުނީ ތެރޭ ފަތައިފައެވެ.
ގޭދޮރުމަތި ސާފުކަންމަތީ ދެމެހެއްޓުމުގައި ތިމާގެ އަމިއްލަބާރުގެ ފޯރުންތެރިކަމެއް ނެތް ކަމުގައި އެނގި، ޚަރަދުކޮށްގެން އުނދަގުލުގައި ކުރާ މަސައްކަތުން އިތުރުވާނީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އެކަނިކަމުގައި ޔަގީން ކުރެވޭ ހިސާބުން، ރިވެތިގޮތް ޚިޔާރު ކުރަން ދަތިވާނެއެވެ.
ރިވެތި އަހުލާގުން ޖަރީވެގެން ތިބި މަދުމީހުންނަށް، ފަސޭހައިން، ލުއިކޮށް، ހިދުމަތް ލިބިގަނެވެނޭ މަގެއް ހަމަޖައްސައި ދިނުމާ އެކު، ތިމާގެ އަމިއްލަ ގޭދޮރުމަތި، ސާފުކަން މަތީ ބެހެއްޓުމަށް ތިމާގެ އަމިއްލަ ބާރު ހިނގާނޭ ވިސްނުންތަކެއް މިއަދު މުހިންމެވެ. އަދި ކުނި ނެގުމަށް އަގެއް ނަގަނީނަމަ، އެ އަގަކީ ހަރަަދު ފޫބެއްދޭ އަގަކަށް ހެދުން ނޫނީ ބަޖެޓުން ސަބްސިޑީ ހޯދުން މަޖުބޫރެވެ.
މާލެތެރެއިން ކުނި ނެގުން، މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުން ފަދަ ކަންކަމާ ގުޅޭ ޕަބްލިކް ޕޮލިސީ ޑްރާފްޓް ކުރައްވުމުގެ މަޝްވަރާއަށް މަތިގެކޮޅަށް ވަޑައިގަންނަވާ ސާހިބުން، ބިހޭވިރިއަލް އިކޮނޮމިކްސްގެ އަސާސްތަކަށް ވެސް، ވިސްނަވަން ފެއްޓެވުމުން ނަތީޖާ މިހާރަށްވުރެ ރަނގަޅުވާނެއެވެ.
އެޑިޓަރުގެ ނޯޓް: އިބްރާހިމް އާތިފް ޝަކުރަކީ ރާއްޖޭގެ އިގްތިސާދު ދިރާސާކޮށް، ރާއްޖޭގެ ނޫސްތަކުގަޔާއި ބޭރުގެ ސައިޓްތަކުގައި ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ދިވެހި އިގްތިސާދުގެ އެކި ހަރުފަތްތަކުގައި ހިދުމަތްއަދާ ކުރައްވާފައިވާ އާތިފަކީ މިހާރު ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ކުންފުނިތަކުގެ ކޮންސަލްޓަންޓެކެވެ. ދިވެހިންގެ މެދުގައި އިގްތިސާދީ ހޭލުންތެރިކަން އިތުރުކުރުމަށް 20 އަހަރަށް ވުރެ ގިނަދުވަހު އާތިފް ވަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވައިފަ އެވެ.