24 މާޗް 2024 - 11:57

ހދ. ވައިކަރަދުއަށް އާ ޖަނަރޭޓަރެއް ގެންގޮސް، ހަފުތާއެއް ފަހުން މުޅި ރަށަށް ކަރަންޓު ދޭން މިއަދު ފަށައިފި އެވެ.
ފެނަކައިން، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަރަންޓު ކެނޑެން ފެށި ގޮތަށް އެ މައްސަލަ ހައްލު ނުވެ، ދިގުލައިގެން ދާތީ ރައްޔިތުން މަގުތަކަށް ނުކުމެ ނުރުހުން ފާޅުކުރި އެވެ.
ވައިކަރަދޫން މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓު ދެމުން އަންނަނީ އަވަށްތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެއިން ކޮންމެ ސަރަހައްދަކުން ވެސް ކޮންމެ ތިން ގަޑިއިރަކުން، ތިން ގަޑިއިރަކުން ކަރަންޓު ކަނޑާލާ ކަމަށް އޭނާ ބުންޏެވެ.
ރޯދަމަހުގެ މެންދުރު ފަހުގެ ވަގުތަކީ، ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރަން ގިނަ މީހުން އުޅޭ ވަގުތެވެ. ނަމަވެސް، އެ ގަޑީގައި ވެސް ގޭގެއިން ކަރަންޓު ދާތީ ބޮޑު ތަކްލީފެއް އުފުލަން ޖެހިފައިވާ ކަމަށް، އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.