ބީއެމްއެލް ބޯޑުގެ ޗެއާޕާސަނަކަށް ހަސަން ޒަރީރު
ބީއެމްއެލް ބޯޑުގެ ޗެއާޕާސަނަކަށް ހަސަން ޒަރީރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު މިރޭ އައްޔަނުކޮށްފި އެވެ.

އެ މަގާމަށް ޒަރީރު އައްޔަންކުރީ މިރޭ ބޭއްވި ބީއެމްއެލްގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ޑައިރެކްޓަރުންގެ ބޯޑަށް ޒަރީރު އައްޔަންކުރީ، ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރަން އޭނާގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވާފައި ވަނިކޮށެވެ.

ޒަރީރާ އެކު، ޓެކްސް ކޮމިޝަނަރު ކަމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު މުހައްމަދުގެ ނަމެވެ. އެ ދެ ބޭފުޅުންގެ ނަން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަންނަނީ ދިރާސާ ކުރުމުންނެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޒަރީރުގެ އިތުރުން ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އަލީ ފާރިސް މުހައްމަދު ވެސް ވަނީ މިރޭގެ އީޖީއެމްގައި އައްޔަންކޮށްފަ އެވެ.

އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާ އެކު، ބޭންކުގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާނީ:

1. ކާލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރު)

2. އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ

3. ހަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B

4. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ

5. އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި

6. އާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

7. އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04

8. އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ

9. އަހުމަދު މުހައްމަދު، ގ. އުފާ

10. އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ