26 މާޗް 2024 - 21:53

ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ޝިއުނީން ރަޝީދު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދެ ބޭފުޅުންގެ ނަން ފޮނުއްވައިފި އެވެ.
ޑރ. ފަޒީލަކީ ކުރީގެ ގަވަރުނަރުކަމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ 1987-2004 ގެ ނިޔަލަށް ޓްރޭޑް މިނިސްޓްރީގެ އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފަ އެވެ.
ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޝިއުނީން ބަންގްލަދޭޝްގެ ސަފީރުކަމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް ވެސް މަޖިލީހަށް ފޮނުވި އެވެ.
އެކަމަކު ވެރިކަމުގެ ފަހު ދުވަސްކޮޅު ސަފީރުން އައްޔަނުކުރަން މަޖިލީހުން ދެކޮޅު ހަދައި، ރުހުން ދިނުމާ ހަމައަށް ނުގެންދެ އެވެ.
ޑރ. ފަޒީލް އާއި ޝިއުނީންގެ ނަން ދިރާސާކުރަން މަޖިލީހުގެ ރިޔާސަތުން އިއްޔެ ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
މި ދެ ބޭފުޅުންގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސަފީރު ކަމަށް އައްޔަނުކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުން ރުހުން ދިނުން ވެސް އަދި އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ރައީސް މުއިއްޒު މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވާ ސަފީރުންނަކީ:
1. ޔޫއޭއީ - މުހައްމަދު ހުސެއިން ޝަރީފް (މުންދު)
2. އިނގިރޭސިވިލާތް - އިރުތިޝާމް އާދަމް
3. އދ. - އަލީ ނަސީރު މުހައްމަދު (އަލިނީ)
4. ސްރީ ލަންކާ - މަސްއޫދު އިމާދު
5. މެލޭޝިއާ - މަރިޔަމް ޝަބީނާ އަހުމަދު
6. ބެލްޖިއަމް އާއި އީޔޫ - ގީލާ އަލީ
7. ސިންގަޕޫރު - މުހައްމަދު ލުވޭޒު
8. ޖެނީވާ - ޑރ. ސަލްމާ ރަޝީދު