19 ފެބުރުއަރީ 2017 - 09:14

ސަރެޔޭވޯ (ފެބްރުއަރީ 19) - ސާބިއާ އިން 1990 ގެ އަހަރުތަކުގައި ބޮސްނިއާގައި ހިންގާފައިވާ ބޮޑު ގަތުލް އާއްމުން އެ ގައުމު ސަލާމްވެފައިވާ ކަމަށް ކޮށްފައިވާ ހުކުމް އަލުން މުރާޖާ ކުރުމަށް އދ.ގެ އެންމެ މަތީ ކޯޓުގައި އެދޭނެ ކަމަށް ބޮސްނިއާގެ ރައީސް ބާކިރު އިޒެބެގޮވިޗް ވިދާޅުވެއްޖެ އެވެ.
އެޒެބެގޮވިޗް ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރުމަށް އޮތް 10 އަހަރުގެ މުއްދަތު މި މަހު 26 ގައި ހަމަވުމުގެ ކުރިން އެ މައްސަލަ އަލުން ބަލައިދިނުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އެދޭނެ ކަމަށެވެ. ސާބް އޮފިޝަލުން ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފްކޮށްފި ނަމަ ސިޔާސީ ގޮތުން އިތުރު މައްސަލަތައް އުފެދޭނެ ކަމަށެވެ.
ބޮސްނިއާ ހަނގުރާމައިގެ ގަތުލްއާއްމުގައި ސާބިއާގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށް އައިސީޖޭ އިން ހުކުމްކުރީ 2007 ގަ އެވެ. ބޮސްނިއާގައި 1992-1995 އަށް ކުރި ހަނގުރާމައިގައި ސާބިއާ ސިފައިން ވަނީ ސްރެބެނިއްޒާގައި، 1995 ވަނަ އަހަރު ބޮސްނިއާގެ 8،000 މުސްލިމުން މަރައިފަ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިންގި އެންމެ ބޮޑު ގަތުލްއާއްމެވެ. އައިސީޖޭ އިން ބުނެފައި ވަނީ މީހުން މެރުން ހުއްޓުވުމަށް ސާބިއާ އިން މަސައްކަތް ކޮށްފައި ނުވުމަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށެވެ.
ރައީސް އިޒާބެގޮވިޗް ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ ފަނޑިޔާރުންގެ ފަރާތުން ތެދު ހާމަވެފައި އޮންނަން ޖެހޭނެ ކަމަށެވެ. އެހެންވެ ބޮސްނިއާ ގަތުލްއާއްމުގެ މައްސަލަ އަލުން ހުށަހަޅާނީ ބޮސްނިއާ-ހެޒެގޮވީނާ ތަމްސީލް ކުރާ ފަރާތްތައް ކަމަށް ވިދާޅުވި އެވެ. ސާބިއާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ މި މައްސަލައިގައި އިތުރަށް ކުރިއަށް ދާން ޖެހޭނީ ބޮސްނިއާ މުސްލިމުން، ބޮސްނިއާ ސާބުން އަަދި ބޮސްނިއާ ކްރޮއޭޓުން އެއްބަސްވެވޭ ގޮތަކަށް ކަމަށެވެ. ސާބިއާގެ ލީޑަރު މިލޮރާޑް ޑޮޑިކް ވެސް ވަނީ ސާބިއާގެ ސިޔާސީ ފަރާތްތަކުން އެކަމާ ދެކޮޅު ހެދުމަށް ގޮވާލައްވައިފަ އެވެ.