13 އެޕްރީލް 2024 - 14:01

ތުރުކީގެ ދެކުނުގައި އޮންނަ އަންތާލިޔާ ޕްރޮވިންސްގައި އިއްޔެ ހިނގި ކޭބަލް ކާރު އެކްސިޑެންޓަކަށް ފަހު އެކަކު މަރުވެ ދިހަ މީހަކު ޒަހަމްވެފައިވާ ކަމަށާއި 60 އަށް ވުރެ ގިނަ މީހުން ކެބިންތަކުގައި ތާށިވެ ވައިގެ ތެރޭގައި އެބަ ތިބި ކަމަށް އިންޓީރިއާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހަލާކުވެފައިވާ ދަނޑިއެއްގައި ކޭބަލް ކާރުގެ ކެބިންއެއް ޖެހި ފަޅައިގެން ދިޔަ އެކްސިޑެންޓް ހިނގީ ތުރުކީ ގަޑިން އިއްޔެ ހަވީރު 5:23 ގަ އެވެ. އޭގެ ފަހުން 16 ގަޑިއިރު ވެގެގެން ދިޔައިރު އަދިވެސް 24 ކެބިންއެއްގައި 60 އަށް ވުރެ ގިނަ މީހުން ނުފޭބި އެބަ ތިބި ކަމަށް އިންޓީރިއާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ މިހާތަނަށް 112 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.
ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޮރިޓީން ބުނީ ތާށިވެފައި ތިބި މީހުންގެ ތެރޭގައި އަނިޔާވެފައިވާ މީހަކު އަދި ހާލު ބޮޑު މީހަކު ވެސް ނެތް ކަމަށެވެ. މި އެންމެން ވެސް މިއަދު އިރު އޮއްސުމުގެ ކުރިން ސަލާމަތްކުރެވޭނެ ކަމަށް ބުންޏެވެ.
އިންޓީރިއާ މިނިސްޓްރީން ބުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަތް ހެލިކޮޕްޓަރު ބޭނުންކުރަމުން އަންނަ ކަމަށާއި 500 އަށް ވުރެ ގިނަ މީހުން ވެސް ބައިވެރިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި މަރުވީ އުމުރުން 54 އަހަރުގެ ތުރުކީ މީހެއް ކަމަށް ގައުމީ ޓީވީން ބުންޏެވެ.
އެކްސިޑެންޓުވި ކޭބަލް ކާރުގައި 36 ކެބިން ހިމެނޭއިރު ކޮންމެ ކެބިންއެއްގައި ހަ މީހުންގެ ޖާގަ ހިމެނޭ ކަމަށް އެ ތަނުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ. މިއީ އަންތާލިޔާގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް އެތަނުގެ ހިލްތަކުގެ މަތިން ތިރިއަށް ނުވަ މިނެޓްގެ ދަތުރެއް ކުރާ ކޭބަލް ކާރެކެވެ.