ރަންގޫން: ގިނަ ރެކޯޑްތަކެއް މުގުރާލަފާނެ ފިލްމެއް
ރަންގޫން: ގިނަ ރެކޯޑްތަކެއް މުގުރާލަފާނެ ފިލްމެއް

ވިޝާލް ބަރްދްވާޖްގެ "ރަންގޫން" އަންނަ ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ. ފިލްމުގެ ފުރަތަމަ އިޝްތިހާރާ އެކު ގިނަ ބަޔަކު މި ފިލްމުގެ ވާހަކަ ދަނީ ދައްކަމުންނެވެ. އެންމެންވެސް ގަބޫލުކުރަނީ ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ވިޝާލްގެ ކުރީގެ ފިލްމުތައްހާ މި ފިލްމުވެސް މޮޅުވާނެ ކަމަށެވެ.

މި ފިލްމަކީ ގިނަ ދުވަސްތަކެއް ވަންދެން ސްކްރީނުން ނުފެނި ދިއުމަށް ފަހު ނުކުންނަ ކަންގަނާ ރަނާވަތުގެ ފުރަތަމަ ފިލްމެވެ. ނެޝަނަލް އެވޯޑު ތިން ފަހަރަށް ހޯދާފައިވާ ކަންގަނާ އެންމެ ފަހުން ފެނިފައިވަނީ އިމްރާން ޚާނާއެކު "ކައްޓީ ބައްޓީ" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާ ރަނގަޅު ކާމިޔާބެއް ނުހޯދުނެވެ. "ރަންގޫން" އަކީ "ތަނޫ ވެޑްސް މަނޫ ރިޓާންސް" އަށް ފަހު ކަންގަނާ ވަރުގަދަ ކެރެކްޓާއަކުން ފެންނާނެ ފުރަތަމަ ފިލްމެވެ.

ޝާހިދު ކަޕޫރާއި ސައިފް އަލީ ޚާން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށް މި ފިލްމު ވުމަކީ ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ފިލްމަށް ހުއްޓިފައިވާ ކަމެކެވެ. މީގެ ކުރިން ގިނަ ފިލްމުތަކެއްގައި މޮޅު ޕާފޯމަންސްތަކެއް ދައްކާފައިވާ މި ދެ ތަރިން މީގެ ކުރިން އެއް ފިލްމެއްގައި ބައިވެރިވެފައެއް ނުވެ އެވެ. ޝާހިދަކީ ސައިފްގެ އަންހެނުން ކަރީނާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު މީހަކަށް ވާތީ މި ދެ މީހުން ސްކްރީނުގައި ދައްކާ ގުޅުން ބަލާލަން ގިނަ ބަޔަކު ޝައުގުވެރިވެ އެވެ.

ބުނެވޭ ގޮތުގައި ކަރީނާގެ ސަބަބުން ޝާހިދު އާއި ސައިފަށް ވަނީ އެކަކު އަނެކަކާ ކުރިމަތިލާން ޖެހިލުންވާ ކަހަލަ ހާލަތެއް ދިމާވެފަ އެވެ.

އަނެއްކޮޅުން "ރަންގޫން" އަކީ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ ޑްރީމް ޕްރޮޖެކްޓެވެ. މި ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ވިޝާލް ކުރާތާ ވެސް ހަތް އަހަރު ވެއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެ އެވެ. މިހާތަނަށް ވިޝާލް އުފައްދާފައި ވަނީ ކަމީނޭ، ހައިދަރް، އޯމްކާރާ އަދި އިޝްގިޔާ ފަދަ ފިލްމުތަކަކީ ކްރިޓިކްސް އާއި ބެލުންތެރިން ބޮޑު ތަރުހީބެއް ދީފައިވާ ފިލްމުތަކެވެ. އެހެންކަމުން މިފަހަރުވެސް ފިލްމަކީ ވެސް ބެލުންތެރިން މާޔޫސް ނުވާވަރުގެ މޮޅު ފިލްމަކަށް ހަދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ޚާއްސަކޮށް ޝާހިދު އާއި ވިޝާލް ގުޅިގެން އުފައްދާފައިވާ ފިލްމުތައް ވަނީ ކާމިޔާބީގެ ރެކޯޑެއް ދަމަހައްޓާފަ އެވެ. "ކަމީނޭ" އާއި "ހައިދަރް" އަށް ފަހު މިއީ ވިޝާލްގެ ފިލްމެއް ޝާހިދު ކުޅޭ ތިން ވަނަ ފަހަރެވެ. އެހެންކަމުން "ރަންގޫން" އާ އެކު މި ދެ ފަންނާނުން މިފަހަރު ހެޓްރިކް ހަދާނެކަމަށް ބެލެވެ އެވެ. ވިޝާލް އާއި ސައިފް މީގެ ކުރިން "އޯމްކާރާ"ގައި އެކުގައި މަސައްކަތް ކުރި އެވެ.

ވިޝާލް އަކީ އަބަދުވެސް ވަރަށް ތަފާތު ވައްތަރުގެ ފިލްމުތައް އުފައްދަން މަޝްހޫރު މީހެކެވެ. "ރަންގޫން" އަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަށް ބިނާކޮށްފައިވާ ފިލްމެކެވެ. ފިލްމާ ބެހޭ މާ ބޮޑު ތަފްސީލެއް ނުލިބެ އެވެ. ނަމަވެސް ތަންކޮޅެއް ކުރިން އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ މިއީ ހޮލީވުޑް ފިލްމު "ކަސަބަލަންކާ" ގޮތަށް ކުޅޭ ފިލްމެއް ކަމަށެވެ. ނަމަވެސް ޑައިރެކްޓަރު ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ.

މި ފިލްމުގައި، ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ހަނގުރާމައިގެ މަންޒަރުތަކާއި ލަވް ޓްރަޔަންގަލް ހިމެނެ އެވެ. ސައިފް ކުޅެނީ ފިލްމު އުފައްދާ މީހެއް ބައެވެ. ޝާހިދު ކުޅެނީ އާމީ އޮފިސަރެއްގެ ރޯލެވެ. މި ދެ މީހުންނަށް ވެސް ލޯބި ވެވެނީ މިސް. ޖޫލިއާ (ކަންގަނާ ރަނާވަތު) ދެކެ އެވެ. ނަމަވެސް ލޯބި ކާމިޔާބު ކުރެވެނީ ކާކަށް ކަމެއް ނޭނގެ އެވެ.