05 މެއި 2024 - 08:28

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމުގެ މަޝްވަރާތައް މިސްރުގައި އަލުން ފަށައިފި އެވެ.
އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބިމާ ހަމަވެ އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި އާންމުން ބަނޑަށް ޖެހިފައި ވާއިރު ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުން އިސްނެގުމަށް ބައިނަލްއަގުވާމީ ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.
އަދި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ރަހީނުކުރި އިޒްރޭލު މީހުން މިނިވަންކުރުމަށް އިޒްރޭލުން އަވަހަށް އެއްބަސްވުމަކަށް ދިއުމަށް އިޒްރޭލުގެ އާންމުންގެ ފަރާތުން ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ކައިރޯގައި މިސްރާއި ގަތަރާއި އެމެރިކާއިން މެދުވެރިންގެ ދައުރު އަދާކުރާ މަޝްވަރާތައް ހަމާސް އާ އެކު އިއްޔެ އަލުން ފެށީ ހަމަލާތައް 40 ދުވަހަށް ހުއްޓާލައި އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުންނެވެ.
އިއްޔެ ފެށުނު މަޝްވަރާތަކުގައި އިޒްރޭލުގެ ވަފުދު އަދި ބައިވެރިއެއްނުވެ އެވެ. އިޒްރޭލުން މިސްރަށް ވަފުދު ފޮނުވާނީ، މަޝްވަރާތަކަށް އެކަށީގެންވާ ކުރިއެރުމެއް ލިބުމުން ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު މީޑީއާތަކަށް ވަނީ ވިދާޅުވެފައި އެވެ.
މީގެކުރިން ކުރެވުނު މަޝްވަރާތަކުގެ އަލީގައި މިދިޔަ ނޮވެމްބަރު މަހު ހަފްތާއަކަށް ހަމަލާތައް މެދުކަނޑާލި އިރު ހަމާސް އިން ވަނީ ރަހީނުކުރި މީހުންގެ ތެރެއިން 80 މީހަކު މިނިވަންކޮށްފަ އެވެ. އަދި އިޒްރޭލުން ވަނީ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 240 މީހަކު މިނިވަންކޮށްފަ އެވެ.
އެކަމަކު އިޒްރޭލުން ފަހުން ހުށަހަޅާފައިވާ ހުށަހެޅުމަށް ކުރިއެރުމެއް ނުލިބުމުގެ މައިގަނޑު ސަބަބަކީ، ހަމަލާތައް ދާއިމީކޮށް ހުއްޓާލުމަށް ހަމާސްއިން ޑިމާންޑުކުރާތީ އެވެ.
އަދި ޣައްޒާއިން އިޒްރޭލުގެ ހުރިހާ ސިފައިން ފައިބައި، އެތަނަށް ފަލަސްތީނުގެ އާންމުން އެނބުރި ދިއުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވެސް ހަމާސް އިން ބުނެ އެވެ.
ނަމަވެސް ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަކީ އިޒްރޭލުން މިހާތަނަށް ވެސް ދެކޮޅު ހަދަމުން އައިސްފައިވާ ކަމެކެވެ.
އަދި ޣައްޒާގެ އުތުރުގައި ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އަރައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ޕްލޭން ދޫކޮށްނުލާ ކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.