އިޒްރޭލުގެ ޓޭންކުތައް ވަށާލައި، އެހީ ވެސް ނުވެއްދޭ ގޮތަށް ރަފަހް ބަންދުކޮށްފި
އިޒްރޭލުގެ ޓޭންކުތައް ވަށާލައި، އެހީ ވެސް ނުވެއްދޭ ގޮތަށް ރަފަހް ބަންދުކޮށްފި

ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހްގެ ބޯޑަރުތައް އިޒްރޭލުގެ ޓޭންކުތަކުން ވަށާލައި، އެ ސިޓީ އަށް ވަންނަން އޮންނަ ބޯޑަރުތައް ބަންދުކޮށްފި އެވެ.

ރަފަހް އަށް ކޮންމެހެން ބޭނުންވާ އިންސާނީ އެހީ ވެއްދުމަށް ވެސް އިޒްރޭލުން ހުރަސްއަޅާފައިވާ ކަމަށް އދ. ގެ ކަމާބެހޭ އޮފީހުން ވަނީ ބުނެފަ އެވެ. އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރަފަހްގައި މި ވަގުތު ހުރީ އެންމެ ދުވަހެއްގެ ތެލެވެ. އެހީ ވައްދަން އޮންނަ މަގުތައް ބަންދުކުރުމުން އެ ސިޓީގައި އިންސާނީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ، ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ރަފަހް އަށް ވަންނަން އޮންނަ ބޯޑަރުތައް އަލުން ހުޅުވުމަށް އިޒްރޭލަށް ގޮވާލައްވައިފަ އެވެ.

ރަފަހް އަށް އަރައި، އަސްކަރީ އޮޕަރޭޝަނެއް ހިންގާނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު، އިޒްރޭލުން އެ ސިޓީ އަށް އަރައިގެންފައި ވަނީ، ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނިކޮށެވެ.

ރަފާހް އަށް ވައިގެ ހަމަލާތައް ދީފައި ވަނީ، އެކަމާ ދެކޮޅަށް އދ. އާއި ގިނަ ގައުމުތަކުން އިޒްރޭލަށް އިލްތިމާސް ކުރަމުން ދަނިކޮށެވެ. ރަފާހް އަށް ހަމަލާ ނުދިނުމަށް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވެސް ވަނީ ލަފާދީފަ އެވެ.

އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 27 މީހަކު ޝަހީދުވެފައިވާ ކަމަށް ދެ ހޮސްޕިޓަލަކުން ވަނީ ބުނެފަ އެވެ.

ކައިރޯގައި މިސްރާއި ގަތަރާއި އެމެރިކާ މެދުވެރިންގެ ދައުރު އަދާކުރާ މަޝްވަރާތައް ހަމާސްއާ އެކު، މިދިޔަ ހޮނިހިރު ދުވަހު އަލުން ފެށީ ހަމަލާތައް 40 ދުވަހަށް ހުއްޓާލައި އިޒްރޭލުން ބަންދު ކޮށްފައިވާ ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުންނެވެ.

ހޯމަ ދުވަހާ ހަމައަށް ސީދާ އެއްބަސްވުމަކަށް އާދެވިފައި ނުވިޔަސް، އިއްޔެގެ ވަގުތެއްގެ ހަމާސް އިން ވަނީ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވާކަން މެދުވެރިންގެ ދައުރު އަދާކުރާ ގައުމުތަކަށް އަންގައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނު ކުރުމުން، ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 34،700 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލައިފަ އެވެ. -- އޭއެފްޕީ