ވަރަނާސީގެ ގޮނޑި ދިފާއުކުރައްވަން މޯދީ ފޯމު ހުށަހަޅުއްވައިފި
ވަރަނާސީގެ ގޮނޑި ދިފާއުކުރައްވަން މޯދީ ފޯމު ހުށަހަޅުއްވައިފި

އިންޑިއާގެ އާބާދީގެ މެޖޯރިޓީ ހިންދޫންގެ މުގައްދަސް ބިން ކަމަށް ގަބޫލުކުރާ، ވަރަނާސީގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަށް އަނެއްކާވެސް ވާދަކުރައްވަން ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯމު ހުށަހަޅުއްވައިފި އެވެ.

ހަ ކިލޯމީޓަރުގެ ދިގު ކެމްޕޭނު ރޯޑް ޝޯ އަކަށްފަހު، މޯދީ ފޯމު ހުށަހެޅުއްވީ ތިން ވަނަ ދައުރަކަށް އެ ގޮނޑި ދިފާއުކުރެއްވުމަށެވެ.

ފޯމު ހުށަހެޅުއްވުމުގެ ކުރިން މޯދީ ވަނީ ގިނަ އަދަދެއްގެ ހިންދޫ ސަޕޯޓަރުންނާ އެކު ގަންގާ ކޯރަށް ވެސް ވަޑައިގެން، އަޅުކަމުގެ އެތައް ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބުކުރަން މީގެ ހަފުތާއެއް ކުރިން އިންތިހާބު ފަށާފައިވާއިރު، ވޯޓުލުން ޖޫން 1 އާ ހަމައަށް ކުރިއަށް ގެންދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ވަރަނާސީގައި ވޯޓުލާނީ އިންތިހާބުގެ އެންމެ ފަހު ފިޔަވަހީގައި ޖޫން 1 ގަ އެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު، އެ ސަރަހައްދަށް އެއްވެ ތިބި އެތަކެއް ހާސް ސަޕޯޓަރުންނާ މުހާތަބު ކުރައްވައި، މޯދީ ވަނީ ފާއިތުވި 10 އަހަރު ވަރަނާސީގެ ބޮޑު އަޣުލަބިއްޔަތަކުން ކުރާ އިތުބާރުން ކުރިއަށް ވަޑައިގެންނެވުމަށް ހިތްވަރު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ.

އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފަ އެވެ. މިދިޔަ ފަހަރު ބީޖޭޕީން އިން ކާމިޔާބުކުރީ 303 ގޮނޑި އެވެ.

އެކަމަކު ވޯޓުލާން ތިބި މީހުން ޝައުގު ކުޑަކަމުން، ބީޖޭޕީން ބޭނުންވާ އަދަދަށް ގޮނޑި ނުލިބިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލަފާކުރަމުންނެވެ.

އިންތިހާބުގެ ފުރަތަމަ ތިން ފިޔަވަހީގައި ވޯޓުލާފައި ވަނީ އޭޕްރީލް 19، އޭޕްރީލް 26 އަދި މެއި 7 ގަ އެވެ. ތިން ވަނަ ފިޔަވަހީގައި ވެސް ވޯޓު ލާން ނުކުމެފައިވަނީ 61 ޕަސަންޓު މީހުން ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މިއީ އެންމެ ފަހުން 2019 ވަނަ އަހަރު އިންތިހާބާ އަޅާ ބަލާއިރު، ބޮޑު ދަށްވުމެކެވެ. ދުނިޔޭގެ އެންމެ ބިޔަ ޑިމޮކްރެޓިކް ހަރަކާތުގައި ގާތްގަނޑަކަށް 968 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

ވޯޓުލާން ނުކުންނަ މީހުން މަދުކަމުން، ހިންދޫ މެޖޯރިޓީ މީހުން ވޯޓު ލާން ނެރެން ބާރު އެޅުމަށް ބީޖޭޕީގެ ކެމްޕޭނުގެ މިސްރާބު ވެސް ވަނީ ބަދަލުކުރަން މަޖުބޫރު ވެފަ އެވެ.

މޯދީ ވަނީ ކެމްޕޭނުތަކުގައި ބޭނުންކުރައްވާ ބަސްމަގު، ހިންދޫން ރުއްސުމަށް މުސްލިމުންނާ ދެކޮޅަށް އަނބުރާލައްވައިފަ އެވެ.

ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، މުސްލިމުންގެ ހައްގުތަކަށް އަރައި އިންޑިއާ "ފަތަހަ" ކުރަން އުޅޭ ކަމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން "ވޯޓު ޖިހާދު" ކުރަން ރާވައި ކަމަށް ވެސް މޯދީ ވަނީ ކެމްޕޭން ތަގުރީރުތަކުގައި ތުހުމަތު ކުރައްވައިފަ އެވެ.