މޫސުން ވަރަށް ގޯސްވެ، ފުވައްމުލަކުން ފެށިގެން އައްޑުއަށް އޮރެންޖް އެލާޓް ނެރެފި
މޫސުން ވަރަށް ގޯސްވެ، ފުވައްމުލަކުން ފެށިގެން އައްޑުއަށް އޮރެންޖް އެލާޓް ނެރެފި

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ފުވައްމުލަކުން ފެށިގެން އައްޑޫއަށް އޮރެންޖް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފައި ވަނީ މިރޭ 7:00 އާ ހަމައަށެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި އެ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ އެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު އޮފީހުން ބުންޏެވެ.

މެޓު އޮފީހުން މޫސުން ދަރަޖަކޮށްފައި ވަނީ ވައިޓް، ޔެލޯ، އޮރެންޖާއި ރެޑުގެ އިތުރުން ވިއްސާރަ އަލިވުމުން ގްރީން އެލާޓެވެ. އާންމުކޮށް މޫސުން ގޯސްވުމުން އެ އިދާރާއިން ނެރެނީ ޔެލޯ އެލާޓެވެ.

މެޓުން 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އޮރެންޖް އެލާޓް ނެރެފައި ވަނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ. އޭގެ ފަހުން މަދު މަދުން މި އެލާޓް ނެރެ އެވެ.

އޮރެންޖް އެލާޓް ނެރުނުއިރު މިއަދު ހެނދުނުއްސުރެ ބ. އަތޮޅުން ފެށިގެން އައްޑޫއަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވަނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނަށް ފެށިފަ އެވެ. ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފެށެ އެވެ. މި މޫސުމުގެ އަސަރު މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.

މެޓުން ކުރިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވެ އެވެ. އަންނަ މަހާއި ޖުލައި މަހާއި އޯގަސްޓް މަސް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.