29 މެއި 2024 - 23:31

ސްމޯލް އައިލެންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރަންސްގައި ރާއްޖޭގެ ރައީސަކު ބައިވެރި ނުވެ 30 އަހަރު ވުމަކީ ގައުމަށް ލިބުނު ދެރައެއް ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި ކޮންމެ 10 އަހަރަކުން ބާއްވާ މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއިން އެންޓީގާ އެންޑް ބާބިޔުޑާ އަށް ވަޑައިގަތް ވަފުދުގެ އެންމެ އިސްވެރިއެއް ގޮތުގައި، ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނު ވަނީ އެކި ބައްދަލުވުންތަކުގައި 8 ސްޓޭޓްމަންޓް ހުށަހަޅުއްވައި އަދި ބައެއް ބައްދަލުވުންތަކުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފަ އެވެ.

ރައީސް މުއިއްޒުގެ އަރިހުގައި ސިޑްސްގެ ކޮންފަރެންސްގަ އާއި އެހެނިހެން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އޭނާގެ ފޭސްބުކްގައި ވިދާޅުވީ، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތައް ތަމްސީލް ކުރާ އެންމެ މުހިންމު ޖަމާއަތަކީ ސިޑްސް ކަމަށް ވިޔަސް ރާއްޖޭގެ ރައީސަކު އެންމެ ފަހުން އެ ކޮންފަރަންސަށް ވަޑައިގަތީ 1994 ގައި ކަމަށެވެ.

ރައީސް މުއިއްޒުގެ ކުރިން އެ ކޮންފަރަންސަށް ވަޑައިގެންފައިވާ ހަމައެކަނި ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މައުމޫންގެ ވެރިކަމުގައި 1994 ގެ ސީޑްސް ކޮންފަރެންސްގައި ދިވެހި ވަފުދުގެ އިސްވެރިއަކީ ސީދާ އެ މަނިކުފާނެވެ.

"އޭގެ ފަހުން 30 އަހަރު ވޭތުވިއިރު، ރާއްޖޭގެ އެންމެ މަތީ ވެރިއަކު މި ޖަމާއަތުގެ މަހާސިންތާގައި ރާއްޖެ ތަމްސީލު ކުރައްވަން ބައިވެރިވެވަޑައި ނުގަންނަވައި އޮތުމަކީ ގައުމަށް ލިބުނު ދެރައެއް،" ތޯރިގު ވިދާޅުވި އެވެ.

އެންމެ ފަހުން 2014 ގައި ބޭއްވި ސިޑްސްގެ ކޮންފަރެންސްގައި ދިވެހި ވަފުދުގެ އިސްވެރިއަކަށް ވެސް މައުމޫން ވަޑައިގަތެވެ. އެކަމަކު، އެއީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތަކުން ނޫނެވެ.

ތޯރިގު ވިދާޅުވީ، ދިވެހިންގެ އަޑު އުފުއްލަވަން ރައީސް މުއިއްޒު މި ފަހަރު އެ ކޮންފަރަންސަށް ވަޑައިގަތުމަކީ ގައުމަށް ލިބުނު އުފަލަކާއި ފަހުރެއް ކަމަށެވެ.

މި ފަހަރު ފެނިގެން ދިޔައީ ރާއްޖޭގެ ރައީސަކު ދިވެހިންގެ އަޑު އުފުއްލެވުމުގައި މަސައްކަތް ކުރައްވާފައި ނުވާ ވަރަށް ރެއާއި ދުވާލު ދިވެހިންގެ މަސްލަހަތުގައި ރައީސް މަސައްކަތް ކުރެއްވި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތްޕުޅާއި ހަރުދަނާ ހުށަހެޅުއްވުންތައް ކޮންފަރަންސްގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި އެކި ދާއިރާގެ ތަޖުރިބާކާރުންނާއި އިލްމުވެރިންނާއި ވިޔަފާރިވެރިން ވަނީ ވަރަށް އިހުތިރާމާއެކު ބަލައިގެންފައި ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
"30 އަހަރަށް ފަހު ގައުމުދެކެ ލޯބިވާ ހިތްވަރުގަދަ ލީޑަރެއްގެ އަގުހުރި ހިންމަތާއި މިންނަތުގެ ހެޔޮ ނަތީޖާ މި މަހާސިންތާގެ ސަބަބުން ދިވެހިންނަށް ހާސިލްވާނެ ކަމާމެދު ޝައްކެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އޭނާ ފަހުން "މިހާރު" އަށް ވިދާޅުވީ، މިފަދަ ބައްދަލުުވުމެއްގައި ރައީސަކު މިހާ ބޮޑަށް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"ޔޫއެންއެސްޖީ އާއި އެންޓީގާ އެންޑް ބާބިޔުޑާގެ ރައީސާއި ކޮމަންވެލްތުގެ އެސްޖީ ރައީސްގެ މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި. ރައީސްގެ ލީޑަޝިޕް އެ ބޭފުޅުން ވަރަށް ބޮޑަށް ފާހަގަކުރެއްވި،" ތޯރިގު ވިދާޅުވި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ރައީސް ކުރެއްވި އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ރާއްޖެއިން ބޭނުންވި ކަންކަން ހާސިލްވެގެން ދިޔަ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ހުށަހެޅުންތައް އެންޑޯޒް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.