ޖަލަށް ލިޔަސް ހެޔޮ، އެކަމަކު ސަޕޯޓަރުން ހަމައިން ނެއްޓިދާނެ: ޓްރަމްޕް
ޖަލަށް ލިޔަސް ހެޔޮ، އެކަމަކު ސަޕޯޓަރުން ހަމައިން ނެއްޓިދާނެ: ޓްރަމްޕް

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިހާތަނަށް ކުށް ސާބިތުވި މައްސަލަތަކުގައި ޖަލު ހުކުމެއް އިއްވުން އެކަށީގެންވާ ކަމަށް ވިދާޅުވެ އެކަމާ ގުޅުވައި އިންޒާރު ދެއްވައިފި އެވެ.

ޓްރަމްޕް އެންމެ ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު ކެމްޕެއިން ތެރޭ އޭނާއާ ދެކޮޅު ވާހަކަތަަކެއް ހުއްޓުވަން ކެމްޕެއިން ފައިސާއިން ހަރަދުކޮށް އެކަމާ ގުޅޭ ލިޔެކިޔުންތަކާއި ހިސާބުތައް އޮޅުވާލި މައްސަލައިގެ ދައުވާ ސާބިތުވާ ކަމަށް މިހާރު ވަނީ ނިންމައިފަ އެވެ. ބަރަހަނާ ފިލްމު ކުޅޭ މީހެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ނަހަމަ ގުޅުމުގެ ވާހަކަ އޭނާ ދައްކަފާނެތީ ޓްރަމްޕް އޭނާގެ ވަކީލް މެދުވެރިކޮށް ޑެނިލިއަލްސް އަށް ކެމްޕެއިން ފައިސާއިން 130،000 ޑޮލަރު ދިން ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އިއްޔެ ފޮކްސް ނިއުސް އިން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ޖަލަށް ލުން ނުވަތަ ގޭގައި ބަންދުކުރުން ވެސް ހުކުމަކަށް އަތުވެދާނެ ކަމަށެވެ. އެއިން އެއްވެސް ކަމެއް އެއީ އޭނާއަށް މައްސަލައެއް ނޫން ކަމަށާއި އެކަމަކު ސަޕޯޓަރުންނަށް އެގޮތް ކަމުދާނެކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެޔަކު މައްސަލައެއް ނެތް ... އެކަމަކު އާންމުން އެކަން ބަލައިގަންނާނެ ކަމެއް ނޭނގެ،" ނޮވެމްބަރު 5 ގައި އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ހަމަނުޖެހުންތައް ހިނގާފާނެ ކަމުގެ ނުސީދާ އިންޒާރާ އެކު ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މިފަދަ ނިންމުމެއް ބަލައިގަންނަން ރައްޔިތުންނަށް ވަރަށް ދަތިވާނެހެން. ކޮންމެ ކަމެއްގައި ވެސް ވަކި މިންވަރެއް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ކުށްވެރިއެއްގެ ގޮތުގައި ރިޔާސީ ރޭހުގައި ހުރި ނަމަވެސް ޓްރަމްޕް އަދިވެސް ގެންދަވަނީ މިހާރުގެ ރައީސް ޖޯ ބައިންޑެންއާ ވާދަ ނުކުރެއްވިދާނެ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލުކުރެއްވުމަށް އިންކާރު ކުރައްވަމުންނެވެ.

ޓްރަމްޕާ ދެކޮޅު ވާހަކަތައް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭ ހުއްޓުވަން ކެމްޕެއިން ފައިސާއިން ހަރަދުކުރި މައްސަލައިގައި އުފުލި 34 ދައުވާ ވެސް ސާބިތުވާ ކަމަށް ޖޫރީން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިއީ އެމެރިކާގެ ކުރީގެ ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާ ސާބިތުވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕަށް އަދަބު ކަނޑައެޅުން ތާވަލްކޮށްފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ. އޭނާގެ މައްޗަށް ޖަލު ހުކުމް ނުވަތަ ގޭބަންދުގެ ހުކުމް ވެސް އިއްވިދާނެ އެވެ. އެކަމަކު ގާނޫނީ ތަޖުރިބާކާރުން ބޮޑަށް ބުރަވެވަޑައިގަންނަވަނީ މިއީ ސާބިތުވި ފުރަތަމަ ކުށަށް ވުމާއި އެހެން ސަބަބުތައް ވެސް ހުރުމާ އެކު ޖޫރިމަނާގެ ހުކުމެއް އަންނާނެ ކަމަށެވެ. އެހެން ވެއްޖެ ނަމަ އިންތިހާބުގައި އޭނާއަށް ހުރަހެއް ނޯންނާނެ އެވެ. -- އޭއެފްޕީ