04 ޖޫން 2024 - 22:02

ސިކުންނަށް ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ މީހަކާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ވަރުގަދައަށް އަޑު އުފުއްލަވާ ކަޝްމީރުގެ ލީޑަރަކު ޖަލަށް ލާފައިވާ ވަނިކޮށް އާންމު އިންތިހާބުގައި ވާދަކޮށް ކާމިޔާބުކޮށްފި އެވެ.
މީގެ އިތުރުން އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލަން ހަމަލާދިން ދެ މީހުންގެ ތެރެއިން އެކެއްގެ ދަރިއަކު ވެސް ވަނީ އިންތިހާބު ވެފަ އެވެ.
ގޮނޑި ކާމިޔާބުކުރި ސިކުންގެ ލީޑަރެއް ކަމަށްވާ އަމްރިތުޕާލް ސިންގް، 31، އަކީ ފުލުހުން މަސް ދުވަހުގެ މަސައްކަތުން މިދިޔަ އަހަރު ހައްޔަރުކޮށް ޖަލަށް ލާފައިވާ މީހެކެވެ. ޚާލިސްތާންގެ ނަމުގައި ސިކުންނަށް ވަކި ދައުލަތެއް އުފައްދަން މަސައްކަތްކުރާ ސިންގް ޚަދޫރް ސާހިބް ދާއިރާއިން ކާމިޔާބީ ހޯދީ 26 ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރި 17 ކެންޑިޑޭޓަކު ވެސް ހިމެނެ އެވެ.
ސިންގް 200،000 އަށް ވުރެ ގިނަ ވޯޓުގެ ފަރަގާ އެކު ކާމިޔާބު ހޯދުމުން އޭނާގެ މަންމަ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ސިކުންނަށް "ޚާލިސްތާން" ގެ ނަމުގައި ދައުތަލެއް އުފައްދަން ކުރި މަސައްކަތުގައި 1980 އާއި 1990 ގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް އިންޑިއާގައި ހިނގާފައިވެ އެވެ.
ސިންގް ހުންނަނީ "ޚާލިސްތާން މޫވްމަންޓް" ގެ އިސް މީހެއް ކަމަށްވާ ޖަރްނައިލް ސިންގް ގޮތަށް ހެދުން އަޅައިގެންނެވެ. ޖަރްނައިލް ސިންގަކީ ސިކުންގެ ހާއްސަ ފައްޅިއެއް ކަމަށްވާ ގޯލްޑަން ޓެމްޕުލް އަށް އިންޑިއާ ސިފައިން 1984 ވަނަ އަހަރު ވަދެ ދިން ހަމަލާތަކުގައި މަރުވެފައިވާ މީހެކެވެ.
އެ ދުވަސްވަރު ބޮޑުވަޒީރަކަށް ހުންނެވި އިންދިރާ ގާންދީއަށް އޭނާގެ ދެ ބޮޑީގާޑަކު ހަމަލާދީ އަވަހާރަކޮށްލީ ފައްޅިއަށް ސިފައިން ވަންނަން އިންދިރާ ގާންދީ އަމުރުކުރެއްވުމުން އެކަމުގެ ބަދަލު ހިފުމަށެވެ.
އިންދިރާ ގާންދީ އަވަހާރަކޮށްލި ހަމަލާ ދިން އެކެއްގެ ދަރިއެއް ވެސް އިންތިހާބުގައި ވަނީ ޕަންޖާބުގައި ކާމިޔާބު ހޯދައިފަ އެވެ.
މޯދީއާ ދެކޮޅަށް ކަޝްމީރުގައި އަޑު އުފުލާ ލީޑަރެއް ކަމަށްވާ، ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ޝައިޚް އަބްދުއްރާޝިދު ވެސް ވަނީ ޖަލަށް ލާފައިވަނިކޮށް ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފަ އެވެ. އޭނާ ހިމާލަޔަން ސަރަހައްދުން ކާމިޔާބު ހޯދީ 200،000 އަށް ވުރެ ގިނަ ވޯޓާ އެކުގަ އެވެ.
އޭނާ ވާދަކުރެއްވީ އެ ސަރަހައްދުގެ ކުރީގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲއާ އެވެ.
"އިންޖިނިއަ ރާޝިދު" ގެ ގޮތުގައި މަޝްހޫރު މި ލީޑަރު މޯދީގެ ސަރުކާރުން ހައްޔަރުކުރީ ޓެރަރިޒަމަށް ފަންޑުކުރާ ކަމަށާއި މަނީ ލޯންޑަރިން ހިންގާ ކަމަށް ތުހުމަތުކޮށް 2019 ވަނަ އަހަރު އެވެ.
އިންޑިއާގެ އާންމު އިންތިހާބުގައި މޯދީ ތިން ވަނަ ދައުރަކަށް އިންތިހާބު ވިޔަސް ހީކުރި ވަރުގެ ބޮޑު ކާމިޔާބީއެއް ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު އިދިކޮޅު ކޮންގްރެސް އިން ވަނީ ކުރިއަށްވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް ގޮނޑި ހޯދައިފަ އެވެ. -- އޭއެފްޕީ