ބިންގަރާސް
ބިންގަރާސް

އާދިއްތަ ދުވަހާ ގުޅޭ

"ސުވާލަކީ، ނަޖޫއަށް އެއް ޗާންސްދެވިދާނެހޭ؟" ދިފްލާ ބުންޏެވެ.

އެއް ފުރުސަތު ކީއްކުރަންހެއްޔެވެ؟ ނަޖްވާން ގޭގައި ބަހައްޓާ އެންމެ ސިކުންތަކީ ވެސް ފާއިޒާއަށް އަހަރެކެވެ. ކުރިން ކަމުނުދިޔަ ކުއްޖަކު، ފަހުން ވަރަށް ކަމުނުގޮސްފައި، މިހާރު އޭނަ އެއްގޮތަކަށް ވެސް ކަމަކުނުދެއެވެ. ފާއިޒާއަށް މައްސަލައަކީ ކަންނެތްވުން އެކަންޏެއް ވެސް ނޫނެވެ. ދަރިފުޅުގެ މިލްކުވެރިކަމަށް ދައުވާކުރާތީއެވެ. ރާއިދު ހިބައިން ވެރިކޮށްލަން ނަޖްވާން ފައިވިއްދީމައެވެ. މުޅި ގެއާއި ދެން ހުރި މުދަލަށް ނަޖްވާން ދައުވާކުރިޔަސް، ގޭގެ ބަދިގެއާއި ފިރިހެންދަރިފުޅުގެ ކުނޑިފުކެއް ވެސް ފާއިޒާ ދުލެއް ނުކުރާނެއެވެ. އެހެނަސް، އެ ހުރިހައި ވާހަކައެއް ދިފްލާ ގާތުގައި ބުނާކަށް ފާއިޒާ ބޭނުމެއްނުވިއެވެ.

"އޭނަ ބަދަލެއް ނުވާނެ،" ފާއިޒާ ދިނީ ކުރު ޖަވާބެކެވެ. "ވާނެ ނަމަ މިހާރު ވެއްޖައީސް."

"ނަޖޫ ފޫހިވީތަ؟ ބޭނުން ނޫން މީހަކާ އިނދެވުނީތަ؟ ނޫނީ ކަމުނުދާ ގެއަކަށް އާދެވުނީތަ؟" ދިފްލާ ހިތުގައި އޮތް ހުރިހައި ސުވާލެއްކުރިއެވެ. "މައިދައިތަ ކަމުނުދިޔައީބާ؟"

"ނޭނގެ އަހަންނަކަށް. ދިފްލާ ގޮސް އަހާބަލަ!" ފާއިޒާ ބުންޏެވެ. "އަހަރެންގެ ދަރި ގޯހީތޯ؟ ހަމަ އަހަރެން ތޯ މައްސަލައަކީ."

އެހެން ބުނެފައި ފާއިޒާ ދިޔައީއެވެ. ދިފްލާ ކުޑަދޮރު ކައިރީގައި ހުރެގެން ގޮވަގޮވައިގެން ނަޖްވާން ކޮޓަރިން ނެރުނެވެ. އެ ގެއަކީ ވަރަށް ބޮޑު ގެއެކެވެ. އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ނަޖްވާން އަތުގައި ހިފައިގެން ގޮސް، ގޭގައި ހުރި މަސްފެންގަނޑު ކައިރީގައި ހުރި ގޮނޑިއެއްގައި ނަޖްވާން ބޭންދިއެވެ. ގާތުގައި ދިފްލާ އިށީނެވެ. މުޅި ހިސާބަށް އޮތީ ގަސްތަކުގެ ހިޔާއެޅިފައެވެ.

"އަސްލު ބުނެބަލަ! ކީއްވެގެން ތި އުޅެނީ؟" މަޑުމަޑުން ދިފްލާ އެހިއެވެ. "ކީއްވެ ފެންނުވަރާ ހުންނަނީ؟ ކަމަކާ ހިތްހަމަނުޖެހުނީތަ؟ އެމީހުން ކައިރީގަ ބުނަން ނުކެރެންޏާ އަހަރެން ކައިރީގަ ބުނެބަލަ! އަހަންނަށް އެނގޭ ނަޖޫ ދެކެ ރާއިދު ކިހާ ލޯބިވާކަން. ހިނގާ އަހަރުމެން ދެމީހުން މި ކަން ފިކްސްކުރަމާ! ހިނގާބަލަ މި ވާހަކަ ދައްކަމާ! ކިހިނެއްތަވީ؟"

ނަޖްވާން ވިސްނައިލި ގޮތުންނާއި، އެއްޗެއް ނުބުނެ އިން ގޮތުން ދިފްލާ ހީކުރީ ވަރަށް ދިގު ވާހަކައެއް ފަށަން އުޅެނީ ކަމަށެވެ.

"ކަމެއް ނުވެއޭ!" ނަޖްވާން ދިން ޖަވާބަކީ އެއީއެވެ.

"އެކަމަކު ފެންނުވަރާ ހުރީމަ ގައިން ވެސް ކިހާ.. އައި މީން.. ގައިމު ވެސް މީރުވަހެއް ނުދުވާނެ ދޯ؟" އަކުރުތަކުގައި މާޖަހައި، ވަށައިގެން ރޭނދާއަޅައިގެން ދިފްލާ ވާހަކަދެއްކިއެވެ. "މާލެއިން ލިބެން ހުރިއްޔާ ހުރި ލޯޝަންއަކާ، ސެންޓާ، ކްރީމާ އެއްޗެހި އެ ހުންނަނީ ގެއަށް ގެނެއްސަ. ތިހެން އުޅޭކަށް ނުވާނެއްނު."

އެ ވާހަކަތައް އަޑުއަހަން ފަސޭހަ ނޫންކަން ނަޖްވާންގެ މޫނުމަތިން ފާޅުވިއެވެ. އެހެނަސް، ކޮންމެވެސް މީހަކު އެ ވާހަކަދައްކައިގެން ނޫނީ މައްސަލަ ހައްލެއް ނުވާނެއެވެ. ދިފްލާގެ ހިތުގައި އޮތީ އެހެންނެވެ. ކޮންމެހެން ނަޖްވާން ދެރަކޮށް، ލަދުގަންނަވައިލުމަކީ ދިފްލާގެ މަގުސަދެއް ނޫނެވެ.

"އަހަރެންގެ ގައިން ނުބައި ވަސް ދުވާތަ؟" ނަޖްވާން ކުރީ ހައިރާންވާ ކަހަލަ ސުވާލެކެވެ. "ރާއިދެއް ނުބުނޭ!"

ރާއިދު އެހެން ނުބުނާ ނަމަ ނުބުނަނީ ކީއްވެގެންހެއްޔެވެ؟ ބުނަން ފަސޭހަ އެއްޗަކަށް ނުވާތީއެވެ. ލޯބިވާ މީހާ ރުޅިއަތުވެދާނެތީ، އޭނަ ބީވެދާނެތީ އޭނަގެ އައިބުތައް ފޮރުވައިދޭން ލޯބިވެރިން މަސައްކަތްކުރާނެއެވެ. އެކަމަކު، ވަކިވުމުގެ އަސްލަކަށް ވެސް ވާނީ އެ މައްސަލައެވެ. ދައްކާނީ އެހެން ބަހަނާއެކެވެ. ދިފްލާ ހައިރާންވީ ދިފްލާއަށް އެ ވަރު ވިސްނޭ އިރު، ނަޖްވާނަށް ނުވިސްނޭތީއެވެ.

"ފެންނުވަރާ ހުރީމަ މީރުވަސްދުވާނެ؟ ތީ ބައްޔެއް ނޫން. ލޭޒީކަން،" ލަދު އެއްފަރާތްކޮށްފައި ދިފްލާ ބުންޏެވެ. "ތި ކޮޓަރިއަށް ވަދެފަ ނޭވާނުލެވިގެން އަހަރެން ނުކުތީ. ސީރިޔަސްކޮށް މި ބުނީ. އަހަރެން އެކައްޗެއް ވެސް ސިއްރެއް ނުކުރާނަން. ކީއްވެ؟ ރަނގަޅުކުރަން ބޭނުންވާތީ. ދާވެފަހުރި އެއްޗެހިތައް ވެސް އެނދުމަތީގަޔާ، ޓައިލްސް މަތީގަ އޮތީމަ ކިހާ ވަހެއް ދުވާނެ؟ ދެން ބުނޭ ރާއިދެއް ނުބުނެޔޭ! އޭނައަށް ވެސް އުނދަގޫވާނެ. އިންސާނެއް ވިއްޔަ! ލޯބިވާތީ ބުނަން ނުކެރިދާނެ."

"އަހަރެން އެހާ ހެދުމެއް ބަދަލެއް ނުކުރަމޭ!" ނަޖްވާން މަޑުމަޑުން ބުންޏެވެ. "އެހާ ހެދުމެއް ނުވެސް ހުންނާނެ. ރާއިދުގެ ޓީޝާޓުތަކާ، އޭނަ އޮފީހަށްދާން ލާ އެއްޗެހިތައް އެ ތަނަށް އުކާފަ އެ ހުންނަނީ."

"ކީއްވެތަ އުކާފަ އެ ހުންނަނީ؟" ދިފްލާ އެހިއެވެ.

"އޭނަ އުކާތީއެއްނު ހުންނަނީ،" ނަޖްވާން ބުންޏެވެ. "ކޮނޑުގަ އަޅުވާފަ ހުންނަ ނަމަ އަލަމާރީގަ ހުރީހެއްނު. އަހަރެން އެއްވެސް އެއްޗެއް ނޫކަން."

"އެހެންތަ؟ އެކަމަކު ރާއިދަކީ އެއް އިރެއްގަ ވެސް އެ ގޮތަށް އެއްޗެހިތައް އެތައްމިތަނަށް އުކާ މީހެއް ނޫން،" ވަރަށް ޔަގީންކަމާ އެކުގައި ދިފްލާ ބުންޏެވެ. "އަހަރެން މި ގެއަށް ވަންނަމޭ! ތި ކޮޓަރިއަށް ވެސް ވަންނަން. ހަމަ ނުލާހިކު ރީތިކޮށް، ތަރުތީބުކޮށް ހުންނާނީ. ކޮޓަރި ވެސް އޮންނާނީ ނުލާހިކު ރީތިކޮށް. ވަރަށް މީރުވަސް ވެސް ދުވާނެ."

ނަޖްވާން އެއްޗެއް ނުބުނެ ވިސްނަން އިނެވެ. ކީއްވެގެންހެއްޔެވެ؟ ރާއިދުގެ ކޮޓަރިއަށް ދިފްލާ ވަންނަ ވާހަކަ ބުނީމައެވެ. އެއިން ރަނގަޅު މާނައެއް ނުނެގޭނެއެވެ. ދިފްލާ އެ ވާހަކަ ބުނީ އެ ކަން އެނގިހުރެއެވެ. ހިތުގައި އޮތް އެތި ސިއްރުކޮށްގެނެއް ނަޖްވާނަކަށް ނުހުރެވުނެވެ.

"ތިއެއް އަހަންނަކަށް ނޭނގެ. އަހަރެން ކުރިއަކުން ނާންނަންވިއްޔަ،" ނަޖްވާން ބުންޏެވެ. "ތިއެއްނު އަންނަ މީހަކީ."

އެ ކަމާ މެދު ދިފްލާ އެއްޗެއް ނުބުނެއެވެ. ވާހަކަ ދިޔައީ ދިފްލާ އުންމީދުކުރި ދިމާއަކަށް ނޫނެވެ. ކުރިމަތީގައި މަގުއޮއްވައި، ވާހަކަ އަނބުރައިލީ ކައިރީގައި ހުރި ގޯޅިޔަށެވެ.

"އަހަންނަށް ވަރަށް އުނދަގޫ މި ގޭގަ އުޅެން." ނަޖްވާން ބުންޏެވެ.

"އެއީ ކީއްވެހޭ؟ މައިދައިތަ އެއްޗެހި ކިޔަނީ؟" ދިފްލާ އެހިއެވެ.

"އުހުނ! އޭނަ އެއްވެސް އެއްޗެއް ނުކިޔާ!" ނަޖްވާން ބުންޏެވެ.

"ދެން؟ ބަފާބެ ރުޅިއައިސްގެން ހަޅޭއްލަވަނީ؟" ދިފްލާ ސުވާލަކަށް ފަހު ސުވާލެއް ކުރިއެވެ.

"ބަފާބެ ވާހަކައެއް ނުދައްކާނެ އަހަންނަކާ،" އަނގަޔަށް ގޮތެއް ހަދައިލާފައި ނަޖްވާން ބުންޏެވެ. "އަހަރެން މި ގެއަށް އައިތާ ފުރަތަމަ ދެ ދުވަހު ހެނދުނު ސައިބޯން ގޮވި. އޭގެ ފަހުން ނުވެސް ގޮވާ، ފެންނަކަމަށް ވެސް ނަހަދާ! އެހެން ހަދާތީ ވަރަށް އުނދަގޫވޭ! ރާއިދުގެ މަންމަ މުޅީން ވެސް ގޮވާނީ."

"މީހަކާ އިނދެގެން ގެއަކަށް އައިމަ، އެ ގޭގެ މީހުން ކާން ގޮވާކަށް ނުޖެހޭނެއްނު!" ކެތްތެރިކަމާއެކު ދިފްލާ ވިސްނައިދިނެވެ. "އަމިއްލައަށް ނުކުމެގެން ކައި، ދެން ހުރި ކަންތައްތައް ވެސް ކުރަންވާނެ. އެޔެއް ނޫންތަ އޮންނަ ގޮތަކީ؟"

ދިފްލާ ލަސްވެގެން މައުސޫމާ ގުޅިއެވެ. އެ ހިސާބުން ވާހަކަ މެދުކެނޑުނެވެ. ތިމާއަށް ވުރެ ބޮޑެތި ވާހަކަތަކެއް، ތިމާއަށް ވުރެ ބޮޑުމީހެއް ގާތުގައި ދެއްކުނުކަން ދިފްލާއަށް އެނގެއެވެ. އެހެން މީހަކު އެ ވާހަކަތައް އަޑުއަހަން ހުރި ނަމަ، އެ މީހަކު ހައިރާން ވެސް ވީހެވެ. ބުނީހެވެ. ނަޖްވާން ދާން ދޫކޮށްލާށެވެ. މަގު ސާފުކޮށްލާށެވެ. އުންމީދުގެ ހުޅުކޮޅު، ތޫފާނުގެ ވައިން ސަލާމަތްކުރާށެވެ. ފައިދާ ބޮޑީ އެ ގޮތް ނޫންހެއްޔެވެ؟ އޭގެ ޖަވާބު ވެސް، ދިފްލާގެ ނަފުސް ދިފްލާއަށް ދިނެވެ. ލޯތްބަކީ އެންމެނަށް ވިސްނޭ ޖަޒުބާތެއް ނޫނެވެ. އެންމެނަށް ލިބޭ ނަސީބެއް ވެސް ނޫނެވެ. ބައެއް މީހުންގެ އުނގު ފުރިފައި، އަނެއްބައި މީހުންގެ އުނގު ފަޅުވަނީ އެހެންވެގެންނެވެ. ބައެއް ގަސް މަލުން ފުރިފައި، އަނެެއްބައި ގަސް ދަހަނގުވަނީ ވެސް އެހެންވެއެވެ.

"ކޯޗެއްވަނީއޭ؟" މައުސޫމާ އެހިއެވެ. "ކޮބާ އޭގެ މާނައަކީ؟"

"ބޯޑް! އޭގެ މާނައަކީ ފޫހި،" ފިލާވަޅުހަދަން އިން ޔަމާނީ ބުންޏެވެ. "ނަޖޫ ފޫހިވަނީޔޯ އެ ގޭގަ އުޅެން."

ރޭގަނޑުގެ ވަގުތެވެ. ޔަމާނީ ފިލާވަޅުހަދަންއިން އިރު ދިފްލާ އިނީ ފަހާށެވެ. މައުސޫމާ އިނީ ތެއްލި ފިޔާތައް ފުޅިޔަކަށް އަޅާށެވެ. ޓީވީ ހުރީ ހުޅުވައިފައެވެ. ބަލާނެ މީހަކު ނެތެވެ.

"އެ ކަމާ ދިފްލާ ނުވިސްނަބަލަ!" މައުސޫމާ ބުންޏެވެ. "ނަޖްވާނަކީ ކިޔަވައިގެންހުރި މޮޅު މީހެއް. ނޭނގޭ އެއްޗެއް ނޯންނާނެ އެނގޭ އެއްޗެއް ވެސް ނޯންނާނެ. ނަސީމަކަށް އޭނަ ކަމަކުނުދޭ! ފާއިޒާއަކަށް ކަމަކުނުދޭ! މަ ވެސް ވަރަށް ފޫހިވާ ވައްތަރަކަށް އުޅޭ އަންހެނެއް އެ ނަޖްވާނަކީ."

"މަ ވެސް!" ޔަމާނީ ވެސް އެއް ވޯޓުދިނެވެ.

"އެކަމަކު ރާއިދު ވަރަށް ލޯބިވޭ!" ދިފްލާ ދިނީ ތަފާތު ޖަވާބެކެވެ.

މައުސޫމާއާއި ޔަމާނީ އެއްފަހަރާ ދިފްލާއަށް ބަލައިލިއެވެ. އަދި ދެމައިން ދެމައިންނަށް ބަލައިލިއެވެ. ބުނާ ކަހަލައެވެ. ދިފްލާއަކީ ކިހިނެއް ވިސްނާ ކުއްޖެއްހެއްޔެވެ؟

"އަހަރެން ބޭނުން ނަޖޫ އެ ގޭގަ ހުންނަން،" އިސްޖަހާލައިގެން ފަހަންއިން ދިފްލާ ބުންޏެވެ. "ފާއިޒާ ބުނީމަ ރާއިދު ކޮންމެ ކަމެއް ވެސް ކޮށްފާނެ. ނަޖޫ ވަރި ވެސް ކޮށްފާނެ. އަހަރެން އެހެން ވިޔަކަ ނުދޭނަން. ރާއިދަށް ނަޖޫ ވަރަށް މިސްވާނެ. އަހަންނަށް އެނގޭ މިސްވާނެކަން."

އެ ހިސާބަށް ބުނެފައި ދިފްލާ އިސްއުފުލައިލީ އެހެން މީހަކު އެއްޗެއް ބުނާ އަޑު ނީވުނީމައެވެ. އޭރު ވެސް މައުސޫމާގެ ދެމައިން ތިބީ، ހައިރާންވެެގެން ދިފްލާއަށް ބަލަހައްޓައިގެންނެވެ. ކީކޭހޭ ތި ކިޔަނީ އަހާ ކަހަލަ ގޮތަކަށެވެ.

"ނޫންތަ އަޅެ؟" ދިފްލާ އެހިއެވެ.

"ހީވޭ އެހެން." މަންމަ ގާތުގައި ގޮނޑިއެއް ބަހައްޓައިގެން، އިށީނދެގެން އިން ރާއިދު ބުންޏެވެ.

ހަވީރުގެ ފިނިޖެހެމުންއައި އިރު، ފާއިޒާ އިނީ ގަސްތަކު ތެރޭގައި ބޮޑު ތަށްޓަކަށް ބޮނބިކުނޑި އަޅައި ފަކީރާއިން ވެލި އެއްކުރާށެވެ.

"ދަރިފުޅަށް އަދި ވެސް ހީތަވަނީ؟" ފާއިޒާ އެހިއެވެ. "މަންމައަށް މި ގެ ހަމަ ވަރަށް ފަޅު. ދަރިފުޅު މީހަކާ އިނދެގެން މި ގެއަށް އަންހެނަކު ގެނައި ނަމަ، މި ވަގުތު ތި ގޮނޑީގަ އޭނަ އިންނާނެ. އަހަރުމެން ދެމައިން މި ކަން ކުރަން ތިބޭނީ. މަންމަ ބޭނުމެއް ނޫން ނަމެއްގަ ދަރިފުޅު މީހަކާ އިނދެގެން އުޅޭކަށް. ދީބަލަ ތިހިރަ ޕާލައިޓް ޕެކެޓު."

"ނަޖޫއަށް ވިސްނައިދެވޭތޯ މި އުޅެނީ،" އެ ޕެކެޓު ދިއްކޮށްލަމުން ރާއިދު ބުންޏެވެ. "އަހަރެން އެންމެ ބޭނުންވަނީ..."

"މި ފަހަރު މަންމަ ބޭނުންވާ ގޮތް ހަދާ!" އެ ފަހަރު ސާދާ އިބާރާތުން ފާއިޒާ ބުންޏެވެ. "ދެން އޭނަ ވަރިކުރޭ!"

ނުނިމޭ