20 ޖޫން 2024 - 13:29

ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް އާ ކަންޓްރީ ޑައިރެކްޓަރެއް ހަމަޖައްސައިފި އެވެ.
ވޯލްޑް ބޭންކުން ބުނީ، އަންނަ މަހުގެ އެއް ވަަނަ ދުވަހުން ފެށިގެން އެ ތިން ގައުމުގެ އާ ކަންޓްރީ ޑައިރެކްޓަރަކީ ޑޭވިޑް ސިސްލަން ކަމަށެވެ.
މީގެ ކުރިން އެ މަގާމުގައި ހުންނެވީ ފާރިސް ހަދާދް ޒާވޯސް އެވެ.
އާ ކަންޓްރީ ޑައިރެކްޓަރު ޑޭވިޑަކީ އެމެރިކާ އާއި އިޓަލީ އަށް ނިސްބަތްވާ ރައްޔިތެކެވެ.
އޭނާ ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ 2001 ވަަނަ އަހަރު އެވެ. އެ ބޭންކުގައި އެންމެ ފުރަތަަމަ މަސައްކަތް ކުރެއްވީ އާބަން ކްލަސްޓާ ޔުނިޓުގެ އިކޮނޮމިސްޓެއްގެ ގޮތުގަ އެވެ.
އެންމެ ފަހުން އޭނާ ހުންނެވީ ލެޓިން އެމެރިކާ އާއި ކެރީބިއަން ރީޖަންގެ ވޯލްޑް ބޭންކްގެ މެނޭޖަރަކަށެވެ.
ޑޭވިޑް ސިސްލަން ވިދާޅުވީ އާ މަގާމާ ހަވާލުވެ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސަރުކާރުތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމަށް ކަމަށެވެ. އާ މަގާމާ ހަވާލުވެ ރާއްޖެ އާއި ނޭޕާލް އާއި ލަންކާގެ 4.8 ބިލިއަން ރުފިޔާގެ މަޝްރޫއުތައް އޭނާ ބަލަހައްޓަވާނެ އެވެ.