22 ޖޫން 2024 - 11:24

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދިނުމަށް ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ގާއިމުކޮށް ހިންގުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅި ކުންފުންޏަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ފަރުވާ ދިނުމަށް ސެންޓަރުތައް ގާއިމުކޮށް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ.
ނަމަވެސް ކުންފުނީގެ ނަން ހާމައެއް ނުކުރައްވަ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި އެ ކުންފުނިން ހުށަހަޅާފައި ވަނީ ބޮޑު އަގެކެވެ. އެކަމަކު ރާއްޖޭގައި ފަރުވާ ހޯދަމުން އަންނަ މީހުންނަކީ އެހާ ފޯރުންތެރި ބަޔަކަށް ނުވާތީ، ނޭޝަނަލް ޑްރަގު އެޖެންސީގެ ބަޖެޓުން ނުވަތަ އާސަންދަ ސްކީމުގެ ދަށުން އެމީހުންނަށް ފަރުވާ ހޯދޭނެ ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އަމިއްލަ ފަރާތްތަކުން ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުގެ ހިދުމަތް ދިނުމުން ވާދަވެރިކަން އިތުރުވެ، ފެންވަރު ރަނގަޅުވާނެ ކަމެއް ކަމަށެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ނޭޝަނަލް ޑްރަގު އެޖެންސީން ވަނީ ނިންމައިފަ އެވެ. އެއީ، ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގެ ރަށެކެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ 700 މީހަކަށް ފަރުވާ ނުދެވި ކިޔުގައި ތިއްބެވެ.
ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކޮށް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެތަންތަނުން، އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ހިދުމަތާއި ސައިކޭޓްރިކް އިވެލުއޭޝަން ހިދުމަތާއި ކައުންސިލިން އަދި ޑްރަގް ޓެސްޓް ހެދުމާއި ސައިކޯ ސޯޝަލް ތެރަޕީ އަދި ސައިކޮލޮޖިކަލް އެސެސްމަންޓުގެ ހިދުމަތް ލިބެން ޖެހެ އެވެ.