22 ޖޫން 2024 - 23:36

ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ނަށައި، ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓިކްޓޮކް ހަދައި މިސްކިތުގެ ތެރޭގައި ނެށީ މީދޫގައި އީދު ޝޯ ދިނުމަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނަކު ކަމަށެވެ.
އެ ރަށު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ދަނީ ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، މީހުން ނަމާދުކުރަން މިހާރު ވެސް ބޭނުންކުރާ މީދޫގެ އާސާރީ މިސްކިތުގެ އެތެރެއާއި ގޯތި ތެރޭގައި ބަނޑިޔާ އަދި މާ ކޯޅިއެއް ހިފައިގެން އެ އަންހެން މީހާ ނަށާތަން ފެނެ އެވެ.
ލިބާހެއް ލައިގެން ކުޅުނު ޓިކްޓޮކްގައި މިސްކިތު ވަޅުން ބަނޑިޔަލަށް ފެން އަޅައިގެން ހިނގާފައި ދާތަން ވެސް ފެނެ އެވެ.