30 ޖޫން 2024 - 05:53

ބުދަ ދުވަހާ ގުޅޭ
ދިފްލާ ފާހާނައިން ނުކުތް އިރު ނަޖްވާނެއް ނެތެވެ. އެ ވީ ގޮތެއް ދިފްލާއަކަށް ނޭނގުނެވެ. ކޮޓަރިން ނުކުމެ ގޭތެރެ ވެސް ބެލިއެވެ. ނަޖްވާނެއް ނުފެނުނެވެ. ނަޖްވާނަށް ގުޅަންވެގެން ފޯނު ނެގިތަނާ ރާއިދުގެ ކޯލު ފެނުނެވެ. ދެން ވެސް އެ ފޯނުކޯލާއި ނަޖްވާނާ ގުޅުވާކަށް ދިފްލާ ހިތަކަށްނާރައެވެ. ނަޖްވާނަށް ފޯނުކުރިއެވެ. ގޭގެ އެނދުގައި އޮށޯވެލައިގެން ފޯނަށް ބަލަހައްޓައިގެން އޮތް ނަޖްވާން އެ ފޯނެއް ނުނެގިއެވެ. ނަޖްވާންގެ ހިތުގައި ދިފްލާއާ މެދު ޝައްކުއުފެދިއްޖެއެވެ. ނަޖްވާން ފޮނުވައިލީ މެސެޖެކެވެ.
"ވައިބާ!" މެސެޖުގައި ލިޔުނީ އެހެންނެވެ.
އެ މެސެޖު ފެނުމުން ދިފްލާ ވައިބާ ބަލައިލިއެވެ. ނަޖްވާން ފޮނުވާފައިއޮތީ ފޮޓޯއެކެވެ. ދިފްލާގެ ފޯނަށް ރާއިދު ގުޅި ވަގުތު ނަގާފައިވާ، ދިފްލާ ފޯނުގެ ފޮޓޯއެކެވެ. ފޮޓޯ ފެނުމުން ދިފްލާ އަނެއްކާ ވެސް ނަޖްވާނާ ގުޅަން މަސައްކަތްކުރިއެވެ. ކާމިޔާބެއް ނުވިއެވެ. އެތައް އިރަކު ކުރި މަސައްކަތް ނާކާމިޔާބުވުމުން ދިފްލާ ވެސް މެސެޖެއް ފޮނުވިއެވެ.
"އަހަރެން އޭރު ވެސް ބުނިން ދޯ އަހަންނަށް ޓްރަސްޓްކުރައްޗޭ!" ދިފްލާ ލިޔުނެވެ. "ތީތަ ޓްރަސްޓްކުރާ ގޮތަކީ؟"
އެ މެސެޖު ފޮނުވައިލިތާ އިރުކޮޅެއް ނުވަނީސް ނަޖްވާން ގުޅިއެވެ.
"އަހަރެން ހިޔެއްނުކުރަން ނަޖޫ ތިހާ ޝައްކުބަލި ބޮޑުވާނެކަމަކަށް." ދިފްލާ ބުންޏެވެ.
"ބޮޑުވާނެއްނު!" ހިތްހަމަނުޖެހިފައި ނަޖްވާން އެއްބަސްވިއެވެ. "ފުރި ފަހުން އެންމެ ފަހަރަކު ވެސް ރާއިދު އަހަންނަކަށް ނުގުޅާ! ކޮންމެ ގޮތެއް ވިޔަސް އަދި އެއީ އަހަރެންގެ ހަސްބަންޑް. އަހަރެން ހިތަށްއަރަނީ މަންމަ އެ ދައްކަނީ ހަމަ ރަނގަޅު ވާހަކައެކޭ. ތި ދެމީހުންގެ ކޮންމެވެސް ކަނެކްޝަނެއް އެބަ އޮތް. އެހެން ނޫނީ އެ ގަޑިއަކު ނުގުޅާނެ ދޯ؟ ކޮންމެ ރެޔަކު ވެސް އެ ގަޑީގަ ގުޅާތަ؟"
ދިފްލާ ފުރަތަމަ ހިތަށްއެރީ އެ ހިސާބުން ފޯނު ބާއްވާށެވެ. އެއް ވާހަކައެއް އެހައި ގިނަ ފަހަރު ދައްކަން ދިފްލާ ބޭނުން ނުވީއެވެ.
"އަހަރެން ބޭނުން ނުވިޔަސް، ރާއިދު ބޭނުން ގޮތަކަށް ރާއިދު އުޅޭނެ،" ނަޖްވާން އެހެން ބުނި އިރު އޭނައަށް ރޮވިއްޖެއެވެ. "އަހަންނަކަށް ނުވެސް ހުއްޓުވޭނެ. އެޔެއް ނޫން ޕޮއިންޓަކީ. ޕޮއިންޓަކީ، ދެން އަހަރުމެން ދެމީހުން މި ސަކަރާތެއްޖެހުމުގެ ބޭނުމަކީ ކޮބައިހޭ؟"
"އަހަރެން ވެސް ހަމަ ތިހެން އަހާލަން ބޭނުން،" ދިފްލާ ބުންޏެވެ. "އަހަރެން ރާއިދާ ކްލޯސްވާން ބޭނުން ނަމަ، އެޑްވާންޓޭޖް ނަގާލަން ކިހާ ސަޅި ޗާންސެއް މި ލިބުނީ؟ އޭނަ ހުރި ރަށަށް ވެސް އަހަންނަށް ދެވިދާނެ. ކާކު އަހަރެން ހުއްޓުވާނީ؟ އާނ އިރުއިރުކޮޅާ ރާއިދު ގުޅާ! އަހަރެން އެއްބަސް. އެކަމަކު އަންހެންކުއްޖެއްގެ ނަންޖަހާފަ ވެސް ރާއިދުގެ ނަން އަހަންނަށް ސޭވްކުރެވުނީސް. ކީއްވެ ނުކުރީ؟ ފޮރުވަންޖެހޭ ކަމެއް ނެތީމަ. ރާއިދަކީ އަހަރެންގެ ފްރެންޑެކޭ. ޖަސްޓް އަ ފްރެންޑް. އެ ކަމަށް ވެސް ނަޖޫ ޖެހޭނެ ޝުކުރުކުރަން. އެހެންވެގެނޭ މި ހުރިހާ ކަމެއް ނަޖޫއަށް މި ކޮށްދެވެނީ. އެހެންވެގެނޭ ނަޖޫ ޑިވޯސްނުކޮށް ވެސް ތި ހުންނަނީ. ބުނަން ނަޖޫ! ނަޖޭގެ ކައިވެނި ސަލާމަތްކޮށްދެވޭނެ މީހަކަށް މި ވަގުތު ހުރި ހަމަ އެކަނި މީހަކީ އަހަރެން."
އަޑުއަހަން އޮތް ނަޖްވާން އެއްޗެއް ނުބުނެ ވިސްނަން އޮތީއެވެ.
"އަހަރެން މި ދެއްކި ވާހަކަ ނަޖޫއަށް ގަބޫލުނުކުރެވެންޏާ، މި ހިސާބުން މި ކަން ހުއްޓާލަން ހިނގާ! މީހަކަށް ހެޔޮކަމެއްކޮށްދޭން އުޅެވުނީ އަހަރެންގެ ގަމާރުކަމުން،" ކުޑަކޮށް މާޔޫސްވެފައި ދިފްލާ ބުންޏެވެ. "ޓްރަސްޓާ ނުލައެއް މި ކަހަލަ ކަންކަމެއް ނުކުރެވޭނެ. ގުޑްނައިޓް!"
"މަޑުކޮށްބަލަ!" ނަޖްވާން އެދުނެވެ. "ސޮރީ! އަހަރެންގެ މިސްޓޭކެއް. މަންމަ ކިޔާ އެއްޗެހިން ކޮންފިޑެންސް ލެވެލް ޒީރޯގަ އަބަދު ހުންނަނީ. އެހެންވެ ނެގެޓިވްކޮށް ވިސްނުނީ. ދެން އެހެނެއް ނުވާނެ. ޕްރޮމިސް. ތެދެއް ތި ބުނީ. އަހަންނަށް ހެލްޕްކޮށްދެވޭނެ ހަމަ އެކަނި މީހަކީ ތީ. ތެންކްޔޫ! އެނގޭތަ؟ މިރޭ ދިފްލާ ނުގުޅި ނަމަ ހިޔެއްނުވޭ އަހަންނަށް އިރުއަރާނެހެނެއް."
އިރުއެރީ މުޅި އުދަރެސް ރަތުރަނުން ޖަރީކުރަމުންނެވެ. އިރު ފަރުދާކުރަން މަސައްކަތްކުރި ފަނުގެ ފަންވަތްތަކުގެ ތެރެއިން ސިއްރުން ބަލަމުންނެވެ. ކާޅުގެ އަޑު އޮއްބައިލަން މަސައްކަތްކުރި ކޮވެއްޔާއި ހާލަށް މުބާރާތުން އެއްވަނަދެމުންނެވެ. ދިފްލާއަށް ހީވީ ހަމަ އެ ތަނުގައި ހުރެވުނުހެންނެވެ. އެހެނަސް އެއީ ރާއިދުގެ ފޯނުން ދިފްލާއަށް ވަގުތުން ދެއްކި މަންޒަރެކެވެ.
"އަޅޭ! ދާހިތްވެއްޖެ!" ނިދިއަޑަކުން ދިފްލާ ބުންޏެވެ.
"އަބަދު އުޅޭނެ އިރުއަރާ ތަން ބަލަން ދާ ހިތުން،" ރާއިދު ބުނި އަޑުއިވުނެވެ. "އެހެންވެ ހިތަށްއެރީ ދައްކާލާނަމޭ!"
"ދެން ދަންވަރު ގުޅީ ކީއްކުރަން؟" ދިފްލާ ސުވާލުކުރިއެވެ. "ބުނޭ ހަނދު ދައްކާށޭ!"
ރާއިދު ހީނގަތް އަޑުއިވުނެވެ. އެހެނަސް، ސިއްރު ބޭޒާރުނުވާނެކަމުގެ ޔަގީންކަން ރާއިދަށް އޮތެވެ.
"ދެން ކޮންވެސް ބަހަނާއެއް ދައްކަންވާނެ ދޯ؟ ފޫހިވާ އިރަށް ދިފްލާއަށް ގުޅާލަނީޔޭ ބުނާކަށް ނުކެރޭނެއްނު!" ރާއިދު ބުންޏެވެ. "ކުޑަކުޑަކުއްޖަކު ނިދިން ހޭލައްވާލައިގެން އަހަރެން ފޫހިފިލުވަން ބޭންދުމަކީ ކިހާ ބޮޑު އަނިޔާއެއް. ޗައިލްޑް އެބިއުސް ތުހުމަތު ވެސް އަހަރެންގެ ބޮލުގައެޅިދާނެ."
"ތެދެއް ތި ބުނީ،" ދިފްލާ އެންމެ ކަންބޮޑުވާ ހަގީގަތާ ކުރިމަތިލިއެވެ. "އަހަންނަށް އަދި އެއިޓީނެއް ނުވޭ! އެއިޓީން ނުވެގެން ކުޑަކުއްޖެކޭ ކިޔަންޏާ ކިޔަންވީ. އަހަރެންގެ ނެތް މައްސަލައެއް. އެކަމަކު، ކުޑަކުއްޖަކަށް އޮޅުވައިލާހެން އަހަންނަކަށް އޮޅުވައެއް ނުލެވޭނެ. ތި ބުނީނު ފޫހިވާތީއޭ ގުޅަނީ. އެ ވެސް ބަހަނާއެއް. ދޮގެކޭ ބުނެބަލަ!"
ރާއިދު އެއްޗެއް ނުބުންޏެވެ. ހިތަށް ވަން ބިރުވެރިކަމެއްގެ ސަބަބުން ރާއިދުގެ އަކުރުތަކުން ފިލި ވެއްޓުނު ކަހަލައެވެ. ވާހަކައެއް ބުނަން ރާއިދު މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.
"ފޫހިވޭ އިނގޭ!" ރާއިދު ބުންޏެވެ. "ވަރަށް ބޮޑަށް ފޫހިވޭ! އެކަމަކު މި ރަށުގަ ވެސް ރައްޓެހިން އެބަ އުޅޭ! މަހަށް ޖައްސައިލިޔަސް ފޫހިފިލާނެ. ދަނޑެއް ވެސް އެބަ އޮތް. ކުޅެން ވެސް ދެވިދާނެ. ކުއްޔަށް ދޫކުރާ ޖެޓްސްކީ ވެސް އެބަ ހުރި. ފޫހިފިލުވިދާނެ. އެހެން ކަމަކު މި ގުޅެނީ."
"ކޮން ކަމަކު؟" ބިރުންހުރެ ދިފްލާ އެހިއެވެ.
"ތިހާ މޮޅިއްޔާ އެ ކަމެއް ވެސް އެނގޭނެއްނު! ބުނަންވީނު!" ރާއިދު ފުރުސަތުދިނެވެ.
ދިފްލާ ހިތަށްއެރިއެވެ. ރާއިދު ބުނަން އެ އުޅެނީ ލޯބިވާ ވާހަކައެވެ. ނުވަދިހަ ނުވަ ޕަސަންޓު ޔަގީނެވެ. ބިރަކީ ބާކީ އޮތް އެއް ޕަސަންޓެވެ.
"ދެން ބުނެބަލަ!" ދިފްލާ އެދުނެވެ. "އަހަރެން ކައެއްނުލާނަމޭ!"
ދެވަނަ ފަހަރަށް ވެސް ރާއިދު ހިތްވަރުކުރިއެވެ. ދިފްލާއަކީ ކެރޭ ކުއްޖެކެވެ. ބުނަން ބޭނުން އެއްޗެއް ބުނާނެއެވެ. ހެދޭ ގޯހަކުން، ތިލަފަތުގެ އަނެއް ކޮޅުގައި އޮތް ރަހުމަތްތެރިކަން ގެއްލިދާނެއެވެ. އެއް ފަހަރު ވެސް ގެއްލިއްޖެ ނަމަ، ދެނެއް އެޔެއް ނުލިބޭނެއެވެ. ރާއިދު ބޭނުންވީ ދިފްލާގެ ފަރާތުން ފެހިސިގުނަލެކެވެ. ރާއިދުގެ ފަރާތުން ދިފްލާ ވެސް ބޭނުންވީ ހަމަ އެޔެވެ. އެއީ ދުނިޔޭގައި އެ ފަދަ ކަމެއް އަލަށް ދިމާވި ފަހަރެއް ނޫނެވެ. މަލެއް މޯޅިވަނީ އެ މާ ފޮޅިފައިހެއްޔެވެ؟ އަތުން ދޫވަނީ އެ އަތުގައި ހިފިފައިހެއްޔެވެ؟ ބުނާ ބަޔަކު ބުނެއެވެ. ނަސީބުގައި އެ ކަން ވާން ނެތީއެވެ. ހަގީގަތުގައި ފޯނުބެޓެރީގެ ބާރު ނެތީއެވެ. ފޯނު އެ ހިސާބުން ކެނޑުނީއެވެ. ކޮންމެ މީހަކު ވެސް އަނެކަކު ގުޅާނެކަމަށް މަޑުކުރީއެވެ.
"އެއީ ކީއްކުރަންހޭ ދަރިފުޅު މަޑުކުރަނީ؟" މައުސޫމާ އެހިއެވެ. "އަޖައިބެއް ފަހެ ނުވާނެ؟"
ދިފްލާ އިޝާރާތްކުރީ ފަހަންހުރި ހެދުންތަކަށެވެ. ހެނދުނުގެ ވަގުތެވެ. މައުސޫމާ އަވަދިނެތިއުޅުނީ ބަނބުކެޔޮތަކެއް ކޮށުމުގެ މަސައްކަތުގައެވެ. ސަމަދު އޭރު ނުކުންނަނީއެވެ.
"ދެން އެ މަންޖެ ބައިންދަބަލަ!" ސަމަދު ބުންޏެވެ. "ޖެހިގެން މި އޮތް އިންޑިޔާއަށް މި ދަނީ. އިނގެރޭސިން ތަޅުވަންވާ ހުރިހާ އަނގައެއް މާނީ ތަޅުވާނެ. އެ ކޮޅުގަ ޖެހޭ ގޮތަށް އޮންނާނީ މި ކޮޅަށް އަންނަންޖެހިފަ. ޑޮކްޓަރަށް ދައްކާ އިރަށް ބުނާނެ ލުއިވާށޭ! ދެން ދޭނީ ބޭސް. ކަކޫ ބަދަލުކުރަން މައުސޫމާއަށް ކެރޭނީކީ ނޫން."
"ކޭކުތަކެއް ވެސް ނިންމަން އެބަ ހުރި." ދެއްކުނު ހުރިހާ ބަހަނާއެއްދައްކަން ފޫގަޅައިގެންހުރި ދިފްލާ ބުންޏެވެ.
އެ ދަނޑިވަޅުގައި ގޭގެ އެންމެ ފުރުމަކީ ދިފްލާއަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ނަޖްވާންގެ ފަރިތަކުރުން ދެން ބޭއްވީ ދިފްލާގެ ގޭގައެވެ. ވަށްކޮށް ރޮށިދަމަން ނަޖްވާން ވަރަށް އަވަހަށް ދަސްކުރިއެވެ. އަންނައުނުގެ ކުލަ ވަކިކުރުމުގައި މާ ބޮޑު ކުރިއެރުމެއް ނުހޯދުނެވެ. ފެހުމުގައި ސީދަލަށް ފަތިޖަހަން ދަސްވިއެވެ. ހެދުންކެނޑުމާއި، އިސްތިރިކުރުމުގެ ފުރަތަމަ ހަރުފަތްތައް ގިރާކުރެވުނެވެ. ދަސްނުވާނެހެން ހީވެގެން ހުއްޓައިލި ފަހަރު ވެސް މަދެއް ނޫނެވެ. އަނެއްކާ ވެސް ފަށަނީއެވެ.
"ދިފްލާ ކުރާ ގޮތަކަށް އަހަންނަކަށް ނުކުރެވޭނެ. ދިފްލާ އުޅޭހެނެއް ވެސް ނޫޅެވޭނެ،" އިސްތިރިކުރުން މެދުކަނޑައިލަމުން ނަޖްވާން ބުންޏެވެ. "ނުވެސް އެނގޭނެކަން ނޭނގެ އެހެން އުޅޭކަށް. ކިހާ ވަރުބަލިވާނެ؟ ކިހާ ގައިގަރިއްސާނެ؟"
"އެހެން ނޫޅޭތީއޭ ތި ތަންތާނގަ ރިއްސަނީ،" ހިތްވަރުދެމުން ދިފްލާ ބުންޏެވެ. "ދުވަސްކޮޅަކުން އާދަވާނެ. އަމިއްލަ އަންނައުނު ދޮވެލަން ދަސްވިޔަސް އެ ވެސް ކިހާ ބޮޑު ވަރެއް؟ އެއީ އެހާ ކަމެއް ނޫނޭ! ތިހެން ގޭގަ ހުންނަ އިރު، އަމިއްލަ އެއްޗެހި ދޮންނަން ފަށާބަލަ! އަމިއްލައަށް ތަންމަތިއަޅާލަބަލަ! ކޮއްކޮއަށް ކުރެވެންޏާ ނަޖޫއަށް ވެސް ކުރެވޭނެއްނު."
އެ ދުވަހު ދެން އޮތީ ތަންމަތިއަޅަން ދަސްކުރުމެވެ. ދިފްލާ އެ ކަން ކުރި އިރު ނަޖްވާން ބަލަން ހުއްޓެވެ.
"އެނދު ޖެހޭތަ ތަންމަތިއަޅަން؟" ނަޖްވާން އެހިއެވެ. "އޮށޯންނަ އިރަށް އަނެއްކާ ހަޑިވާނެއްނު!"
"އޯކޭ! ތަންމަތިނާޅާ! އެނދު ފޮޅާލާފަ، ބެޑްޝީޓަށް މިހެން ދަމާލާ ރޫފިލުވާލާފަ، ބާލީސް މިހެން ތަރުތީބުކޮށްލާނީ!" ދިފްލާ ބުންޏެވެ.
"އެކަމަކު ރޫތައް ހުއްޓަސް ކޮބާހޭ މައްސަލައަކީ؟" ނަޖްވާން ބުންޏެވެ. "އިޓްސް ޖަސްޓް ރޫ!"
"މައްސަލައެއް ނެތޭ! އެކަމަކު އަހަރެން ބުނީތީ އެހެން ހަދާލެވިދާނެއްނު!" ދިފްލާ އެދުނެވެ.
"އެހާ ބޭކާރުކަމެއް ކޮންމެ ދުވަހަކު ނުކުރެވޭނެ!" ނަޖްވާނަކަށް އެއްބަހެއް ނުވެވުނެވެ. "ކޮންމެ ކަމަކަށް ވެސް ލިމިޓެއް އޮންނަންޖެހޭ!"
"އެހެންވިއްޔާ ނަޖޫ ޑިވޯސްވެގެން ގޮސް ތި ކަހަލަ ލޭޒީ ފިރިހެނަކާ އިނދޭ!" ދިފްލާއަށް ދެވުނީ ރުންކުރު ޖަވާބެކެވެ.
ނުނިމޭ