06 ޖުލައި 2024 - 21:42

މީގެ ނުވަ މަސް ކުރިން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 38،000 އިން މައްޗަށް ގޮސްފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނީ އިއްޔެއާ ހަމައަށް ޝަހީދުވި މީހުންގެ އަދަދު 38،098 އަށް އަރާފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހޮނިހިރު ދުވަހުގެ 48 ގަޑިއިރު ކުރިން ޝަހީދުވި 87 މީހުން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކުރުމާ އެކު އިޒްރޭލުން ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ އާންމުންނެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ގިނަ އެވެ.
އެތައް ހާސް ބަޔަކު މި އަނިޔާވެރި ހަމަލާތަކުގައި ޝަހީދުކޮށްލާފައި ވާއިރު 87،705 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
އިޒްރޭލުގެ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބެލެވޭ އެތައް ކަމެއް ހުރުމުން، ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް އަމަލުތައް ބަދަލުކޮށް އެކަން އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އަންގަން އަމުރުކޮށްފައި ވިޔަސް އިޒްރޭލުން އެކަމަށް ތަބައެއް ނުވެ އެވެ. އަދި އދ. އާއި އެކި ގައުމުތަކުގެ ގޮވާލުންތަކަށް ވެސް އަޅައެއް ނުލަ އެވެ.