އިޒްރޭލުން އަނެއްކާވެސް ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި
އިޒްރޭލުން އަނެއްކާވެސް ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދިނުމަށް ބޭނުންކުރާ ސްކޫލަކަށް އިޒްރޭލުން އަނެއްކާވެސް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުން އަނެއްކާވެސް ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި
އިޒްރޭލުން އަނެއްކާވެސް ސްކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ނުސައިރަތުގައި ހުންނަ، އދ. އިން ހިންގާ އަބޫ އަރަބަން ސްކޫލަށް ދިން ހަމަލާގައި 15 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. މިއީ މިދިޔަ އަށް ދުވަހުގެ ތެރޭގައި މިހެން ބޭނުންކުރާ ސްކޫލްތަކަށް ދިން ފަސް ވަނަ ހަމަލާ އެވެ.

ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މުހައްމަދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ ހަމަލާދިން ސްކޫލަކީ އެތައް ހާސް ބަޔަކު ހިމާޔަތް ހޯދަމުން އަންނަ ތަނެއް ކަމަށާއި ހަމަލާގައި ޝަހީދުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

މި ސަރަހައްދުގައި ހުންނަ އެހެން ދެ ސްކޫލަކަށް ވެސް އިޒްރޭލުން މީގެ ކުރިން ވަނީ ހަމަލާދީފަ އެވެ.

އިޒްރޭލުން މިފަހަރު ވެސް ބުނީ ހަމަލާ ދިނީ އދ.ގެ ރެފިއުޖީ އެޖެންސީ އުންރުވާ އިން ހިންގާ ސްކޫލްތަކުން ހިމާޔަތް ހޯދާ "ޓެރަރިސްޓުންނަށް" ކަމަށެވެ. މިފަހަރު ހަމަލާ ދިން ސްކޫލަކީ ވެސް އިޒްރޭލަށް ހަމަލާދޭ މީހުން ފިލައިގެން އުޅޭ އަދި ހަމަލާތައް ރޭވުމަށް ވެސް ބޭނުންކުރާ ތަނެއް ކަމަށް އިޒްރޭލުން ބުންޏެވެ.

ތިން ބުރިއަށް ހުރި އިމާރާތަށް ހަމަލާގައި ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ. އދ. އިން ހިންގާ ސްކޫލެއްގައި އަންގައިދޭން ޖަހާފައިވާ ބޯޑު ވެސް ހަމަލާގައި އޮތީ ހަލާކުވެފަ އެވެ.

މީގެ ނުވަ މަސް ކުރިން އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 38،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ކުރިއަށް ގެންދާ ސުލްހައިގެ ވާހަކަތަކުން ވަކިވާން ހަމާސް އިން މިހާރު ވަނީ ނިންމައިފަ އެވެ. ހަމާސް އިން ބުނީ އިޒްރޭލުގެ ރަނގަޅު ނިޔަތެއް ނެތް ކަމަށާއި މިހާރު ދޭ ގޮތަށް ވަރުގަދަ ހަމަލާތައްދީ ގަތުލްއާންމުތައް ހިންގަމުންދާ ނަމަ ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. -- އޭއެފްޕީ