ފުލުހުންގެ ބަންދަށް ގެންދަން އުޅުނު މީހަކު ފިލަން އުޅެނިކޮށް، ފުރާޅުމަތިން ވެއްޓި ހާލު ސީރިއަސްވެއްޖެ
ފުލުހުންގެ ބަންދަށް ގެންދަން އުޅުނު މީހަކު ފިލަން އުޅެނިކޮށް، ފުރާޅުމަތިން ވެއްޓި ހާލު ސީރިއަސްވެއްޖެ

ފުލުހުންގެ ބަންދަށް ގެންދަން އުޅުމުން ފިލަން އުޅުމުގެ ތެރޭގައި މާލޭގެ ގެއެއްގެ ފުރާޅުމަތިން ވެއްޓުނު މީހެއްގެ ހާލު މިއަދު ސީރިއަސްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން، އެ ކޯޓަށް މެންދުރު 1:00 ހާއިރު ހާޒިރުކުރަން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި އުމުރުން 38 އަހަރުގެ ފިރިހެނަކަށް އަނިޔާވުމުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި ފުލުހުން އަމަލުކުރި ގޮތާ މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމަށް ފުލުހުންނާ، އާއިލާ އިން ހިއްސާ ކޮށްފައި ވާތީ އެކަން ބަލަން ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި އެޗްއާރުސީއެމްގައި ވެސް އެދިފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ގޭގެ ފުރާޅުމަތިން ވެއްޓި އެ މީހާގެ ބޮލަށާއި މައިބަދަ އަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފަ އެވެ.

އާއިލާގެ ހިތްހަމަނުޖެހުންތައް ބޮޑުވީ، އެ ފިރިހެންމީހާ ވެއްޓި އަނިޔާވުމުން ވެސް، ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ކަސްޓޯޑިއަލް އަށް ގެންދިއުމުންނެވެ.

އެކަމަކު، ފަހުން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެދުމަށް ފަހު، އޭނާގެ އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ. އެ މީހާގެ ހާލު ސީރިއަސް ކަމަށް އެނގިފައި ވެ އެވެ.