އޮސްކާގެ އެންމެ މޮޅު ފިލްމަކަށް "މޫންލައިޓް"
އޮސްކާގެ އެންމެ މޮޅު ފިލްމަކަށް "މޫންލައިޓް"

އެކެޑެމީ އެވޯޑް ނުވަތަ އޮސްކާ އެވޯޑްގެ 14 ނޮމިނޭޝަނާ އެކު މިއުޒިކަލް/ކޮމެޑީ "ލާ ލާ ލޭންޑް" ފެވަރިޓިއެއްގެ ގޮތުގައި އޮތް ނަމަވެސް، ހީވެސް ނުކުރާ ކަހަލަ ގޮތަކަށް އެވޯޑްތައް ބެހިގެން އެންމެ މޮޅު ފިލްމުގެ އޮސްކާ "މޫންލައިޓް" އުފުލާލައިފި އެވެ.

އޮސްކާގެ އެންމެ މޮޅު ފިލްމަކަށް "މޫންލައިޓް"
އޮސްކާގެ އެންމެ މޮޅު ފިލްމަކަށް "މޫންލައިޓް"

މޫންލައިޓަށް އެވޯޑް ލިބުނީ އެންމެ މޮޅު ފިލްމުގެ އެވޯޑް "އޮޅިގެން" ލާ ލާ ލޭންޑް" އަށް ދިނުމަށް ފަހު އެވެ. ލާ ލާ ލޭންޑުގެ ތަރިން ސްޓޭޖަށް އަރައި އެވޯޑާ ހަވާލުވެ ވާހަކަ ވެސް ދެއްކި ފަހުން، އެ ފިލްމުގެ ނަން އިއުލާނުކުރެވުނީ އޮޅުމަކުން ކަމަށް ވަނީ ބުނެފަ އެވެ.

ކުޑަ ބަޖެޓަކުން ހަދާފައިވާ "މޫންލައިޓް" އަށް މިއަދު ބޭއްވި 89 ވަނަ އޮސްކާ ހަފުލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބުނު އިރު، އެ ފިލްމުން މެހެރްޝާލާ އަލީ އަށް ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ.

އަދި އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އޮސްކާ ވެސް ލިބުނީ ބެރީ ޖެންކިންސް ޑައިރެކްޓްކޮށްފައިވާ "މޫންލައިޓް" އަށެވެ.

އެންމެ މޮޅު އެކްޓަރުގެ އޮސްކާ "ލާ ލާ ލޭންޑް" އިން އުފުލައިލުމުގެ ހުވަފެން ދެކެމުން ދިޔަ ރަޔަން ގޮސްލިންގެ ހުވަފެން ބިލާހަކަށް ހަދައިލުމަށް ފަހު އެންމެ މޮޅު އެކްޓަރުގެ އެވޯޑް އުފުލައިލީ "މެންޗެސްޓަ ބައި ދަ ސީ" އިން ކެސީ އެފްލެކެވެ.

އެ ފިލްމަށް ވަނީ ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭގެ އޮސްކާ ވެސް ލިބިފަ އެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑް "ލާ ލާ ލޭންޑް" އިން އެމާ ސްޓޯން ކަށަވަރު ކުރި އިރު، އެންމެ މޮޅު ޑައިރެކްޓަރަކީ ބެސް އެ ފިލްމުގެ ޑައިރެކްޓަރު ޑެމިއަން ޗެޒެލް އެވެ. "ލާ ލާ ލޭންޑް" އުފުލައިލި އިތުރު އެވޯޑްތަކުގެ ތެރޭގައި ބެސްޓް ސިނަމަޓޮގްރަފީ، ބެސްޓް އޮރިޖިނަލް ސްކޯ، ބެސްޓް އޮރިޖިނަލް ސޯންގް އަދި ބެސްޓް ޕްރޮޑަކްޝަން ޑިޒައިން ހިމެނެ އެވެ.

މި ފަހަރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް އުފުލައިލީ "ފެންސެސް" އިން ވަޔޯލާ ޑޭވިސް އެވެ.

އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމަކަށް އިރާންގެ ޑައިރެކްޓަރު އަސްގަރް ފަރްހާދީގެ "ސޭލްސްމަން" ހޮވުނު އިރު އެންމެ މޮޅު އެނިމޭޓެޑް ފިލްމަކަށް ހޮވުނީ ޑިޒްނީގެ "ޒޫޓޯޕިއާ" އެވެ.